ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

އުނދަގޫ ހާލަތުގައި އޮވެ ޔޫވީ އިން މޮޅަކާ އެކު ލީގު ނިންމާލައިފި

ޔޫވީން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި ގޯލަށް ފަހު ކުޅުންތެރިން އުފާފާލު ކުރަނީ.-- ފޮޓޯ: އެފްއޭއެމް

02 ޑިސެމްބަރ 2023 - 13:40

3 comments

މެޗުތަކަށް ކުޅުންތެރިން ހަމަކުރުމުގައި އުނދަގޫ ހާލަތެއްގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ދިވެހި ޕްރިމިއާ ލީގުގައި އެޓީމުގެ ފަހު މެޗުގައި 4-3 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

މިއީ ޒުވާން ސްކޮޑެއް ހިމެނޭ ޔޫވީ އިން ލީގުގައި ކުޅުނު 13 މެޗުން ހޯދި ތިންވަނަ މޮޅެވެ. ހަތަރުވަނަ މޮޅަކީ ކްލަބް ގްރީން ސްޓްރީޓްސް އިން މެޗު ދޫކޮށްލުމުން އެޓީމަށް ލިބުނު މޮޅެކެވެ.

މި ނަތީޖާއާ އެކު ޔޫވީ ނިންމާލީ 12 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ. ބުރު ސްޕޯޓްސް ކްލަބަށް އެއް މެޗު ބާކީ އޮތްއިރު އެޓީމު އޮތީ 18 ޕޮއިންޓާ އެކު ފަސްވަނައިގަ އެވެ. އެޓީމަށް ބާކީ އޮތީ އަންގާރަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ބުރުގެ މަގާމަށް ބަދަލެއް ނާންނާނެ އެވެ.

ޔޫވީއާ ދެކޮޅަށް ބުރުން ނެރުނު ފުރަތަމަ 11.-- ފޮޓޯ: އެފްއޭއެމް

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗަކީ މިއަހަރު ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ބުރު ސްޕޯޓްސް ކްލަބް، ތިން މަސް ފަހުން ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ ކުރިން އެޓީމު އެންމެ ފަހުން ވާދަވެރި މެޗެއް ކުޅުނީ މިދިޔަ އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ ލީގުގައި ޓީސީ ސްޕޯޓްސް އާ ދެކޮޅަށެވެ.

ބުރު އަަދި ޓީސީ އޮގަސްޓް މަހު ކުޅުނު މެޗަށް ފަހު ލީގު ދެ މަހަށް މެދު ކަނޑާލި ނަމަވެސް އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން ފުލުހުން އެފްއޭއެމަށް ވަދެ ކުރިއަށް ގެންދިޔަ ތަހުގީގުތަކާ ގުޅިގެން ލީގު އަލުން ފެށުން އެފްއޭއެމުން ލަސްކުރި އެވެ.

ގާތްގަނޑަކަށް 80 ދުވަސް ފަހުން ލީގު އަލުން ފެށިއިރު ޔޫވީ އަށް އޮތީ ކުޅުންތެރިންގެ ދަތިކަން އިންތިހާއަށް ދިމާވެފަ އެވެ. އޭގެ ފަހުން އެޓީމު ކުޅެމުން އައީ ބެންޗުގައި ހަތަރު ކުޅުންތެރިން ތިއްބައިގެންނެވެ. ފުރަތަމަ 11 ގައި ހިމަނައިގެން ކުޅުވީ ފުރަތަމަ ޑިވިޝަނަށް މުޅިް އާ، 17 އަހަރުގެ ގޯލްކީޕަރު އިބްރާހިމް ފައިރޫޝް ފައިސަލް އެވެ. މިދިޔަ ހަފްތާ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ފައިރޫޝް އަށް އަނިޔާވެގެން މެޗުގެ ފަހު 30 މިނިޓަށް ގޯލު ބެލެހެއްޓީ އެޓީމުގެ ޑިފެންޑަރު މުހައްމަދު ފާރިސް އެވެ.

ބުރާ ދެކޮޅަށް ޔޫވީން ނެރުނު ފުރަތަމަ 11.-- ފޮޓޯ: އެފްއޭއެމް

އެހްނެ ނަމަވެސް ރޭގެ މެޗުގައި ބުރު ސްޕޯޓްސްއާ ދެކޮޅަށް ޔޫވީގެ ގޯލު ބެލެހެއްޓީ ޓީމުގެ ހަތަރުވަނަ ކީޕަރު އަހުމަދު އަނަފް ޒަރިޔަންދެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ބުރުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބުރަށް ލީޑު ނަގައިދިން ގޯލު ޖަހައިދިނީ މުހައްމަދު ނާއިމް އެވެ. އަދިދެވަނަ ހާފުގައި މެޗުގެ 61 ވަނަ މިނިޓުގައި މުހައްމަދު ހުޒެއިފްގެ ގޯލުން ބުރުން ލީޑު ފުޅާކުރި އެވެ.

ޔޫވީ އިން ފަރަގު ކުޑަކުރީ 70 ވަނަ މިނިޓުގައި މުހައްމަދު ފައިޒާން ފަރީން ޖަހައިދިން ގޯލުންނެވެ. މިއީ އޭނާ އޭނާ ކުޅެން ނުކުމެ ތިން މިނިޓުތެރޭ ކާމިޔާބު ކޮށްދިން ލަނޑެކެވެ. އޭގެ ހަތަރު މިނިޓު ފަހުން ޔޫވީ އިން ނަތީޖާ އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އަރީން އަބްދުﷲ އިބްރާހިމް އެވެ.

ޔޫވީގެ ނާވީ މުހައްމަދު އަތުން ބޯޅަ ހޯދަން ބުރުގެ އުސާމާ މަސައްކަތް ކުރަނީ.-- ފޮޓޯ: އެފްއޭއެމް

މެޗުގެ 87 ވަނަ މިނިޓުގައި ޒުވާން ސްޓްރައިކަރު ޝަނާން ރަޝާދު ވަނީ ގޯލެއް ޖަހައި ޔޫވީ އަށް މެޗުގައި ފުރަތަމަ ފަހަރަށް ވަނީ ލީޑު ނަގައިދީފަ އެވެ. މިއީ އުމުރުން 18 އަހަރުގެ ސްޓްރައިކަރު ލީގުގައި ކުޅުނު 13 މެޗުން ޖަހައިދިން ހަތްވަނަ ގޯލެވެ.

ޝަނާން ވަނީ ބުރާ ދެކޮޅަށް ކުޅުނު ދެ މެޗުގެ އިތުރުން، ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ވެސް ގޯލު ޖަހައިފަ އެވެ. އަދި ލީގުގައި ފުރަތަމަ ގޯލު މާޒިޔާ ކޮޅަށް ޖަހާފައި ވަނީ އޭނާގެ އުމުރުން 17 އަހަރުގަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ނާއިމް ވަނީ އިތުރު ގޯލެއް ޖަހައި ބުރަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ދެ މިނިޓު ފަހުން ބުރުގެ އިބްރާހިމް އުސާމާ ހަސަން މަޖީދަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުން އެޓީމުން އެކަކު މަދުކޮށް ކުޅެނިކޮށް، އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ޔޫވީ މޮޅުކޮށްދިން ގޯލު ޖެހީ، މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ލޫތު އިބްރާހިމް އެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަވާ ހިރު

02 December 2023

ކޮން ލީގެއް؟ ކާކު ކުޅޭ ކޮންބައެއް ބަލާ ލީގެއް؟؟

The name is already taken The name is available. Register?

އަހުމިއްޓޭ

02 December 2023

މިއީ އެއްވެސް ގޮތަކުން ވިކްޓަރީ ސްޕޯޓްސް ކުލަބާއި ގުޅުމެއްއޮތް ޓީމެއްތަ.

The name is already taken The name is available. Register?

ބްލޫސް

02 December 2023

ވިކްޓަރީ އުފެދުނުތާ ދެ އަހަރު ފަހުން ވުޖޫދުވި ޔޫވީ އަކީ ވިކުގެ ރިޒާވް ޓީމެއް ގޮތަށް ހިންގި ކްލަބެއް. އެކަމަކު ވިކާ ޔޫވީ މެނޭޖްމަންޓް ވަކިވެގެން ވަކި ކުލަބެއް ގޮތުގައި ދެ ކުލަބް ހިންގާތާ އެތައް އަހަރެއް. ޔޫވީ އަށް ބައި ގަރުނުވީ މީގެ ދެ ހަފްތާ ކުރިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454