ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް. --ފޮޓޯ: ނިޝާން އަލީ/ މިހާރު
02 ފެބުރުއަރީ 2017 - 21:52
ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމުން މުހައްމަދު ލަތީފް ދުރުކުރުމަށްޓަކައި ޔޫތު ސްޕޯޓްސް ކްލަބުން މަސައްކަތް ފަށައިފި އެވެ.
ޔޫތުން ވަނީ، އެ ކްލަބުގެ ނަމުގައި ރައީސްގެ މަގާމަށް ވާދަކުރެއްވި ލަތީފް އެ ކްލަބުގެ މެމްބަރުކަމުން މިއަދު ވަކިކޮށްފަ އެވެ. ވޮލީބޯޅަ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާ ހަވާލާދީ އެ ކްލަބުގެ އޮފިޝަލަކު ބުނީ ޔޫތުގެ މެމްބަރުކަމުން ލަތީފް ވަކިކުރުމާ އެކު އެސޯސިއޭޝަނުގެ ރައީސްކަމުން ވެސް އޭނާ ވަކިވާނެ ކަމަށެވެ.
އެ ކްލަބުން ރިއާޔަތްކުރަނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގެ 23 ވަނަ މާއްދާގެ ށ. ގައި ހިންގާ ކޮމިޓީގެ މެމްބަރުކަމުން ވަކިކުރެވޭނެ ކަމަށް ބުނެފައިވާ އެއް ހާލަތަށެވެ. އެގޮތުން ށ. ގެ ފަސް ނުކުތާގައި ބުނެފައިވަނީ ހާލަތަކީ "ފުރިހަމަ މެމްބަރުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބުކޮށްފައިވާ މެމްބަރަކު، އޭނާ ރަޖިސްޓްރީ ވެފައިވާ ކްލަބް ނުވަތަ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ މެމްބަރުކަމުން ވަކިކުރުން ނުވަތަ އިސްތިއުފާ ދިނުން" އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ލަތީފް މިއަދު ވިދާޅުވީ އޭނާ އަކީ ހަމައެކަނި ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރެއް ނޫން ކަމަށާއި އޭނާ އަކީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ފުރިހަމަ މެމްބަރު ކްލަބްތަކުގެ ތެރެއިން ޔޫތު ސްޕޯޓްސް ކްލަބުގެ އިތުރުން ވެސް އެހެން ކްލަބްތަކުގެ އެގްޒެކެޓިވް ކޮމިޓީގައި ވެސް ހުރި މެމްބަރެއް ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުގެ މަގާމެއް، ޔޫތު ސްޕޯޓްސް ކްލަބުން ވަކިކުރިޔަސް ނުގެއްލޭނެ،" ލަތީފް ވިދާޅުވި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ލަތީފް (ކ-2) އިޔާޒް (ވ-2) އާ އެކު. -- ފޮޓޯ: މިހާރު
އެނގިފައިވާ ގޮތުގައި ޔޫތުގެ މެމްބަރުކަމުން ލަތީފް ވަކިކުރިކަން އެ ކްލަބުން އާދީއްދަ ދުވަހު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ އެވެ. ޔޫތުން މި ނިންމުން ނިންމި އިރު، އެ ކްލަބުގެ އިސް ހަރަކާތްތެރިޔާ އަލީ އިޔާޒް ވަނީ ދާދި ފަހުން އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ވަކިވި ސަބަބެއް ހާމަކޮށްފައިނުވި ނަަމަވެސް އެނގިފައިވާ ގޮތުގައި އެސޯސިއޭޝަނުގެ ހިންގާ ގޮތާ މެދު އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ލަތީފް ވެސް ވަނީ އެގްޒެކެޓިވް ކޮމިޓީގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމަށް ވިދާޅުވެފަ އެވެ. ލަތީފް ވިދާޅުވީ ރައީސް ޔާމީނުގެ ކުޅިވަރު މެނިފެސްޓޯ ތަންފީޒްކުރުމަށްޓަކައި މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ އެކު އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތް ހަޖަމް ނުކުރެވިގެން އެކަން ފެއިލްކޮށްލުމަށްޓަކައި މަސައްކަތްކުރާ ބަޔަކު އެގްޒެކެޓިވް ކޮމިޓީގެ ތެރޭގައި އުޅޭ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން ޒުވާނުންނަށްޓަކައި މި މަސައްކަތްކުރާނަން. އަޅުގަނޑުމެންގެ އެގްޒެކެޓިވް ކޮމިޓީގެ މެޖޯރިޓީގެ ފުރިހަމަ ބާރާ އެކު އަޅުގަނޑު އެސޯސިއޭޝަން ހިންގަމުންދަނީ. ވޮލީ ކުޅުންތެރިންނާއި ވޮލީ އާއިލާ އަށް ގެއްލުން ވިޔަކަ ނުދޭނަން. ވޮލީގެ އާއިލާގެ ފަރާތުން ރައީސް ޔާމީން ބޭނުންފުޅުވާ ކުޅިވަރުގެ މެނިފެސްޓޯ ތަންފީޒްކުރުމުގައި އަޅުގަނޑުމެންގެ މިނިސްޓަރު އިރުތިޝާމް އާދަމްގެ ފަހަޔްޕުފުގައި އެންމެ ކުރީ ސަފުގައި ވޮލީ އެސޯސިއޭޝަން އޮންނާނެ. ވޮލީއަށް ގެއްލުން ދެވޭނެ ބަޔަކު ނޯންނާނެ،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަނގަޅު ލީޑަރުންނަކީ މައްސަލަތަކެއް ހުއްޓަސް ފަހަތްނުބަލާ ކުރިއަށް ހިނގާ ބަޔެއް ކަމަށައި އޭނާ ހުރީ އެސޯސިއޭޝަނުގެ ތެރޭގައި ހުރި މައްސަލަތައް ވެސް އަމިއްލަ އަށް ހައްލުކޮށްގެން ކުރިއަށްދާން ތައްޔާރަށް ކަމަށެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ލަތީފް (ވ-3) ނައިބް ރައީސް އިއްޒަތު (ވ-2) އެހެން މެމްބަރުންނާ އެކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެނގިފައިވާ ގޮތުގައި އެސޯސިއޭޝަނުގެ ނައިބް ރައީސް އިއްޒަތު ވަހީދާ ވެސް ހިޔާލުތަފާވުންތައް ވަނީ އުފެދިފަ އެވެ. އިއްޒަތަކީ ކުރީގެ ރައީސް މުހައްމަދު ރިޔާޒުގެ ދައުރުގައި އެސޯސިއޭޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މުވައްޒަފެކެވެ. ރިޔާޒާ ދެކޮޅަށް ނުކުމެ އިއްޒަތު ވަނީ އެންމެ ފަހުގެ އިންތިހާބުގައި ގިނަ ކްލަބްތަކެއް ކޮންޓްރޯލް ހޯދައިފަ އެވެ.
ލަތީފް ވިދާޅުވީ އޭނާއާ ނައިބް ރައީސާ އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ނައިބް ރައީސުންނަކީ ގެންއުޅެން ވަރަށް އުނދަގޫ ބަޔެއް ކަމަަށެވެ.
"އަޅުގަނޑުމެން ގައުމުގައި އުޅޭއިރު ތަޖުރިބާއަށް ބަލާފައި އަޅުގަނޑުމެން ހަމަ ނައިބް ރައީސަށް ވަރަށް ވިސްނައިގެން އުޅެނީ. އެހެން ނަމަވެސް ނައިބް ރައީސް މަކަރެއް އަޅުގަނޑަށް ހަދާފާނެ ކަމަށް އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން. ނައިބް ރައީސަކީ އަސާސީ ގަވާއިދު ބުނާ ގޮތުގައި އަޅުގަނޑު އަންގާ އެންގުންތަކަށް އަމަލުކުރަން ހުންނަން ޖެހޭ މީހެއް،" ލަތީފް ވިދާޅުވީ އެވެ.
ލަތީފް ވިދާޅުވީ އޮފީސް ހިންގުމުގެ ހުރިހާ މަޝްވަރާއެއް ނައިބް ރައީސާ ކުރާނެ ކަމަށާއި މިއަދު އިއުލާންކުރި ވޮލީބޯޅަ ކަލަންޑާރާއި ރިޒޯޓް މުބާރާތުގެ ގަވާއިދަކީ ވެސް ސީދާ ނައިބް ރައީސް ތައްޔާރުކޮށް އޭނާއާ ހަވާލުކުރި އެއްޗެއް ކަމަށެވެ.
"ވަރަށް ބޮޑަށް އެއްބާރުލުން ލިބޭ (ނައިބް ރައީސްގެ ފަރާތުން)،" ލަތީފް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
04 February 2017
ތި ލަތީފަކީ ކަމުދާ މީހެއް ނޫން. ބަހާއި ޢަމަލު ދިމާވާ މީހެއް ނޫން
އަހަންމާ
04 February 2017
ލަތީފު ކޮންމެވެސް މަގާމު ދޫނުކުރާތި ހަމަނުޖެހުން އުފައްދާ މަސްލަހަތު ގެއްލުވާލަން އުޅޭމީހުންގެ ކަންތައްތައް ކޯޓުމެދުވެރިކޮށް ނިންމާލާ އޭރުން މަގުސާފުވީ ހަމަޖެހުން އުފައްދައިގެން ވޮލީބޯޅައެއްކަމަކުވެސް ތަރައްގީކުރެވޭނީ މަގޭމެން ޕިންކީސަރުކާރު ނަމޫނާއަކަށްބަލާބަލަ. ދެން މަގޭމެންގެ ބަސްއަހާ ބްލޫސް ނަމޫނާއަކަށް ބަލާބަލަ ކަންކަން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ކޯޓުތަކުން ލަތީފުވެސް ކޯޓަށްގޮސް ތިކަންނިންމާ ނަމަނަމަ ތިޔަ މުއައްސަސާ ތަރައްގީކުރާތި އޭރުން ރައްޔިތުން އުފާވާނީ ހުޅަނގުގެ ފާޑުކިޔުމަކަށް ބަލާކަށް ނުޖެހޭ މިގައުމު ހިންގާނީ ދިވެހިން ބޭނުންވާގޮތަށް މަގޭމެން ޕިންކީން ބަލާނީ އަބަދުވެސް ކޯޓުއަމުރަށް ހަމަ ލިބުމާއެކު ބްލޫސްލައްވާ އުފުރާލާނަން ލަތީފުވެސް ކޯޓުން އަމުރެއްނަގައިގެން ހަމަނުޖެހުން އުފައްދަން އުޅޭމީހުން އުފުރާލަންވީ އެކަމަކު ގާނޫނީއިމުގެތެރެއިންކުރާތި ނޫނީ ވެއްޓޭނެ ގާނޫނުނޭންގެންޏާ ހަމަ ވެއްޓޭނީ ރަންރީދުލޭމެންނަށްވެސް ވީ އެހެން
ލައްލަ
04 February 2017
ވެރިކަން ލިބުނީމަކާ ބައިއަޅައިގެނެއް ކަންކަމެއް ނުކުރެވޭނެ އޭރުން ތަރައްގީ މަޑުޖެހެނީ އެހެންވެ އެންމެން ރުއްސައިގެން ކިހިނެއް ކަމެއްކުރާނީ އެންމެން ރުއްސުމުގެ ތިޔަރީއަކީ ހުޅަނގުގެ ޒަޔަނިސްޓުވިސްމެއް އޭގެ ބަދަލުގައި މުސްލިމު ގައުމުތައް ނަމޫނާއަކަށް ނިކަން ދެކެބަލަ ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން ކަންކުރާގޮތަށް މަގޭމެން ޕިންކީ ސަރުކާރުން ކަންކުރާނީ ތަރައްގީއަށް އިސްކަންދެވޭނީ ހަމަޖެހުން އޮންނާނީ އޭރުން ލަތީފުވެސް ތަރައްގީއަށް ބަލާފަ ހަމަޖެހުން ގާއިމުކޮށްގެން ހިންގަން އުޅޭ ހަމަނުޖެހިން ހިންގާމީހުން ތިބެން ހުންނާނެ ދޫނިދޫގައި ތަނެއް ހަދާފަ އެތަނަށް ހަމަނުޖެހުން އުފައްދަންއުޅޭ އެންމެންލާ އަކަން ކޮށްދޭންެ ބްލޫސްކުރިން ކާރީ ބުނެލަނިކޮށް މިަކަމަށް އެކަުދިން ވަރަށް ފަރިތަވާނެ އަވަހަށް ތިޔަ އެސޯސިއޭޝަން ސާފުކޮށްލާ ކޯޓަށް ގަޮސް އެކަން ކުރާނީ ކޯޓުން ނިންމީމާ ގާނޫނީއިމުގެތެރެން ތަންފީޒުކުރަން ފަށަންވީ މަގޭމެން ޕިންކީސަރުކާރުން އެއްވެސް ކަމަކާ ނުބެހޭނެ ހަމައެކަނި ގާނޫނީ އިމުގެ ތެރެއިން ތަންފީޒުކުރާނީ އޭރުން ހަމަޖެހުން ގެނެވޭނީ ތަރައްގީ ކުރެވޭނީ ތި އެސޯސިއޭޝަންވެސް ތަރައްގީ ކުރަން ބޭމިއްޔާ ހަމަނުޖެހުން އުފައްދާ އެންމެން ގާނޫނީ އިމުގެ ތެރެއިން ޖަލަށްލާ ކޮންމެވެސް މަގާމު ދިފާއުކުރާތި އޭރުން ތަރައްގީ ކުރެވޭނީ
އަލީ
04 February 2017
މަގޭމެންގެ ޕިންކީސަރުކާރު އައިފަހުން ކުޅިވަރުގެތެރެއަކު ސިޔާސީ ފިކުރެއްނޯންނާނެ ކުޅިވަރުގެ ކަމަކާ ހިތްހަަމަނުޖެހެންޏާ ކޯޓަށް ގޮސް ނިންމަންވީ މަގޭމެންގެ ސަރުކާރެއްގައި ކޯޓުތަކަކަށް އަތެއްނުބާނާނެ ކޯޓުތަކަށް އޮންނާނީ އިހްތިރާމާއި ލޯބި ކުޅިވަރުކުޅޭކުދިންވެސް ތިބެންޖެހޭނީ ބަސްއަހައިގެން ތަރައްގީބަލަން ބުރިޖްބަލަން އޭރުން ސްމޫތުކޮށް މިކަން ކުރެވޭނީ މިއުޅޭރަންރީދުލޭމެންގެ ވެރިކަން ވެއްޓުނީ ކޯޓުތަކަށްއަތްބާނާތީ އިހްތިރާމްކުރަން ނެންގުނީމާ ލަތީފުވެސް މައްސަލައެއްއޮތިއްޔާ ކޯޓަށް ގޮސް މައުސޫމުކަން ސާބިތުކޮށްދީބަލަ އޭރުން ނިމުނީ އަބަދު ބްލޫސްއަށް ދުއްތުރާކުރަން ނޫޅޭބަލަ މަގައު ހަމަޖެހިގެން މަގުތައް އަމާންކުރާކުދިންނަކީ ބްލޫސް އެމީހުންގެ މުސާރައިގެ ކަންތައްތައް މިހާރު ހަަމަޖައްސަމުން މިގެންދަނީ ނޫނީ އުފުރާލައިގެން ކޮފީޝޮޕަށް ގެންދަން ޖެހިދާނެ ނޫނީ ތަރައްގީބަލަން ރީތިކޮށްތިބޭ
ބީރު
03 February 2017
ވަރަށް އަވަހަށް މިމަންޒަރު އެފް. ޢޭ. ޢެމް އިންވެސް ފެންނާނެ. ޢެތާގެ އެކްސްކޯ ވެސް ބައިބައިވެ ފެއިލް ވެއްޖެ.
އ މ
03 February 2017
ކުޅިވަރުގަ ވެސް ދެބަހުން އެއްބަހުގައި އެހެން އެއްޗެއް ކިޔައިގެން ނުވޭ އުތަ؟
ޝިޔާހު
03 February 2017
ލަތީފުއަކީ ތިޔަބުނާކަހަލަ ލީޑަކަށްނުވި، ކޮބާތޯތިބޭފުޅާގެޓީމު؟ އިންތިހާބުވިދުވަހު އެކުގަތިބިމީހުންގެތެރޭން މަދުބަޔަކުމިހާރު ފެންނަނީ ރިޔާޒުގެދައުރުގެ ޤައުމީޓީމުގެހުރިހާކޯޗިން ސްޓާފުންމިއަދު ތިޔަހަމަޖެއްސީ. މިހާރުވޮލީއެސޯސިއޭޝަންހިންގަމުންދަނީ ރިޔާޒުގެޓީމުގެ ލަފާގެމަތިން ... ...... ގިނަނިންމުން ނިމެނީއެކްސްކޯގެލަފައެއްނެތި ސިޓީގާޑަންގެ މޭޒެއްގެކައިރިން.
ރަނޭ
03 February 2017
ލަތިފުގެ ހުދުމުހުތާރުކަން އިންތިހާ... އޭނާ ތިތަނުން ދުރުކުރަން މާ ލަސްވެސް ވެއްޖެ.
ކޮލޮމްބޯ
02 February 2017
ޔާމީނު ރައީސަކަށް ނުވާއިރުވެސް ވޮލީ ކުޅެއެވެ. ޔާމީނުގެ ވެރިކަން ނިމުނަސް ވޮލީ ކުޅޭނެއެވެ.
ޟަރީ
02 February 2017
ލަތީފޫ ތިތަންވެސް ތިހަދަނީ ސިޔާސީ ތަނަކަށް. ސިޔާސީ ކަންތަކުން ދުރުވެގެން ކުޅިވަރު ތަނެއްހިންގޭނީ. ކުޅިވަރު ކުޅޭނީ ހަމައެކަނި ޕިންކު ފިކުރުގެ މީހުންނެއްނޫން.