ދުނިޔެ / އަގްސާ ތޫފާން

10 ދުވަހުން އިޒްރޭލުގެ 180 އުޅަނދު ހަލާކުކޮށްލައިފި

އިޒްރޭލު ސިފައިންގެ 180 އަސްކަރީ އުޅަނދު ހަލާކުކޮށްލެވިއްޖެ ކަމަށް ހަމާސް ޖަމާއަތުން ބުނޭ.

11 ޑިސެމްބަރ 2023 - 11:35

5 comments

މި ހިނގާ ޑިސެމްބަރު މަހުގެ 1 ން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް، އިޒްރޭލު ސިފައިންގެ 180 އަސްކަރީ އުޅަނދު ހަލާކުކޮށްލެވިއްޖެ ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިއަދު ބުނެފި އެވެ.

އޮކްޓޫބަރު 7، 2023 ގައި އިޒްރޭލު ސިފައިންނާއި ހަމާސްއާ ދެމެދު ފެށި ހަނގުރާމަ، ނޮވެމްބަރު 24 ން 30 އަށް މެދުކަނޑައިލުމަށް ފަހު، އިޒްރޭލުން އަލުން ހަނގުރާމަ ފެށީ ޑިސެމްބަރު 1 ވަނަ ދުވަހު އެވެ. މި މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ހަމާސްގެ މުޖާހިދުންނާއި އިޒްރޭލުގެ އިސްތިއުމާރީ ސިފައިންނާ ދެމެދު ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހިނގި ކުރިމަތިލުންތަކުގައި، އިޒްރޭލު ސިފައިންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ހަމާސްގެ އަސްކަރީ ގޮފި އަލް ގައްސާމް ބްރިގޭޑްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވި ގޮތުގައި، މުޖާހިދުންގެ ހަމަލާތަކުގައި އިޒްރޭލުގެ އަސްކަރީ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ދެވުނު އިރު، އޭގެ ތެރެއިން ބައެއް އުޅަނދުތައް ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އަދި ބައެއް އުޅަނދުތައް ވަނީ ބޮޑު މަރާމާތަކަށް ފަހުގައި ނޫނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

އޭނާ ވިދާޅުވީ އިޒްރޭލުގެ އެއްގަމު ސިފައިން ޣައްޒާގެ އުތުރު ކޮޅަށް އަރައިގަނެ ހިންގި އުދުވާންތައް ވެސް ނާކާމިޔާބުކޮށްލެވިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ޣައްޒާގެ ދެކޮޅު ކޮޅުގައި ހިންގި އުދުވާނުތައް ވެސް ނާކާމިޔާބުކޮށްލައި، ގިނަ އަދަދެއްގެ ޔަހޫދީ ސިފައިން މަރައިލެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާގެ އުތުރު ސަރަހައްދަށް އެރި އިޒްރޭލުގެ ބައެއް ސިފައިން މިހާރު އެ ސަރަހައްދުން ފައިބައިފައިވާ އިރު، އަބޫ އުބައިދާ ވިދާޅުވި ގޮތުގައި، ޣައްޒާގައި އިޒްރޭލު ސިފައިން ތިބޭހާ ހިނދަކު އިޒްރޭލު ސިފައިންނަށް ކުރިމަތިވާނީ ގެއްލުމާއި ހަލާކެވެ. އަދި ހަނގުރާމައިގެ ފުރިހަމަ ކޮންޓްރޯލް އޮތީ ހަމާސްގެ ހިތްވަރު ގަދަ މުޖާހިދުންގެ އަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކަމުގެ ހެއްކެއްގެ ގޮތުން އޭނާ ދެއްކެވީ، ނޮވެމްބަރު 24 ން 30 ހަމަލާތައް މެދުކަނޑައިލަން ދެ ފަރާތުން ވެފައިވާ އެއްބަސްވުމެވެ. އެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން އަސީރުން ބަދަލުކުރީ، ހަމާސް އިން ކަނޑައެޅި ޝަރުތުތަކަށް އިޒްރޭލުން އެއްބަސްވެ، ހަމާސް އިން މިނިވަންކުރާ ކޮންމެ ރަހީނަކަށް ފަލަސްތީނުގެ ތިން އަސީރުން އިޒްރޭލުން މިނިވަންކުރަން އެއްބަސްވުމުންނެވެ.

އޭގެ އިތުރުން، ފަލަސްތީނުގެ އަސީރުން މިނިވަން ނުކޮށް، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން މިނިވަންކުރަން މަސައްކަތް ކޮށްގެން އެކަން އިޒްރޭލަށް ކާމިޔާބު ނުވި ކަމަށް ވެސް އަބޫ އުބައިދާ ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، އިޒްރޭލުގެ ރަހީނަކު މިނިވަންކުރަން، މިމަހުގެ 8 ވަނަ ދުވަހު އިޒްރޭލު ސިފައިން ކުރި ނާކާމިޔާބު މަސައްކަތަށެވެ.

"އެމީހުންނަށް މިހާރު ވެސް އެ ދަނީ އަހަރެމެންގެ ހަމަލާތައް ކުރިމަތިވަމުން، އަދި ކުރިމަތިވާން ހުރި ހަމަލާތައް މާ ވަރުގަދަ. ފައިމަގުގައި އުޅުނު ކިތަންމެ ސިފައިންގެ މީހަކަށް އެދަނީ ހަމަލާ ދެމުން. އަހަރެމެންގެ ސްނައިޕަރުން ވެސް އެބަ ހަމަލާ ދޭ. މައިން ވަޅުލައިގެން ވެސް ހަމަލާތައް އެބަދެން. އެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ސިފައިން މަރައިލެވިއްޖެ،" އަބޫ އުބައިދާ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަބޫ އުބައިދާ ވިދާޅުވި ގޮތުގައި އިޒްރޭލު ސިފައިން އެއްގަމު މަގުން ޣައްޒާ އަށް އަރައިގަތް ފަހުން އިޒްރޭލުގެ 335 އަސްކަރީ އުޅަނދަކަށް ހަމާސްގެ ހަނގުރާމަވެރިން ވަނީ ހަމަލާ ދީފަ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ޒަޚަމްވެސް ވެފަ އެވެ.

އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުގައި ޣައްޒާގެ ހަނގުރާމައިގައި މަރުވާ އަދި ޒަޚަމްވާ ކަމަށް އިޒްރޭލު ސަރުކާރުން ބުނާ ސިފައިންގެ އަދަދާއި އިޒްރޭލުގެ ހޮސްޕިޓަލުތަކުން ބުނާ އަދަދުތަކުގައި ވަރަށް ބޮޑެތި ތަފާތުތައް އެބަހުއްޓެވެ. މިހާތަނަށް ޖަމާކުރެވުނު އަދަދުތަކަށް ބަލާއިރު، އޮކްޓޫބަރު 7 ގައި ފެށި ހަނގުރާމައިގައި މިހާތަނަށް މަރުވި އިޒްރޭލު ސިފައިންގެ އަދަދު މިހާރު ވަނީ 420 އަށް އަރައިފަ އެވެ.

ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކުގައި ޒަޚަމްވެގެން ހޮސްޕިޓަލުތަކަށް ގެންދިޔަ އިޒްރޭލު ސިފައިންގެ އަދަދު ވަނީ 5000 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރެއިން 2000 އަށް ވުރެ ގިނަ މީހުން މިހާރު ތިބީ ނުކުޅެދޭ ހާލަތަކަށް ބަދަލުވެފައި ކަމަށް އިޒްރޭލު ސަރުކާރުން ވަނީ ރަސްމީކޮށް ކަނޑައަޅައިފަ އެވެ. އަދި ޒަޚަމްވި މީހުންގެ 58 އިންސައްތައަށް ވުރެ މަތީ ނިސްބަތެއް ހިއްސާކުރަނީ އަތާއި ފަޔާއި މޫނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ މީހުންނާއި ބައެއް ގުނަވަންތައް ވަކިވެފައިވާ މީހުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 66 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 17900 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7900 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5200 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 49000 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8600 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.

5 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަލީލީ

12 December 2023

ހުދު އަރަބި މުނާފިގު ވެރިންވެސް ބޭނުންވަނީ ހަމާސްގެ ދުވަސް ދުއްވާލަން. އެމީހުން ތިބީ ފާޅާއި ސިއްރުގައި ޔަހޫދީންނާއި ގުޅިގެން. އެމީހުން ބޭނުންވޭ އެމެރިކާގެ އެހީގަ އެމީހުންގެ ވެރިކަން ހިމާޔަތް ކޮށް ތާ އަބަދު ވެރިކަމުގަ ތިބެން. އިސްލާމު ދީނުން ނޫން ގޮތަކަށް އިއްޒަތް ހޯދަން އުޅޭ މީހުން ﷲ ނިކަމެތި ކުރައްވާނެ.

The name is already taken The name is available. Register?

އަފްރާސިޔާބު

11 December 2023

ސާބަހޭ ކުދިންނޭ. ހިފަހައްޓާލާތި. އެމެރިކާއާ ޔޫރަޕު ބަނގުރޫޓް ވާންދެން ހިފަހައްޓާލާތީ. ދަގަނޑު ކެނޑޭނީ ދަގަނޑުންނޭ ބުނާ އުސޫލުން. އަސީރުންގެ ބަޔަކު ދޫކޮށް ލީ ގޯހުންނޭ ބުނާނީ. އެމީހުންގެ މަކަރުގައި ކޮންމެވެސް ވަރަކަށް ޖެހުނީ ކަމަށް ބެލެވެނީ.

The name is already taken The name is available. Register?

ބަކުރުބޭ.

12 December 2023

ޔޫރަޕު ބަނގުރޫޓުވާނެތަ. އެއީ ހުރިތާކުން ފޭރިގަނެގެން ކާ ބައެއް.

The name is already taken The name is available. Register?

ހާރޫނު ޔަހުޔާ.

11 December 2023

އިޒްރޭލުގެ ކިތަންމެ އުޅަނދެއް ހަލާކުކޮށްލިއަސް ހެއު. އެކަމަކު ކޮންމެ ދުވަހަކު ކުށެއް ނެތް ފަލަސްތީނުގެ އާންމުން ސަތޭކައިން ހާހުން މަރުވާތީ ހިތްފަޅައިގެންދާވަރުވޭ. އިޒްރޭލުގެ ބޮންއަޅާ ބޯޓުތަކަށް ހަމަލާދެވޭ ފެންވަރު ނެތިއްޔާ އެފަދަ ވަސީލަތެއް އުފައްދައިގެން ހަނގުރާމަކުރޭ. އޭރުން ތިއަ ޔަހޫދީ ބައިގަނޑު ހަމަބިމަށް ތިރިވާނެ. މިހާރުވެސް ޔަމަނުގެ ހޫސީން ނަތަންޔާހޫ ކާން ގެންގުޅޭ ތައްޓަށް ކުޅުތަޅާއިރުވެސް ހޫސީންނަށް ހަމަލާދޭން ނުކެރިފައި އެތިބެނީ އެހެންވެ

The name is already taken The name is available. Register?

އަހުމަދު މީމު

12 December 2023

މުސްލިމު ގައުމުތަކުގެ ވެރިން އެތިބެނީ ވެރިކަމުގެ ޖާހަތު ގެެއްލިދާނެތީ ބިރުން ފިތްކެނޑިފަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454