މަޖިލީހުގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ބަލަހައްޓަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
12 ޑިސެމްބަރ 2023 - 10:31
ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް، ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތާ ޚިލާފަށް ތަފާތު އެކި ދާއިރާތަކުން ސުވާލުކޮށް ޖަވާބުދެއްވަން މަޖުބޫރުކުރުވައި މަޖިލީހުގެ ރިޔާސަތުން މީގެ ކުރިން އަމަލުކުރަމުން އައި ގޮތް ހުއްޓުވައި ގާނޫނާ އެއްގޮތަށް އެކަން ކުރިއަށް ގެންދާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހަމަޖެއްސެވުމުން ބައެއް މެމްބަރުންގެ ނުރުހުން މިއަދު އަމާޒުވެއްޖެ އެވެ.
މީގެ ކުރިން، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވަމުން ގެންދެވީ، ވަޒީރަކު މަޖިލީހަށް ހާޒިރުކުރާ މައްސަލައިގެ އިތުރުން ވެސް އެކި ކަންކަމާ ގުޅޭ ގޮތުން މެމްބަރުން އެ ދުވަހަކު ކުރާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ގޮތަށެވެ. އެކަމަކު ހާޒިރުކުރާ މައްސަލައިގެ އިތުރުން މެމްބަރުންނަށް ފެނިވަޑައިގަންނަވާ ކޮންމެ ދާއިރާއަކުން ސުވާލުކުރުމަކީ ގާނޫނުގައި އޮތް ގޮތުން ކުރެއްވޭނެ ކަމެއް ނޫނެވެ.
އުތުރުގައި ތެޔޮ ސްޓޯރޭޖެއް ގާއިމުކޮށް ބަންކަރިންގެ ހިދުމަތް ފެށުމަށް ކުރީގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން އާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވަނީ މަޖިލީހަށް ވަޑައިގެންފަ އެވެ.
އެ ސުވާލަށް ވަޒީރު ޖަވާބު ދެއްވުމަށްފަހު، އިތުރު ސުވާލު ކުރުމުގެ ފުރުސަތު ދެއްވުމުން ކުރިން ރިޔާސަތުން އަސްލަމް ވަނީ މިނިސްޓަރާ ކުރެވުނު ސުވާލާއި އަދި ދެއްވި ޖަވާބާ ސީދާ ގުޅުން އޮތް ގޮތަށް އިތުރު ސުވާލު ކުރުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އެކަމަކު ބައެއް މެމްބަރުން މައުލޫއާ ނުގުޅޭ ސުވާލު ކުރެއްވުމުން، އަސްލަމް ވަނީ އެ ސުވާލުތައް ބަލައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ގިނަ ސުވާލުތައް ކުރެއްވީ އަދި ފުރުސަތު ނުލިބުމުން ހިތްހަމަނުޖެހުން ފާޅުކުރެއްވީ އެމްޑީޕީގެ މެމްބަރުންނެވެ.
އެއާ އެކު، ބައެއް މެމްބަރުން ވަނީ ގާނޫނުއަސާސީގެ ދަށުން ވަޒީރުންނާ ސުވާލު ކުރުމަށް މެމްބަރުންނަށް ލިބިވަޑައިގަންނަވާ ބާރު ރިޔާސަތުން ހަނިކުރާތީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.
"19 ވަނަ މަޖިލީހުގައި ކަން ކުރެވުމުން ދިޔަ އުސޫލާ މުޅިން ހިލާފަށް ރިޔާސަތުން ތިޔަ ކަންކަން ކުރައްވަމުން ގެންދަވަނީ،" ނިޒާމީ ނުކުތާއެއް ނަންގަވައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ޝަކުވާ ކުރެއްވި އެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު މަޖިލީހުގައި ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލީސް
އޭގެ ޖަވާބުގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދާއި ވަކި ގާނޫނެއްގައި ވަކި ގޮތަކަށް ލިޔެފައި އޮތް ގޮތާ ހިލާފަށް ރިޔާސަތުން އަމަލު ނުކުރެއްވޭނެ ކަމަށެވެ.
"...ވަކި ސުވާލަކަށް ޖަވާބު ތައްޔާރު ކުރައްވައިގެން ވަޒީރު ވަޑައިގަންނަވަނީ. އެހެންވީމާ ސުވާލާއި ޖަވާބު ދިނުމުގެ ހަމަތަކެއް ބަޔާންކޮށްފަ އޮތީމަ އެ ހަމަތަކުގެ މަތިން އަޅުގަނޑަށް ކުރިއަށް ގެންދެވޭނީ،" އަސްލަމް ވިދާޅުވި އެވެ.
އެކަމަކު އޭގެ ފަހުން ވެސް ގިނަ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީ އާ ހިލާފަށް މަޖިލިސް ހިންގަވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވަނީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނެއް 2005 ވަނަ އަހަރު ފާސްކޮށްފައިވާ ކަން މެމްބަރުންނަށް ހަނދާކޮށް ދެއްވައިފަ އެވެ.
އެ ގާނޫނުގެ 16 ވަނަ މާއްދާ އާ ހަވާލާ ދެއްވައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ވަޒީރުންނާ އިތުރު ސުވާލުކުރުމުގެ ފުރުސަތު ދޭނީ ނޯޓިސް ދީގެން ކުރި ސުވާލުން ނޫނީ ވަޒީރު ދެއްވި ޖަވާބުން އުފެދޭ ސުވާލެއް ނަމަ އެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރަން 14 ދުވަހުގެ ނޯޓިސް އާއި މި ހުރިހާ ކަމެއް އެބަ ހުރި ކަން. އެހެންވީމަ ތަކުރާރުކޮށް މި ދަންނަވަނީ އެއަށް ވުރެ ވެސް މުއްދަތު ކުރުކޮށްފަ ވަޒީރުންނާ ވީހާވެސް ގިނައިން ސުވާލު ކުރެވޭނެ ގޮތް ހައްދަވާށޭ،" ގާނޫނާއި ގަވާއިދު އިސްލާހު ކުރުމުގެ އިހުތިޔާރު މެމްބަރުންނަށް ލިބިވަޑައިގަންނަވާ ކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވި އެވެ.
މީގެކުރިން ވަޒީރުންނާ ކުރެވޭ ސުވާލުތައް ފުނިޖައްސާފައި ބެހެއްޓުމުގެ ބަދަލުގައި، ވަޒީރުންނާ ސުވާލު ކުރަން ހަފްތާގެ ވަކި ދުވަހެއް ކަނޑައަޅައިގެން ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރަދުން
12 December 2023
ބަކަރިން އުޅޏީ ފުންމާލައިގެން އައިސް މަޖިލިހެއް ނޫން ހަރަމް ފުޅަށް ވަނަސް ހަމަ އޭގެ ގޮތުގަ ...ޕަހަހާ
ބަރޭސް
12 December 2023
ބަރުލަމާނީ ނިޒާމު ރަނގަޅުވާނެ
ކަނބިލި
12 December 2023
ގާނޫނު ހަދާ މަޖިލިހަށް ވަނުމުގެ ކުރިން ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގެ ރީތި އާދަ ތިމާމެން ކިބައިގައި އަށަގަންނުވަންވީ.
ޢަލީ ކުރުސީ
12 December 2023
އެމް.ޑީ.ޕީ ވީމަ އެމީހުން ބޭނުންކަންތަށް ކުރަންވީމަ ޤާނޫނެއް ނުބަލާނެ! ޤާނޫނު އޮތަތީ އެޤާނޫނު ގޯސްވާނީ! ހަނދާނެއް ނުހުންނާނެ މިމީހުން ހެދި ޤާނޫނެއްކަންވެސް!
ނުކިޔާތި
12 December 2023
ތިތާ ތިބި ގިނަ މެންބަރުން ގާނޫނެއް ގަވާއިދެއް ކިޔާ އެފަހުމުވެ އެ އެޕްލައި ކުރުމުގެ ފެންވަރެެއް ނުހުންނާނެ. އަސްލަމް ތި ހެދީ ރަނގަޅަށް.
ސުވާލު
12 December 2023
މެންބަރުންނާ ސުވާލުކުރެވޭނެ ގޮތެއް ނެތްތަ؟ އެބައެއްގެ ދާއިރާއަށް ހޮވާފަހުރި ފަރާތަކާ އެބަޔަކަށް ސުވާލުކުރެވެންވާނެ ދޯ؟
ދޮންކަލޯ1
12 December 2023
މަޖިލިސް ރައީސް ތިޔަ ހެއްދެވީ ރަގަޅަށް. މެމްބަރުންނަށް ބޭނުންހާ ސުވާލެއް ބޭނުން ގަޑިއެއްގައި ކުރެވިގެން ނުވާނެ.. ތިޔައީ ނޫސްވެރިންނެއް ނޫން. ޒިންމާދާރު މަޖިލީހެއްގެ މެމްބަރުން، ގާނޫނާއި ގަވާއިދުގައި ކަނޑައެޅިގެން ބަޔާންވެފައިވާ ކަނތައްތަކަށް އިހުތިރާމް ކުރަންޖެހޭ. މެމްބަރުންނަށް ހީވާ ކަހަލަ ތިމަންނަމެން ބޭނުންކަމެއް ބޭނުން ވަގުތަކު ކުރެވެންޖެހޭނޭ. މުޅި ދައުލަތް މިއޮތީ ހިތަކަށް ލިބިފައޭ..
އަފްރާސިޔާބު
12 December 2023
އަސްލަމު ކޮންމެވެސް މަގާމެއް ބޭނުންވެގެން މުއިއްޒަށް ބަރޯސާ ވަނީކަމަށް ތިވާނީ. މިއޮތް ހުރިހާދުވަހު ތިގާނޫނެއްވެސް އޮތް. އެކަމަކު އެއްވެސް މީހަކު އޭގެވާހަކައެއް ނުދައްކާ. ހިތަށް އެރިއެއްޗެއް ވަޒީރަށް ގޮވިއިރު އަސްމްވެސް އިންނަވާނެ.
އޮނަރަބްލް އަފީފު ދީދީ
12 December 2023
މެންބަރުންނަށް މިދެއްކެވެނީ ކޮން ވާހަކައެއްކަން އެ މެންބަރުންނަށް އެގިވަޑައި ނުގަންނަވަނީތޯ!! ސަރުކާރުހިންގުމާއި ޙަވާލުވެހުންނަވާ ބޭފުޅާއާއި (ބޮޑުވަޒީރު) އަދި އެބޭފުޅާގެ ކެބިނެޓް ވަޒީރުންނާއި (މަޖިލީހުގެ މެންބަރުންގެތެރެއިން އައްޔަންކުރައްވާ ބައެއް) ދުވަހުން ދުވަހަށް މަޖިލީހުގައި ސުވާލުކުރެވޭ އަދި ޖަވާބުދާރީވާންޖެހޭ ނިޒާމަކީ ދުނިޔޭގެ ތަހްޒީބުދައުލަތްތައް ހިންގާ Parliamentary system އިގޭބަޔަކު އެކަންހުށަހެޅުމުން ބޭޅާމެންނޫންތޯ އެކަން ޤަބޫލުނުކުރީ.
ދީމުގުރާތުސް
12 December 2023
ވަޒީރުންނާއި ސުވާލުކުރުމަކީ އެއީ މުޅި ނިޒާމު ޕާލަމެންޓަރީ ވީކަމުގެ ނިޝާނެއްނޫން. އަދި ހަމައެހެންމެ، މިރާއްޖޭގައި، ޕާލަމެންޓަރީ އަދި ޕްރެޒިޑެންޝަލް ނިޒާމުތަކުގެ މަސްހުނިވުމެއްއޮތުމަކީވެސް މައްސަލައެއްނޫން. ދެ ނިޒާމުގެ ބެސްޓް ޕްރެކްޓިސްތައް ނަގައި، އެއަށް އަމަލުކުރުން ހަމަ އޯކޭ. މައްސަަލައަކީ ކޮންމެ ނިޒާމެއް އޮތަސް، ނާޖާއިޒް ފައިދާ ނަގަންއުޅުން. ނުބެހޭ ކަންތަކާއި ބެހުން. ޑިސިޕްލިންވީމާ ނިމުނީ.
މީމީމީ
14 December 2023
އިޒުރޭލުގައި އޮންނަކަހަލަ Parliamentary system އެއްގެވާހަކަތޯ؟ ސިސްޓަމުގެ މައްސަލައެއްނޫން މިއުޅެނީ މީހުން އެއޮންނަސިސްޓަމަކަށް ތަބާވެ އަމަލުކުރީމަ ހުންނާނީ ރަގަޅަށް.
މަގޭބޭ
12 December 2023
އަސްލަމް 100. ސައީދު އެކިޔުއްވީ ކީކޭކަން ސައީދުއަށް އެނގޭނީ. މެންބަރުން މިހާރު ތިބޭނީ ދާއިރާވެފަ އުނކުނޑިކޮއްޓާފަ ދެއްތޯ. މަގެ ދާއިރާ. މަގޭ ދާއިރާ، މަގޭ ދާއިރާ. މަޖިލީހަށް ހޮވޭތޯވެސް ބަލަންޖެހޭ ދެއްތޯ.
އިބްރ
12 December 2023
އަސްލަމްގެ ތިޔަ ފިޔަވަޅަށް މަރްޙަބާކިޔަން. އަންނިއަކީ ހުންގާނުނެތް އޮޑިއެއް ކަނޑުގައި ދުވާގޮތަށް މަޖިލިސް ހިންގެވި ބޭފުޅެއް. އެބޭޅާ މިޤައުމު ހިންގަންވެސް އުޅުއްވީ ހަމައެގޮތަށް. ކެބިނެޓް ޖަލްސާތަށްވެސް ބާއްވަން ނިންމެވީ ކަނޑުއަޑީގަ. ހުރިހައި ވަޒީރުން އިސްތިއުފާދެއްވަން މަޖްބޫރުކުރުވީ.