ހައްޖުގެ އަޅުކަމަށް، މީގެ ކުރިން ރާއްޖޭގެ ހައްޖުވެރިން ކުރި ދަތުރެއްގެ ތެރެއިން: --- ފޮޓޯ: ހައްޖު ކޯޕަރޭޝަން
17 ޑިސެމްބަރ 2023 - 13:17
ކުރިއަށް އޮތް ފަސް އަހަރު ތެރޭ 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ފުރަތަމަ ތިން އަހަރު ހައްޖަށް ފޮނުވާނީ ހައްޖުގެ އަޅުކަން އަދާކުރެވޭ ފަދަ ސިއްހީ ހާލަތުގައި ތިބި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ނިކަމެތިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި އަމަލުކުރާނީ، ގައުމުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ކަނޑައެޅޭ އުސޫލެއްގެ މަތިންނެވެ. އެ އުސޫލާ ގުޅޭ ބައެއް ކަންކަން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ވަނީ ނިންމައިފަ އެވެ.
އޭގެ ބައެއް ނިންމުންތައް ހިއްސާކޮށް މިނިސްޓްރީން ބުނީ، މި ސިޔާސަތުގެ ދަށުން ހައްޖަށް ފޮނުވުމަށް ނިންމާފައިވަނީ ސިއްހީ ހާލަތު ތަންދޭ، އުމުރުން 70 އަހަރުން ދަށުގެ މީހުން ކަމަށެވެ. ފުރަތަމަ ތިން އަހަރު، 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން އަދި ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.
ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭނެ އެވެ.
ކެބިނެޓުން ނިންމާފައިވަނީ މި އަހަރުގެ ހައްޖަށް ފޮނުވާ 50 މީހުންގެ ހަރަދު ޒަކާތު ފަންޑުން ހަމަޖައްސާށެވެ. ކުރިއަށް އޮތް އަހަރުތަކުގެ ދައުލަތުގެ ބަޖެޓުންނާއި އެކި ފަރާތްތަކުގެ ސްޕޮންސަރުންގެ ދަށުން މި ހަރަދު ހޯދުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.
ދައުލަތުގެ މާލީ އެހީތެރިކަމާ އެކު ހައްޖަށް ގެންދާނެ ފަރާތްތައް ކަނޑައަޅާނީ މިހާރު އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުން ކަމަށެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ދަފްތަރުން މީހުން ނަގަނީ މިއީ ޒަކާތް ހައްގުވާ މީހުން ކަމަށްވާތީ، ހައްޖު ވެސް ހައްގުވާނެ ކަމަށް ގަބޫލުކުރާތީ ކަމަށެވެ.
ފަގީރުންގެ ދަފްތަރުގައި މިވަގުތު 6،000 އެއްހާ މީހުން ތިބެ އެވެ. މި މީހުންގެ ތެރެއިން ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނީ ޝަރުތު ހަމަވާ މީހުންގެ ތެރޭގައި ގުރުއަތެއް ނަގައިގެން ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ މިއީ ދާއިމީ ގޮތެއްގައި ކުރެވޭނެ ނިޒާމެއް ކަނޑައެޅުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބާ އައިސާ
18 December 2023
ހައްޖުގެ އަޅުކަން އަދާ ކުރަން ފުރުސަތު ނުލިބި ނިޔާވެގެން ދާ ނިކަމެތިން ކިތަންމެހާވެސް ގިނަ. މިހާތަނަށް ވެރިއެއް ނިންމި އެންމެ ފުރިހަމަ ނިންމުން މިއީ. ޝުކުރު ހައްޤުވާ ވަރުގެ ކަމެއް ޑރ.މުއިއްޒު މި ކުރެއްވީ.
ފިރާޝްް
18 December 2023
ހުލްގު ހެޔޮ ވެރިން ހޮވީމަ ނިކުންނާނީ މިކަހަލަ ފޮނި ނަތީޖާތައް.
ލިއްބެ
18 December 2023
ސާބަހޭ ޑރ.މުއިއްޒު. މޭން އެކޭ ތީ. ޤައުމުގެ ދުވެލި ހުރީ ވަރަށް ހަލުވި ސްޕީޑްއެއްގަ
ކިނާރީ
18 December 2023
ދަފްތަރުގަ ނަން ނެތަސް ، ހައްޖަށް ދާން ފައިސާނުލިބޭނެ މީހުން ތިބޭނެ . ދާން ބޭނުންވެ ، ދެވޭނެ ފަދަ ނެތް އަޅުވެރިން . ހައްޖަށް ދާންބޭނުންވާ މީހުން ނަކީ އަޅުވެރި ންކަމަށް ވާން ޖެހޭނެ . އެއީ މައްކާއަށް ގޮސް ތާސްބައި ކުޅެ ، ބާޒާރު ކުރާމީހުން ތިބޭކަމަށް ވާހަކަ ދެކެވޭތީ
އިސާމް
17 December 2023
ތި ނިންމުން ރަނގަޅު. ސަބަބަކީ އޭޖް.
އިފާދާ
17 December 2023
މިވެރިކަން ދަމަހައްޓާ ރައީސް މުއިއްްޒް އަށް ދެވަނަ ދައުރެއް ހަމަ ހައްގު
މުހައްމަދު ޝާން އައްބާސް.
17 December 2023
ދީނީ ކަންކަމަށް މިސަރުކާރުން ވަރަށް އަހައްމިއްޔަތުކަން ދޭކަން ފާހަގަކުރަން.
ޖީހާން އަލީ
17 December 2023
ރައީސް މުއިއްްޒް ތިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި
ހުނޭނާ
17 December 2023
އުފާވެެރި ހަބަރެއް.
ފަރީޝް
17 December 2023
ދީނީ ކަންކަމަށް މިސަރުކާރުން ގާތްކަން ބަހަށްޓާތީ ވަރަށް އުފާވޭ