އެފްއޭއެމްގެ އިންތިހާބީ ކޮމިޓީގެ ނައިބު ޗެއާމަން ވަނީ އިސްތިއުފާ ދީފައި. އިންތިހާބުގައި ވާދަކުރާ އަހުމަދު ތޯރިގުގެ އެޕީލާ މެދު ގޮތެއް ނިންމުމުގެ މުއްދަތު ހަމަވިއިރު އެ މައްސަލައިގައި އަދިވެސް ގޮތެއް ނިންމިފައެއް ނުވޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 ޖެނުއަރީ 2024 - 18:23
ފުޓްބޯޅަ އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮމިޓީގެ ނައިބު ޗެއާމަން އަހުމީމް އަބްދުއްރައްޒާގް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު އަހުމީމް މަގާމުން އިސްތިއުފާ ދެއްވައި، އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ ޖައުޝަން ޝަރީފަށް ސިޓީއަކުން އަންގާފައި ވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ހުކުރު ދުވަހަކީ، އިންތިހާބުގައި ވާދަކުރަން އަހުމަދު ތޯރިގް (ތޮމް) ހުށަހެޅި ކެންޑިޑެސީ ބާތިލް ވުމުން އެ މައްސަލަ އެޕީލް ކުރި ދުވަހެވެ. މިއަދު 4 ޖެހިއިރު އެޕީލާ މެދު ގޮތެއް ނިންމުމުގެ މުހުލަތު ހަމަވެފައި ވާއިރު، އަދި އެ މައްސަލައިގައި ގޮތެއް ނިންމިފައެއް ނުވެ އެވެ.
ހަމަ އެއާ އެކު އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތް ކަމަށާއި، އެފްއޭއެމްގައި މިވަގުތު އޮތީ ބާތިލް އިލެކްޓޯރަލް ކޮމިޓީއެއް ކަން ހާމަކޮށް ތޯރިގް ވަނީ ފީފާ އާއި އެފްއޭއެމްގައި މައްސަލަ ވެސް ޖައްސައިފަ އެވެ.
އެފްއޭއެމްގެ އިލެކްޓޯރަލް ކޯޑުގައި ވާގޮތުން ކޮމިޓީގެ މެންބަރުން ޖެހިޖެހިގެން ދެ ދައުރަށް އިންތިހާބު ކޮށްގެން ނުވާނެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ކޮންގްރެސްގައި ވަނީ އިލެކްޓޯރަލް ކޮމިޓީ އިތުރު ދައުރަކަށް އިންތިހާބު ކޮށްފަ އެވެ.
އަހުމީމާއި، ކޮމިޓީގެ މެމްބަރު އަބްދުﷲ އަލީ އިންތިހާބު ކޮށްފައި ވަނީ ދެވަނަ ދައުރަކަށެވެ. އަދި ކޮމިޓީގެ ޗެއާމަން އަބްދުﷲ އަލީ އިންތިހާބު ކޮށްފައި ވަނީ ޖެހިޖެހިގެން ތިންވަނަ ދައުރަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy