އެމްއެފްޑީއޭގައި ބޭސްތަކެއް ޓެސްޓުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
30 ނޮވެމްބަރ 2023 - 15:48
ކެމިކަލް ހުރުމުން، ފާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގެ ދިޔާ ބޭސް ވިއްކުން، އެމްއެފްޑީއޭއިން މިއަދުން ފެށިގެން މަނާކޮށްފި އެވެ.
އެ އޮތޯރިޓީން ނެރުނު އެލާޓުގައި ބުނީ ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސް އިން އުފައްދާ ބައެއް ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން އަންގާފައިވާ ކަމަށެވެ.
އެއާއެކު، ރާއްޖޭގައި ވިއްކާ ފާމިކްސްގެ ދެ ބޭހަކުން ކެމިކަލް ފެނުމުން އެ ދެ ބޭސް ވިއްކުން އަދި ބޭނުންކުރުން މަނާކޮށްފައިވެ އެވެ.
ރާއްޖޭގައި ބޭނުންކުރަން، އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ ފާމިކްސް ލެބޯޓްރީސްގެ ބޭސް. މި ބޭސްތައް ވިއްކުން ވަނީ މަނާކޮށްފައި.
އެ ކުންފުނީގެ ދިޔާ ބޭސްތަކުގައި އެ ކެމިކަލްތައް ހުރިކަމަށް ވެސް، ބޭރުގެ އެހެން ގައުމުތަކުން އާއްމުކޮށް އަންގާފައިވާ ކަމަށް ބުންޏެވެ.
"[ފާމިކްސް] ކުންފުނީގެ ދިޔާ ބޭސް އުފެއްދުމުގައި މިފަދަ މައްސަލައެއް ފާހަގަކުރެވިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން މި ކުންފުނީގެ އެއްވެސް ދިޔާ ބޭހެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމުގައި އާއްމުކޮށް އަންގާ އިއުލާންކުރަމެވެ." އެލާޓުގައިވެ އެވެ.
އެކަމާ ގުޅިގެން، ރާއްޖެއިން ހުއްދަ ދީފައިވާ ފާމިކްސް ލެބޯޓްރީސްގެ ހަ ބޭހެއް ފާމަސީތަކުން ނަގައި، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލަން އަންގާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީއްވެތަ
01 December 2023
1. ޖެނެރިކް މެޑިސިންއޭ ކިޔާފައި ބޭސް ސިޓީގައި ބްރޭންޑް ނަން ނުލިޔެވޭގޮތް ހެދުން 2. މިހެން ހެދުމުން ފާމަސިސްޓް ނޫނީ ފާމަސީ އޯނަރ ބޭނުން ބްރޭންޑެއް ބަލިމީހާއަށް ދޫ ކުރެވުން. 3. ފާމަސީ އިން ދޫކުރާނީ ކޮލިޓީ ބޭހެއް ނޫން. އެންމެ ޕްރޮފިޓް މާޖިން ބޮޑު ބްރޭންޑެއް. މީ ވިޔަފާރީގެ އުސޫލު 4. ޖެނެރިކް އޭ ކިޔާފައި ގެނައި ބަދަލު ގެނައި އިރު، އެތެރެ ކުރެވޭ ބޭސް ޓެސްޓް ކުރެވޭނެ ފެންވަރު އެމްއެފްޑީއޭގައި ނެތް 5.ބަދަލު ގެނައީ ހުރިހާ ޑޮކްޓަރުންގެ ލަފަޔާ އިދިކޮޅަށް
ބުއްދި
30 November 2023
މިހާރު އަބަދުވެސް އިވެނީ ކޮންމެވެސް ބޭހެއް މަނާކުރާ ވާހަކަ. ރާއްޖެ އެތެރެކުރުމުގެ ކުރިން ތަހުލީލުނުކުރަނީތަ؟ ނޫނީ ގެނެސް ވިއްކުމުގެ ކުރިން؟
ސވލ
30 November 2023
ޕާކިސްތާނުގެ ބޭސްހެދުމަށްމިވަނީ ކިހިނެތްބާ؟ ސުވާލުއުފެދޭކަމެއް.
ކުރުއެލް
01 December 2023
ފެންވަރު ދައްކޮށް ހަދާތީ ދޯ؟ އެތެރެ ވަރީގެ ގައުމުތަކުގައި ހަދާ ބޭސްތަކުގައި މައްސަލަ އުޅޭނެ އަބަދުވެސް.