އުތުރު ތިލަފަޅުގައި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހެދުމުގެ މަސަކަތް ކުރަނީ: އެތަނުގައި ގޯތި ދޭން ނިންމި މަޝްރޫއުއާ މެދު މި ސަރުކާރުން އަދި ވަކި ގޮތެއް ނިންމާ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
04 ޑިސެމްބަރ 2023 - 11:01
އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓް ދީގެން އެ ތަން ތަރައްގީ ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި ގޮތަށް މި ސަރުކާރުން އެ މަސައްކަތް ކުރުމަށް އަދި ޕްލޭނެއް ނެތް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މާލޭގައި ދިރިއުޅޭތާ 20 އަހަރު އަދި ދަފްތަރުގައި ޖެހުނުތާ 20 އަހަރު ވެފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމުގެ މަޝްރޫއެއް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ދެ ވަނަ ބުރުގެ ވޯޓުގެ ކުރިން އޭރުގެ ސަރުކާރުން އިއުލާންކުރެއްވި އެވެ.
އެކަމަށް އެދި ހުށަހެޅި މީހުންނަށް ގޯތި ދޭން އެ ސަރުކާރުން އިއުލާން ކުރީ އެމްއެންޑީއެފްގެ ޑޮކްޔާޑަކާއި ބަނދަރެއް ހެދުމުގެ މަސަކަތް ހިނގަމުން އަންނަ އުތުރު ތިލަފަޅުންނެވެ. ސިފައިންނަަށް ކަނޑައަޅާފައިވާ ބައިގެ ފަހަތުން ބިން ހިއްކައިގެން ގޯތި ދޭނެ ގޮތުގެ ކުރެހުން ވެސް އާންމުކުރި އެވެ. އެކަމަށް ހުޅުވައިލުމުން ގޯތި ހޯދަން 19،347 މީހުން ކުރިމަތިލާފައިވެ އެވެ.
ނަމަވެސް، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭނުގައި އުތުރު ތިލަފަޅާ ގުޅޭ ގޮތުން މިހާތަނަށް ވަކި ޕްލޭނެއް ހަދާފައެއް ނެތެވެ.
"އިންތިހާބުގެ ވަކި ހިސާބަކުން ކުއްލިއަކަށް އައި ކަމެއް އެއީ. އެހެންވީމާ މިހާރުގެ ސަރުކާރުން އަދި ސީދާ ޕްލޭނެއް ހަދާފައި އޮތް ކަމެއް ނޫން އެއީ. އެހެން ނަމަވެސް، އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު [އަލީ ހައިދަރު] ބައްލަވާނެ އެއީ ކޮން ގޮތަކަށްތޯ އެތަން އެންމެ ރަނގަޅަށް ބޭނުން ކުރެވޭނީ،" މުއްތޮލިބު ވިދާޅުވި އެވެ.
އުތުރު ތިލަފަޅުން ގޯތި ދޭން ނިންމި ގޮތުގެ ކުރެހުމެއް
މިނިސްޓަރު ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީ ކުރާ ނަމަ އެއީ ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށާއި އެތަން ގުޅުމަށް ވެސް ވަރަށް ބޮޑު މަޝްރޫއެއް ހިންގަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، މުއްތޮލިބު ވިދާޅުވީ މި ވަގުތަށް ހަރަދު ކުރަން މުހިންމީ ހިއްކަމުންދާ ގުޅީފަޅާއި ގިރާވަރަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި އެކަމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.
"ވިސްނާލަން ޖެހޭނެ ތިލަފުއްޓާއި ގިރާވަރާ ދެމެދު އަޅާ ބްރިޖަށް ވުރެ ބޮޑު ބްރިޖެއް އަދި އަޅަންޖެހޭނެ އުތުރު ތިލަފަޅާ ހަމައަށް ގުޅާލަންޏާ. އެހެންވީމާ އެ ހުރިހާ ކަމަކަށް ވެސް ބަލާފައި ދައުލަތުން ބަޔަކަށް ބިން ދޭން ޖެހޭނީ. އަނެއްހެން ލޯންޗް ދަތުރަކުން ވެސް ވަރަށް ދުރު އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމަ މި ވަގުތު އަޅުގަނޑަށް މައުލޫމާތު ލިބިފައެއް ނެތް ކުރީ ސަރުކާރުން އިއުލާން ކުރި ގޮތަށް އުތުރު ތިލަފަޅު މަޝްރޫއު ކުރިއަށް ދާނެ ކަމަކަށް."
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އުތުރު ތިލަފަޅުން ދިވެހިންނަށް ގޯތި ދޫކުރުމަށް 251 ހެކްޓަރުގެ ބިމެއް ހިއްކާނެ ކަމަށާއި ގުޅީފަޅުން ބްރިޖަކުން އެ ތަން ގުޅާލާނެ ކަމަށެވެ. އެ ސަރުކާރުން ނިންމި ގޮތުން އެ ތަނުން 5،000 އަށް ވުރެ ގޯތި ދެވޭނެ އެވެ.
އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަން ސަރުކާރުން ނިންމާފައިވާ ތަނެކެވެ. އަދި އެތަނުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާގެ ކުންފުންޏަކަށް ވަނީ ހަވާލުކޮށްފަ އެވެ.
އިންފްރާސްޓްރަކްޗާ މުއްތަލިބް ވިދާޅުވީ، ކުރީގެ ސަރުކާރުން ގޯތި ދޫކޮށްފައި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވުނަސް އެ ތަނުގެ ޝޯ ޕްރޮޓެކްޝަން ފަދަ މަސައްކަތްތަކަށް ވަގުތު ނަގާނެ ކަމަށެވެ. ގިރާވަރާއި ގުޅީފަޅާ ގުޅުވުމަށް ވެސް މާލެ-ވިލިމާލެއާ ދެމެދު އަޅާ ބްރިޖަށް ވުރެ ދިގު ބްރިޖެއް ބޭނުންވާ ކަމަށާއި އެ މަސައްކަތް ވެސް ޕްލޭން ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން އެކަމާ ގުޅޭ ޕްލޭނެއް ވެސް ހަދާފައި ނެތެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް "މިހާރު"އަށް ދެއްވި އިންޓަވިއުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"އަދި ބަޔަކަށް ބިންތަކެއް ދީފައި އޮތް ނަމަވެސް ފެނާއި ނަރުދަމާ އާއި ކަރަންޓާއި މަގު ހެދުމާއި އަދި ގިރާވަރަށް ގެންނަން ޖެހޭ ބްރިޖް ކަނެކްޝަން އަކީ ވެސް ކުރަންޖެހޭ މަސައްކަތްތަކެއް. ހަރަދު ވެސް ބޮޑު ކަންތައްތަކެއް. އެހެން ނަމަވެސް، އެ ކަންތައްތައް ރައްޔިތުން އާބާދުވާން ބިންތަކެއް ދީފައި ހުރި ތަންތަނަށްވާތީ ކުރަން ޖެހޭނެ،" މުއްތޮލިބު ވިދާޅުވި އެވެ.
"ސަތޭކަ ދުވަހުގެ ޕްލޭންގައި އެ މަސައްކަތްތައް ނެތް ނަމަވެސް، ހަމަ އިސްކަން ދީގެން އެ އަށް ބޭނުންވާ ފަންޑިން ހޯދައިގެން އެއަށް މަސައްކަތް ކުރާނެ ކަންތައްތައް އެއީ."
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އެންމެ އުއްމީދީ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅަކީ 20 އަހަރުގެ ޕްލޭނެއްގެ ދަށުން، މާލެއާ ވަކިން އޮންނަ ސިޓީއެއްގެ ގޮތަށް ތަރައްގީ ކުރާ ތަނެއް ކަމަށާއި އޭރުން މާލެ ނައިސް، ހިދުމަތް ލިބޭނެ ތަނަކަށް ވާނެ ކަމަށެވެ.
"ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިމެނިފައި މިވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން. ޕްލޭނިން ސްޓޭޖްގައި އަދި އޮތީ. ފަންޑު ހޯދާނެ ގޮތާއި އެފަދަ ޕްލޭނިން ސްޓޭޖްގައި ރައީސް އޮފީސް ތެރޭ އެ މަސައްކަތްތައް އެބަ ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގައި ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެއީ މާލެ އަށް މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް "ޓޯޓަލް ސޮލިއުޝަން" އެކެވެ. އެ ތަނުން ގޯއްޗާއި ފްލެޓް ވެސް ދޫކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަލްލާ
05 December 2023
ކޮންމެވެސް އެއް ހިސާބެއް ތަރައްގީ ކުރެވޭނީ... ހުރިހާ ތަނެއް ތަރައްގީ ކުރާނެ ފައިސާ އެއް ނެތް... މިދިޔަ ސަރުކާރުން ވެސް ހިންގީ ހުސް ކޮރަޕްޝަން... ނެތް ރަގަޅު ޕްލޭނެތް.. ބްރުޖު ގަނޑެއް ވެސް ނާޅާ އެދިޔައީ... ނުހޮވާނަން ދެން... އެމްޑީޕީ ކޮރަޕްޝަން މެމްބަރުން އައުޓް
މިނިސްޓްރީ ގެ މުއައްޒަފެއް
04 December 2023
މިދިޔަ ސަރުކާރުގައިވެސް ނެތް އަސްލު އުތުރު ތިލަފަޅަށް ޕްލޭނެއް! އޮތް ޕްލޭނަކީ ފަރާހަމައަށް ރޮނގުދަމާފަ އޮތް ކުރެހުމެއް. ހިއްކާނެގޮތެއް، ބޮޑުހިލަ ޖަހާނެ ގޮތެއް ނުވަތަ ލޭންޑްޔޫސް ޕްލޭންގަނޑެއްވެސް ނޯންނާނެ ހަދާފަ! ކުއްލިޔަކަށް ރައީސް ކެމްޕޭނުގައި އެވަހަކަ ވިދާޅުވީމަ އޭގެ އަނެއްދުވަހު ތިޔަ ފެންނަ ކުރެހުންވެސް ހެދީ! ޕްލޭނިން މިނިސްޓަރ އެނގެވީ ތިޔަކުރެހުން ފޮނުވަން! ނޯންނާނެ އެތަނުގެ ސަރވޭއެއްވެސް ކޮށްފަ! ކޮމަންޑޫ ސްޓަންޓް ގޮތަށް ރާވާފަ އޮތީ!
ބަރަކާތު
04 December 2023
މިހާރު އަހަރެންގެވެސް ނެތް މަޖިލިސް އިންތިހާބުގަ މިސަރުކާރަށް ވޯޓުލާކަށް!
ޢުތުރު
04 December 2023
އެތާ 2000 އިންޑިޔާ ސިފައިން އުޅޭތީ އަދި ޕްލޭން ނުކުރެވި އެއުޅެނީ
އިންތިހާބު
04 December 2023
މަޖިލިސް އިންތިހާބުގެ ފަހުން އަހަރެމެން ތިކަންކަން ހަމައަކަށް އަޅުވާނަން.
ވޮޗްމޭން
04 December 2023
އުތުރު ތިލަފަޅުގައި ހަދަނީ އިންޑިޔާގެ ނިއުކްލިޔާ ބަރު ހަތިޔާރު އަދި ސަބްމެރިން އެޅޭނެ ބޭސް. މިކަމަށް މި ސަރުކާރުން މިހާރު ފެހި ސިގްނަލްދީ ޓެކްނިކަލް ޑިސްކަޝަން ފެށިއްޖެ.
ކައުންސެލަރު.
04 December 2023
ނިމުނު ސަރުކާރުން ރައްޔިތުންނަށް ދެއްކީ ދަޅަ. ލޮލުގަ އެޅުވީ އަނދުން. ޤައުމުވަނީ ދަރުވާލާފަ. އެތައް ބިލިއަނަކުން. ވެރިކަން ވެއްޓޭނެހެން ހީވީމާ މޮޅެތިހެންހެންހީވާ ބޮޑެތި ނުފުއްދޭހާ ވައުދުވީ މިސަރުކާރުގެ ބޮލުގައަޅުވަން.
ބައުންސޭ
04 December 2023
އެވަރުތަނަކާއި ކަލޭމެން ހަވާލުވީ ކީއްކުރަން. ގޭގައި ތިބިނަމަ ވީއެއްނު.
އަލީބެ
04 December 2023
ރާއްޖޭގެ އާބާދީގެ ތެރެއިން 19000 މީހުން އުތުރުތިލަފަޅުން ގޯއްޗަށްއެދި ފޯމުހުށަހެޅީމަ އެއޮތީ ޕްލޭން ހެދިފަ. ހައިދަރުވެސް އެކަމަށް ގޮތްކިޔާކަށް ނުޖެހޭނެ.
އިދޫ
04 December 2023
ފުށި ދިއްގަރުފަޅު މެގަ ސިޓީއަކަށް ހަދަން ފޮލާ އެކަނި ކެއްކިޔަކަސް ކަމަކު ނުދާނެ. ވޯޓުގެ ނަތީޖާ އެނގުނު ދުވަހުން ހަގީގަތުގަ ޕްލޭންތައް ފެށެންޖެހޭ. ރައީސް އޮފީހުގަ ތިިބި މީހުން އަންގަންދެން އިންފްރާސްޓްރަކްޗަރ މިނިސްޓަރ މަޑުކޮށްފަ، އަދި ހައުސިން މިނިސްޓަރު ހަދާ އެއްޗެއް ބަލާފަ، މިމޭރުމުން ކަންކަމެއް ނުވާނެ. ކުރީ ސަރުކާރުގެ ކޮންސެޕްޓަށް ނުކުރަންޏާ އެޔަށްވުރެ ރަގަޅު ޕްލޭނެއް ކޮށް، ހަވާލުވާ ފުރަތަމަ ދުވަހުން މަސައްކަތް ފަށަންޖެހެ
ނިކަމެ ތިން
04 December 2023
ރައީސް އިބޫވަރު ވެރިޔެއް ނުދެކެން، ހަޖަމް ވިޔަސް ނުވިޔަސް، ހެޔޮ. މިވީ 40އ އެކަކުވެސް އަހަރެމެނަށް ނުކޮށްދިން ކަންތަށް ކޮށްދިން. ގެދޮރުވެރިކުރުވުން.
ދައްކާ.
04 December 2023
ތިއީ ހަމަތެދެއް. އެތައް ވައުދެއްވެ އެއިނ އެއްވެސް ވައުދެއް ފުއްދާ ނުދީ އައްޑޫސިޓީ ތަރައްޤީ ވެގެންނޫނީ ރާއްޖެ ތަރައްޤީ ނުވާނެ ކަމަށް ބުނެ 5 މަންޒިލުން ގެންނާން ބުނި ފުލައޓެއްވެސް ނުފެނި އަދި ރައްޔިތުންގެ މެދުގައި އެވަރަށް ތަފާތު ކުރި ދެވަނަ ރައީސަކު އަދި މަށަށްވެސް ނުފެނޭ.