ފުލުހުންގެ އިސްވެރިންތަކެއް، މާލޭގެ މަގުމަތި ބަލަހައްޓަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 ޖެނުއަރީ 2024 - 17:44
މާލެ ސަރަހައްދުގައި ބާރުބޮޑު ހިސާބުތަކަށް ފުލުހުންގެ އިސްވެރިން ނުކުމެ، މަގުމަތީގެ ރައްކާތެރިކަން މިއަދުން ފެށިގެން ބަލަހައްޓަން ފަށައިފި އެވެ.
އާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު "މިހާރު" އަށް މިއަދު ދެއްވި އިންޓަވިއުގައި ވިދާޅުވީ ފާއިތުވި 2-3 އަހަރުގެ ތެރޭގައި މަގުމަތީގައި ހިތާމަވެރި އަދި ކަންބޮޑުވާ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އެކަންކަން މަދުކުރަން ހިނގާ މީހުންނާއި ދުއްވާ މީހުން ވެސް މަގުމަތީގެ އަދަބުތަކަށް އިހުތިރާމްކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ސީޕީ ވިދާޅުވީ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ ނަމަ ބާރަށް އުޅަނދު ދުއްވުން މަދުކުރެވޭނެ ކަމަށެވެ. އޭގެ ތެރެއިން، ޓްރެފިކްގެ މައްސަލަ ހައްލުކުރުމާއެކު، ސްކޫލުތައް ހިމެނޭ ސަރަހައްދުގައި ފުލުހުންގެ އިސްވެރިން ތިބޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ޝުޖާއު މިއަދު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި މަގުތަކަށް ފުލުހުންގެ އިސްވެރިން ނުކުތުމަކީ މިއަދު އެކަނި ކުރިއަށްދާނެ ކަމެއް ނޫން ކަމަށެވެ. މި ލީޑަޝިޕްގައި އެ މަސައްކަތް ކުރިއަށްދާނެކަން، މިދިޔަ މަހުގެ 25 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ސީޕީ ވިދާޅުވި އެވެ.
މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާއްމުންގެ އަބަދު ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބާރަށް ދުއްވާ މީހުންނަށް ފިޔަވަޅު ނޭޅުމެވެ.
ސީޕީ ވިދާޅުވި ގޮތުގައި ބާރަށް ދުއްވުން ހުއްޓުވުމަށް ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން، ބްރިޖުގައި ބާރަށް ދުއްވާ މީހުން ދެނެގަންނަ ފަދަ ކެމެރާތައް ވެސް މާލޭގެ ބޮޑެތި މަގުތަކުގައި ހަރުކުރުމުގެ ވިސްނުން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި @PoliceMvCP ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ ނިންމެވުމުމާއެއްގޮތަށް ގްރޭޓަރމާލެ އޭރިއާގެ ބާރުބޮޑު ސަރަހައްދުތަކުގައި އިތުރު ފުލުހުން ނެރެ މަގުތަކުގެ އަމަން އަމާންކަން ބަލަހައްޓަންފަށައިފި pic.twitter.com/4EI9E9jWcL
— Maldives Police (@PoliceMv) January 7, 2024
"އޭރުން ފުލުހަކު ފެންނަން ނެތަސް މިންގަނޑާ ހިލާފަށް ދުއްވާ އުޅަނދުތަކުގެ ވެރިން ފާހަގަކުރެވި ފިޔަވަޅު އެޅިގެންދާނެ." ޝުޖާއު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ އަދަދު މަދުވިޔަސް އާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން މަގުމަތީގައި ގިނަ ވަގުތު ހޭދަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހާއްސަކޮށް، ރަށްރަށަށް ގިނައިން މަސްތުވާތަކެތި އެތެރެކުރަނީ ކަނޑުމަގުން ކަމަށް ވާތީ، ބަނދަރުތަކުގައި ފުލުހުން ބޭތިއްބުމަށް މަޝްވަރާކުރަމުން އަންނަކަމަށް ސީޕީ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
09 January 2024
މަގުމައްޗަށް ނިކުތުމާއެކު ފެށެނީ މުޖުތަމައު. ފުލުހުންނަށް ފަސޭހަވާނީ ކުށްމަދުމުޖުތަމައެއް ބިނާކުރެވިގެން. ކިތައްމެގިނަފިލުހުންނެއް ނެރެގެންވެސް މަގުމަތީގެ ހަމަތަކާ އަދަބުތައް ވަގުތުން ތަންފީޒު ނުކޮށް މަގާމު ފުރިހަމަ ނުވާނެ
ފޯލި
08 January 2024
އެމްސީ ހަމީދުވެސް މަޤާމާ ހަވާލުވެ ފުރަތަމަކޮޅު ތިހުރިހާ ކަމެއް ކުރިއެވެ. ސްޓިކާ ޖެހުން ހުއްޓާލިއެވެ. މަގުތަކަށް ފުލުހުންގެ ވެރިން ހުދު ހަމީދުވެސް ނުކުމެ އުޅުނެވެ. އެކަމަކު އެއްވެސް ކަމެއް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ނުދިޔުމުގެ ސަގާފަތުގެ ތެރެއިން އެކަންވެސް ދިޔައީއެވެ. ދެންވެސް ވާނީ އެވަރެވެ. އަމުދުން މި ސަރުކާރަކީ މުޅިންވެސް ސުރުހީ އަޅަން ކަންކުރާ ބައެކެވެ. މިޑިޔާ ސްޓަންޓް ޖެއްސުން ނޫންކަމެއް އަދި ނުކުރެއެވެ.
ސވލ
08 January 2024
އަނެއްކާ ތިމީހުންވެސް ނުކުންނަނީ ރާއްޖެތެރޭގެ އެކިރަށްތަކުގައި ހަވީރުދަޅައަށް ޔުނިފޯމުގައި ފުލުހުން ނުކުންނަގޮތަށްބާ؟
އަހްމަ
08 January 2024
އިއްޔެ ކިޔެވުން ފެށުނު ދުވަހު އިސްކަންދަރު ކުރިމަތީ މަގުހުރަސްކުރާ ކޮންމެ ތަނެއްގާ 2ޕޮލިހުންތިބި .އެއީ އަމިނިއްޔާ އާ އިސްކަންދަރާ ދެތަނުގައި. މިއަދު އެ 2ސްކޫލް ކައިރީގައިހުރީ އެންމެ ޕޮލިހެއް. ވާހަކަ ހާދަ ރީއްޗޭ.
ކަރިޝް
08 January 2024
ފުރަތަމަ ކޮޅު ވަރަށް ފޯރިދައްކާފަ އުޅޭނެ އެކަމު ދެތިން ހަފްތާފަހުން ނެފެންނާނެ . ސްކޫލްތައްވެސް ބަންދެއްވެފަ ހުލުވޭއިރު ފިސާރިވަރަކަށް ކޯން ބަހަޓަން ފޯރި ހުންނާނެ ، އެކަމު ފަހުން ވަރަށްފަރުވާކުޑަކޮށް ދާނީ . ތީ ފުލުހުންނެއް ނުން ވަރަށްކުރިންވެސް ދަންނަބައެއް ތީ
މަހާރަދުން
08 January 2024
ތިހެން އަނގަ ރަބަރެއްހެން ހަދައިގެން ގޮނޑި ހޫނުކޮށް ފޫހިވީމަ ނިކުމެ ހުއްޓި ހުއްޓަކަސް އަދި ރައްކާތެިރި ކަމެއް ލިބޭކަށް ނެތް ބޭބޭ!!
ހޯނުމި
08 January 2024
ގަވާއުދުތައް ތަންފީޒުކުރުން މުހިންމީ މިކަހަލަ ކަންކަމަށް ވުރެ. ކުރީރޭވެސް ރޭސް ކާރުތައް ހުޅުމާލެ އާންމުން ދުއްވާ މަގުތަކުގައި ޑްރިފްޓް ޖައްސަނީ. ޓްރެފިކް ފޮލިހުން ތިބީ ބްރިޖް ލައިޓްގަ ޖެހޭ މީހުން ހިފަހައްޓައިގެން ޗެކް ކުރެވޭތޯ.
ނިމި.
08 January 2024
ތިޔައީ ފޯ ޝޯ ކުރާ ކަންކަން. ފޮޓޯ ގަނޑު ނެގިއްޖެ. ލޮކޭޝަން ބަދަލު ކޮށްލާފަ ފޮޓޯ ގަނޑުތައް އިތުރު ކޮށްލާފަ ތިކަން ނިމިދާނެ،
އަލި ހޮއްކޮ
08 January 2024
ރަގަޅުކަމެއްނުކުރޭ އަދިއެއް ކްރޮޕްޝަންހިންގާފައި ތިބިމީހުން އަދިވެސް މަތިފަޑީގައި
345345
08 January 2024
މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަން ހަމަ ވަރަށް ރަނގަޅު ކަންކަން. އަދި މި ބޮޑު ލޮރީގެ ކަންކަންވެސް ހަމައަކަށް އަޅުއްވާދެއްވާ! ޤާނޫނާ ޤަވާޢިދު ހަދަނީ އެ ހިންގަން. އެހެންނޫނީ އެއީ ބޭކާރު ކަމެއް. ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދަށް ފިޔަވަޅު އަޅަންޏާ ހަމައެކަނި ސައިކަލުގަ އެކަންޏެއްނޫން ސްޓިކަރ ޖަހަންވީ ބޮޑެތި ލޮރީ ތަކުގަވެސް ޖަހަންވީ. ވިޔަފާރި އުޅަނދުތައް ގަވާއިދާ ހިލާފުވާނަމަ ބޮޑުކޮށް ޖުރުމަނާވެސް ކުރަންޖެހޭނެ. ގާނޫނު ހިންގޭނީ ހިތްވަރުހުރެގެން