ފޯރަމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޝަހީމް: ވަގުފު ބިނާތައް ނިމުމުން ދައުލަތަށް ފައިދާ ކުރާނެ ކަމަށް ވިދާޅުވި
14 ޑިސެމްބަރ 2023 - 11:39
ތިން އަހަރު ތެރޭ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަގުފްގެ އިމާރާތްތައް ބިނާކުރާނެ ކަމަށާއި އަންނަ އަހަރު ހުޅުމާލޭގައި 200 މިލިއަން ރުފިޔާގެ ވަގުފް މަޝްރޫއުއެއް ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޒަކާތާއި ވަގުފް އަދި ހައްޖު ފަންޑް ކުރިއަރުވައި މެނޭޖްކުރާނެ ގޮތާ މެދު މަޝްވަރާކުރުމަށް އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމްގެ ނަމުގައި އިސްލާމިކް ފައިނޭންސް ދާއިރާގެ ބޭފުޅުންނާ އެކު މިއަދު ފެށި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ މި މަޝްރޫއު ކާމިޔާބުވުމުން ފަގީރުންނާއި މިސްކީނުން ދާއިމީ ގޮތެއްގައި ހައްޖަށް ގެންދަން މަގު ފަހިވާނެ ކަމަށެވެ.
ޝަހީމް ވަނީ މިހާތަނަށް ފަށާ އެންމެ ބޮޑު ވަގުފު މަޝްރޫއުއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި 200 މިލިއަން ރުފިޔާގެ ވަގުފް އިންވެސްޓްމަންޓްގެ މަޝްރޫއުއެއް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ކާމިޔާބު ކުރެވި، ދެ އަހަރު ތެރޭ ފައިދާވާނެ ކަމަށެވެ.
"ރާއްޖޭގެ ފަގީރުންނާއި މިސްކީނުންނަށް ދާއިމީ ގޮތެއްގައި ހައްޖަށް ދެވޭނެ މަގު ފަހިވެގެންދާނެ. ފަރުޟު ހައްޖުކުރަން ބޭނުންވާ މީހުންނަށް ކޮންމެ ފަގީރަކަށް ދައުލަތުން އެ ހިދުމަތް ދެވިގެންދާނެ، އެ މަޝްރޫއު ނިމުމަށްފަހު،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ވަގުފު ތަރައްގީ ކުރުމަށް ބޭންކްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި ބޭނުންވަނީ ކުރިއަށް އޮތް ތިން އަހަރު ތެރޭ ކޮންމެ އަތޮޅެއްގައި ވެސް ވަގުފް ޕްރޮޕަޓީއެއް ގާއިމްކުރަން ކަމަށެވެ.
"އިރާދަކުރެވިއްޔާ އެކަން ކުރާނަން. އަތޮޅު ތެރޭ އިސްލާމީ އަދި އިޖުތިމާއީ ކަންކަން ގާއިމް ކުރުމަށް ފައިސާއެއް ނެތް. މިސްކިތްތައް މަރާމާތުކުރުމާއި ދީނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ފައިސާއެއް ނެތް. މި ފައިސާ ހޯދުމަށް ކުރެވޭނެ ކަމެއްގެ ގޮތުން އަޅުގަނޑުމެން މި ބަލަނީ ވަގުފު ޕްރޮޕަޓީއެއް ގާއިމް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ފޯރަމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޝަހީމް: ވަގުފު ބިނާތައް ނިމުމުން ދައުލަތަށް ފައިދާ ކުރާނެ ކަމަށް ވިދާޅުވި
މިނިސްޓްރީން މިހާރު ވަނީ ދެމިހުރި ސަދަގާތެއްގެ ގޮތުގައި ވަގުފު އިމާރާތް އަޅަން ބޭނުންވާ ފަރާތްތަކަށް، ރަށު ވަގުފު، އަތޮޅު ނުވަތަ ސިޓީ ވަގުފު ގާއިމުކުރުމުގެ ފުރުސަތު ހުޅުވައިލައިފަ އެވެ. މި ވަގުފުތަކަކީ ރަށާއި އަތޮޅުތަކުގެ އިސްލާމީ ކަންކަމަށް ހާއްސަކުރެވޭ ވަގުފު ކަމަށާއި ގިނަ ބަޔަކު ވެގެން ވެސް މި ވަގުފު ގާއިމުކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިސްޓަރު ވިދާޅުވީ ވަގުފު ޕްރޮޕަޓީއެއްގެ ގޮތުން މާލޭގައި ގާއިމްކުރި ދާރުލްއީމާން އިމާރާތުން އަހަރަކު 5-6 މިލިއަން ރުފިޔާ ލިބޭ ކަަމަށާއި އެއީ ވަރަށް ރަނގަޅު އަދަދެއް ކަމަށެވެ. އެއިން އިތުރު މަޝްރޫއުތައް ދުރުރާސްތާއެއްގައި އުފެއްދޭނެ ކަމަށް ވިދާޅުވި އެވެ.
ވަގުފުގެ އިތުރުން ޒަކާތަކީ ވެސް މި ސަރުކާރުން ކުރިއަރުވަން ބޭނުންވާ ކަމެއް ކަމަށާއި އޭގެ ދަށުން ޒަކާތު ހައުސް ގާއިމްކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހައްޖު ކޯޕަރޭޝަން ވެސް ކުރިއަށް ގެންގޮސް ތަރައްގީ ކުރެވޭނެ ކަމަށާއި އަދި ރަނގަޅަށް މަސައްކަތްކޮށްފި ނަމަ ހައްޖަށް ގެންދާ އަގު ވެސް ތިރި ކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމީ އިގްތިސާދު ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއް ކަމަށެވެ. އޭގެ ތެރެއިން ޒަކާތާއި ވަގުފު އަދި ހައްޖު ކޯޕަރޭޝަން ތަރައްގީ ކުރުން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ކަންކަން ތަރައްގީކޮށް ކުރިއަރުވަން ދާއިރާގެ ފަންނީ ބޭފުޅުންނާއި ޒުވާނުންގެ އެއްބާރުލުމާއި ލަފާ ބޭނުންވާނެ ކަމަށާއި މިއަދު ފެށި ފޯރަމުން ވެސް ގިނަ ހިޔާލުތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞޭޞީޖީ
14 December 2023
ޒަކާތުފަންޑުން ކިޔަވަނީ ހަމަ މުއްސަދީންގެ ދަރީން، މެލޭސިޔާ، އޮސްޓްރޭލިޔާ އަދި އިނގިރޭސިވަލާތުން، ހަމަ ޔަގީނުންވެސް ފަގީރަކަށް އަސްލު ފައިދާވާހެން ހިއެއް ނުވޭ. ޢަދި މިނިސްޓްރީން އިސްލާމިކް ބޭންކެއް ގާއިމްކޮށް ރާއްޖޭގައި ގެދޮރު ނުހެދިފައި ތިބި ފަގީރުންގެ ގޯތިތައް ހަދާދިނުން އެއީ ވަރަށް ސަޅި ކަމެއް އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ލޯނުގެ ވަބާއިން މިންޖު ކުރުމަށް ކޮށާލެވޭ މަގަކަށްވާނެއެވެ
ގޭސް44
14 December 2023
ތިއީ ސައޫދީއަށް ލާރި އޮއްސަން ސަޅިގޮތެއް. މުޅި ދުނިޔެއަށް ތިކަހަލަ ޗިޕު ޖަގައިގެން އިޤްތިޞާދު ގެރެންޓީކޮށްފައިއެވަނީ.
މައި ފޭވަރ
14 December 2023
މިމީހާ މިނިސްޓަރކަމަށް އައީމަ އަބަދުވެސް ކިޔަނީ ޒަކާތު ފަންޑު، ވަޤުފް ފަންޑްގެ ވާހަކަ. ހީވަނީ އެފަންޑުތަކުގައި ލާރި ހުރެގެން މީނަގެ ލޮލަށް ނިންޖެއް ނާންނަނީހެން. އެފަންޑުން ޚަރަދުކޮށްގެން ކޮންމެވެސް އިމާރާތެއް އަޅާވާހަކަ، ނޫނީ ވިޔަފާރިއެއް ކުރާވާހަކަ، ފަންޑަށް ލާރި އިތުރުކުރަންވެގެންނޯ.. ހީވަނީ ފޮރުވިފައި އޮތް އެހެން އެޖެންޑާއެއް ހިންގަން އުޅޭހެން. ނިމުނު ސަރުކާރުގަވެސް ތިތާނގަ މިނިސްޓަރ ހުއްޓޭ. ފަޤީރުންނަށް ދޭންޖެހޭ އެއްޗެއް ބަރާބަރަށް ދިން.
ދަލޭކަ ދައިތަ
14 December 2023
ފަގީރުން ވާވަށްދާނެ ކަމެއްނެތް! އަހަރެމެންނާ ސުވާލު ނުކުރެވޭނެ ހައްޖު ނުކޮށްގެން. އަހަރެމެންނަށް ދެއަހަރުން އެންއަހަރު އައިނު ހައްދަން އާސަންދައިން އެންމެ 1000ރ. ލިބެނީ. މި 1000ރ. ކަޑާފަވެސް 3 ނުވަތަ 4ހާސް އަރާނެ. ކުޑަކުދިންނަށް 6 މަހުން ނަންބަރު ބަދަލު ކުރަންޖެހޭ. އަޅުގަނޑު ހިތުން ފަރުޟު ނޫން ހައްޖެއް ކުރަން ލިބުމަށްވުރެން މިހެންހުރި ކަން ކަމަށް އެހީ އިތުރުކުރުން މާ ރަނގަޅު.
އިގާ
14 December 2023
ތިއީ ބޭކާރު ކަމެއް. ފަޤީރުންނަށް އެނގޭ އެމީހުންގެ މައްޗަށް ޙައްޖު ވާޖިބު ނޫންކަން. ދިރިއުޅުމުގެ އަސާސީ އެތައް ކަމަކަށް ބޭނުންޖެހިފައިވާ ބައެއް. ހާކިމާއަށް ލާޒިމެއް ނޫން ފަޤީރުން ޙައްޖަށް ފޮނުވާކަށް. ޒަކާތު ފައިސާއަށް ކުރަން އަންގަވާފަ އެތައް ކަމެއް އެބައޮވޭ. އެކަންކަން ރަގަޅަށް ކުރެވޭތޯ ބަލާ! ކުޅަދާނަކަން ލިބިގެން ނުވާ މީހާއަށް ޙައްޖު ވާޖިބުނުވުމުގެ ހިކުމަތްތައް ބަލާ މުޠާލައާކުރުން ރަގަޅު. އަދި މިކަމުން ހުޅުވޭނީ އަނެއްކާވެސް ކޮރަޕްޝަނަށް ދޮރެއް!
ތުނިޔަ
14 December 2023
މިނިސްޓަރަ އެފްބީގަ ލިޔުއްވި ގޮތުގައި ފަގީރުންގެ ގޮތުގައި ހައްޖައް ފޮނުވާނީ، ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވެފަ ތިބި މީހުންނެވެ. ޢެލިސްޓުގައި އެތިބި އެއްމެންނަކީ Hama އެހާ ނިކަމެތިންތޯ؟ ޒަކާތު ފައިދާގެ ގޮތުގައި ބޮޑު އަދަދެއްލިބޭތީ އެލިސްޓުގައި ޖެހިގެން އުޅޭ މީހުންވެސް އެބަތިބި. ޢަނެއްކޮޅުން ލިސްޓެއްގައި ރަޖިސްޓްރީ ވެފަ ނެތަސް ވަރަށް ނިކަމެތިންވެސް އެބަތިބި.
ރަސްރަނި ޕާކު
14 December 2023
ޒަކާތު ލާރިން ހައްޖަށް ދިޔައީމާ ކަމުުދާނެތަ؟
ފަޤީރުންނަށް ޙައްޖު ވާޖިބެއް ނުވާނެޔޭ!
14 December 2023
ފަޤީރުން ޙައްޖުގެ އަޅުކަން އަދާ ނުކޮށް ހުއްޓައި މަރުވިޔަސް އެކަމުގެ ފާފައެއް ނުލިބޭނެ އެވެ. މިހެން ބުނަން ކޮންމެހެން ދީނީ ޢިލްމުވެރިއަކަށް ވާކަށެއް ނުޖެހޭނެއެވެ. އެއީ ކޮންމެ މުސްލިމަކަށް ވެސް އެނގެންޖެހޭނެ މަޢުލޫމާތަކަށްވާތީ އެވެ. މިޤައުމުގައި ތިފައިސާއިން ޒަރޫރީ އެހެން ބޭނުންތަކަށް ޚަރަދު ކުރަން މާ އައުލާކަން ބޮޑު ނިކަމެތިފަޤީރުން އެބަތިއްބެވެ. ފަޤީރުން ޙައްޖަށް ފޮނުވުވުމުގެ ޒިންމާ ސަރުކާރަށް ނަގާކަށެއް ނުޖެހޭނެ އެވެ.
އުނގު ވިޔާފާރި
14 December 2023
ވަގުފު އެއީ ރިއަލް ސްޓޭޓު ވިޔަފާރި ހިންގުން! ސަރުކާރުން އެބަހުރި ދޯ އެކަން ކުރާ ތަންތަން އުފައްދާފައި! މީނާގެ މިނިސްޓްރީން ވަގުފު ވިޔާފާރި ކުރަން އުޅެނީ ކީއްކުރަންބާއޭ ހިތަށް އަރަނީ!
މީނަގެ
14 December 2023
މީނަ ހާދަ ގިނައިން ފައިސާގެ ވާހަކަ އެބަ ދައްކައޭ މިނިސްޓަރަކަށް ޢާދެވުނިމަ.
މަނިކުފާނު
14 December 2023
ތިވިދާޅުވާ ފަގީރުންނަށާ ކިޔަވައިގެން ތިބި މީހުނަށް ދުވާލަކު 20 30ން މިނިސްޓަރު ކަން ދެމުން އެދަނީ. އަޅުގަނޑު މެން ކަހަލަ ފަގީރުންނަކަށް ތިއެއްނުލިބޭނެ. ހަމަ ދަޅަދެއްކުމާ އަނދުން އެޅުވުމާ ހުވަފެން ދެއްކުން.