ފުށިދިއްގަރު ފަޅު: މިތަނުން ހިއްކަން ނިންމާފައިވާ 800 ހެކްޓަރުގެ ބިމަކީ، ގާތްގަނޑަކަށް މާލޭގެ ހަތަރު ގުނަ.
18 ޑިސެމްބަރ 2023 - 11:46
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށަން ނިންމައިފި އެވެ.
މިއަދު ހަވީރު އޮންނަ ރަސްމިއްޔާތެއްގައި، މި މަސައްކަތް ފައްޓަވައި ދެއްވާނީ ރައީސް މުއިއްޒެވެ.
އެތަން ހިއްކަން ހަވާލުކުރީ "މިހާރު"އަށް އެނގިފައިވާ ގޮތުގައި ސްރީ ލަންކާގެ ކުންފުންޏަކާ އެވެ. އެކަމަކު މިކަމާ ގުޅޭ އެއްވެސް ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
މަޝްރޫއު ހަވާލުކުރި އަގާއި މި މަޝްރޫއުއަށް ފައިސާ ހަރަދުކުރަނީ ކޮން ގޮތަކުން ކަމެއް ވެސް ސަރުކާރުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ފުށިދިއްގަރުފަޅުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަނީ އާބަންކޯގެ ބެލުމުގެ ދަށުންނެވެ.
މަޝްރޫއު ފެށުމަށްޓަކައި މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ވަނީ ގަރާރެއް ނެރުއްވައި ފުށިދިއްގަރުފަޅު ކ. ގުޅީގެ އިހްތިސާސްގެ ތެރެއިން އުނިކޮށްފަ އެވެ. މި ފަޅުން ހިއްކަން ނިންމާފައިވާ 800 ހެކްޓަރުގެ ބިމަކީ، ގާތްގަނޑަކަށް މާލޭގެ ހަތަރު ގުނަ އެވެ.
ފުށިދިއްގަރު ފަޅަކީ ރައީސްގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދީގެން ތަރައްގީ ކުރަން ނިންމާފައިވާ ތަނަށްވާއިރު، މި ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަން ވަނީ ހިމަނައިފަ އެވެ.
އެކަމަކު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މި ސަރުކާރުން އެދިގެން 400 މިލިއަން ރުފިޔާ ހިމަނާފައި އޮތް ނަމަވެސް، ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށް ހިމަނައިފަ އެވެ.
ފުށިދިއްގަރުފަޅަކީ މާލެއާ ބްރިޖުން ގުޅާލެވޭ ވަރަށް ވުރެ ދުރުގައި އޮތް ތަނެއް ކަމަށާއި އެތަން ތަރައްގީ ކުރާނީ މާލެ ނައިސް ވާނެ މިންވަރަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެތަނުން މާލޭގައި ދިރިއުޅޭ އެންމެންނަށް ބޭނުންވާ މިންވަރަށް ގޯއްޗާއި ފްލެޓް ދޫކުރެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައި ވަނީ މި ސަރުކާރުގެ އެންމެ އުއްމީދީ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅަކީ 20 އަހަރުގެ ޕްލޭނެއްގެ ދަށުން މާލެއާ ވަކިން އޮންނަ ސިޓީއެއްގެ ގޮތަށް ތަރައްގީ ކުރާ ތަނެއް ކަމަށާއި އެތަން ތަރައްގީ ކުރުމުން މާލެ ނައިސް، ހިދުމަތް ލިބޭނެ ތަނަކަށް ވާނެ ކަމަށެވެ.
ނަމަވެސް، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިސް މެންބަރުން ގެންދަވަނީ ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ މި ވަގުތަށް މުހިންމު މަޝްރޫއެއް ނޫން ކަމަށާއި މާލެ ރައްޔިތުންނަށް ގޯތި ދީފައިވާ ގުޅިފަޅާއި ގިރާވަރަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދީ، އެ ތަންތަން ތަރައްގީކުރުން މާ މުހިންމު ކަމަށް ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޖީހުު
19 December 2023
މީ މި ސަރުކާރުގެ ބިޔަ ބޮޑު މަޝްރޫއު. ތަފާތުވާނެ
ދޯޕައްޓާ
18 December 2023
ހޯރަފުށީމީހުން މިކަލޭގެއަށް ވޯޓުދީގެން ލިބުނީ ކޮޅުކެހި. ހިނގަހިނގާހުރި ކަންކަންވެސް ހުއްޓުނީ.
ޕްރޭމްޗޯޕްރާ
18 December 2023
މިހާރުވެސް ރާއްޖެތެރޭގެ އެންމެން ޚިދުމަތްހޯދަން އަންނަންޖެހެނީ މާލެ އެހެންވީމާ އަނެއްކާވެސް ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ތަނެއް ތަރައްޤީކުރާއިރު ޚިދުމަތް ހޯދަން ދުރުރަށްރަށުން އަންނަންޖެހޭގޮތަށް މާލެ ކައިރީ ތަނެއް ހެދީމަ އެތަނުން ބޯހިޔާވަހިކަންލިބޭ މީހުން ފިޔަވާ ދެންތިބި އެންމެން ހަމަ އަންނަން ޖެހޭނީ މާލެއޭރިއާއަށް. މިހާރު ހުރި ސިޓީ ތަކުގައި ތިޔަހުރިހާ ޚިދުމަތް ލިބޭނެގޮތް ހެދުން މާރަގަޅު، އަނެއްކާ އަތޮޅުތަކުގެ ޚާލަތު އިތުރަށް ބިކަވާނީ.
މުއިއްޒުއައުޓު
18 December 2023
މާލެ ދާން ނުޖެހޭވަރުތަނެއް މާލެ ކާރީގަ ނުހަދަން އިންޒާރު ކުރަން.. ތިވަރު މަސްރޫއެއްފަށަން ޖެހޭނީ މާލެއާ 60 އާ 90 ކިލޯމީޓަރު ދުރުގަ.. އެމީހުންވެސް ބޭނުންވެ ގިނަވެގެން15މިނިޓުން އިމަގެންސީގަ ސިއްހީފަރުވާހޯދަން.. ގިރާވަރު ފަޅާ ގޫޅީފަޅު ފަށާ މިލިއަނުން ހަރަދުކޮށްފަ އެއޮތީ..މި 5އަހަރުތެރޭ ނުނިމޭހާ މަސައްކަތް އެއޮތީ.. އެތަންތަން ދޫކޮށްފަ ތިމަސްރޫއު ފެށުމަކީ ވައުދާހިލާފުވުން.. އަވަހަށް މީނަ އަޒުލް ކުރޭ.. ނޫނީ އިއާދަ ނުކުރެވޭ ގެއްލުން ރާއްޖެއަށް ވާނެ..
މުޑަހަންޖާ
18 December 2023
މަގޭހިތަށް އަރަނީ އިންޑިއާގެ ބޮންބޭ ތަރައްގީ އެވަނީ ކ.މާލެއާއި ކައިރިކަމުންހެއްޔޭ، ރާއްޖޭގައި ޒާތްޒާތުގެ ޕީއެޗުޑީ ހަދައިގެން އަންނަމީހުނަށްވެސް މިވިސްނެނީ ލޮލުކޮޅަށްނަމަވެސް ކ.މާލޭ ފެންނަހިސާބުނޫނިއްޔާ ތަރައްގީކުރާނެ ހަމައެއްވެސް ގޮތެއް ނެތޭ، މިމީހުންމިހަދާ ޕީއެޗުޑީގަ ހުރިއެއްޗެއް ރަނގަޅަށް ބަލަން އެބަޖެހޭ.
އަގުރަމް
18 December 2023
ބޯހިޔާވަހިކަމަށް އިންޤިލާބީ ބަދަލެއް ގެންނަވާނެ ރައީސްއަކީ ރައީސް މުއީޒްކަން ޝައްކެއްނެތް
ރައްޒާގު
18 December 2023
މުއިއްޒު އިންގިލާބީ ބަދަލު ގެންނާނީ ވަށައިގެން އެބުރޭ މީހުންގެ ޖީބުތަކަށް. ވަރަށް ހިތިވާނެ.
ހުމާމް
18 December 2023
ކެމްޕެއިން ތެރޭގައި ވައުދުވި ގޮތަށް ފުރަތަމަ 30 ދުވަހުގެ ތެރޭގަ މި ހިއްކަން ފައްޓަނީ. ސާބަސް ރައީސް
ބްރޯސް
19 December 2023
އެކަމަކު އެފަށަނީ 31 ވަނަ ދުވަހު ދޯ؟
ނުއުނާ
18 December 2023
ރާއްޖޭ ތާރީހުގަވެސް ބޯހިޔާވަހިކަމަށް ހައްލުގެނެވޭ އެންމެ ބިޔަ ޕުރޮޖެކްޓް
ބުޝުރީ
18 December 2023
އަލްހަމްދުﷲ. މީ އުފާވެރި ދުވަހެއް
ތެދުބަސްު
18 December 2023
ފުށިދިއްގަރު ފަޅު ހިއްކާއިރު، މާލެކައިރިން ހިއްކަން ފަށާފަ ހުރި ތަންތަނުގެ މަސައްކަތް ހިއްޓާލައިފިނަމަ ތި ހެދެނީ ގޯހެއް. އެހެނެއްނޫން އެތަންތަންވެސް ކުރިޔަށް ގެންދަމުން ތިކަންވެސް ކުރިޔަށް ގެންދިއުމުގަ މައްސަލައެއްނެތް. ކޮންމެ ބަޔަކު ކުރަން ފަށާފަ އޮތަސް އެއީ ރައްޔިތުންގެ ލާބަޔަށް ކުރާ ކަންކަން. އެކަންވެސް ކުރިޔަށް ގެންދަންވާނެ.