01 ޖެނުއަރީ 2024 - 16:38
ދިރާގު މައިއެކައުންޓް މެދުވެރިކޮށް އެ ކުންފުނީގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދާ، ހިދުމަތްތައް އެއްތަނަކުން މެނޭޖްކުރެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.
"މައި އެކައުންޓު" މެދުވެރިކޮށް ޕޯސްޓްޕެއިޑް ނުވަތަ ފައިބާ ބްރޯޑްބޭންޑް ޕެކޭޖުތައް އަޕްގްރޭޑް ކުރުމާއި ޑައުންގްރޭޑުކޮށް ޕެކޭޖު ބަދަލުކުރުމުގެ ހިދުމަތް ހޯދޭނެ އެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް އަލަށް ފައިބާ ބްރޯޑްބޭންޑް ކަނެކްޝަން ނެގުން ފަދަ ހިދުމަތްތައް ލިބޭނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ޕާޓްނާ ފިހާރަތަކުން މިހާރު ވިއްކަމުންދާ ބްލޭންކް ސިމް ވެސް އެކްޓިވޭޓުކުރުމަށް "މައި އެކައުންޓް"އިން ރިކުއެސްޓް ކުރެވޭނެ ކަމަށެވެ. އަދި އެއް އިމާރާތުން އަނެއް އިމާރާތަށް ނުވަތަ އެއް އިމާރާތެއްގެ ތެރޭގައި ވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ ލޮކޭޝަން ބަދަލުކުރަން ބޭނުން ނަމަ އެ ހިދުމަތަށް ވެސް މި ޕޯޓަލްއިން ރިކުއެސްޓް ކުރެވޭނެ ކަމަށެވެ. އަދި ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުން ފަދަ ރިކުއެސްޓުތައް ވެސް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕޯޓަލް އަކީ ތަފާތު ބިލިން އެކައުންޓްތަކުގެ ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ބިލް ދެއްކުން، ޕްރީޕެއިޑް ނަމްބަރުތައް ރީޗާޖްކޮށް އަދި އެކި އެޑް-އޮންސް ނަގާ ހިދުމަތްތައް މެނޭޖުކުރެވޭ ޕޯޓަލްއެކެވެ. އަދި ދިރާގު މައިއެކައުންޓް މެދުވެރިކޮށް އެދޭ ހިދުމަތްތަކުގެ ސްޓޭޓަސްވެސް މި ޕޯޓަލްއިން ބަލާލެވޭނެއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނާ33
01 January 2024
އޮްންލައިންކޮއް އެއްވެސް ބާވަތެއްގެ ސިމް އެއް ނުވިއްކުން އެދެން. މިހާރު ވެސް އީސިމްް ނަގައިން މީހުންގެ އެކައުންޓުތައް ހެކް ކުރަނީ