ގެނބިގެން މަރުވި ނަޒީލް އިބްރާހިމް.
28 ޖެނުއަރީ 2024 - 09:59
ފުވައްމުލަކު ބަނދަރު ސަރަހައްދަށް މޫދަށް އެރި އުޅުނު ޒުވާނަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.
އެ ރަށުން "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި ރަށުގެ ބަނދަރު ސަރަހައްދަށް މޫދަށް ގޮސް އުޅެނިކޮށް މަރުވީ ފުނާޑު އަވަށުގެ އުމުރުން 26 އަހަރުގެ ނަޒީލް އިބްރާހިމެވެ.
އޭނާ މޫދަށް ދިޔައީ ރައްޓެހިންތަކަކާ އެކުގައި ކަމަށާއި ގެނބޭތަން ފެނުމުން ބައެއް ރައްޓެހިން އޭނާ ސަލާމަތްކުރަން ފޭބި ކަމަށް ވެސް "މިހާރު"އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
މަރުވި ޒުވާނާއަށް ފަތަން އެނގޭ ކަމެއް ކަށަވަރެއް ނުވެ އެވެ. އެކަމަކު އޭނާ ސަލާމަތްކުރަން ފޭބި ބައެއް މީހުންނަށް ފަތަން ނޭނގޭ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އެ މީހާ ބުނީ ބަނދަރު ކައިރީގައި އޭނާއަށް ސީޕީއާރު ވެސް ދިން ކަމަށާއި އެކަމަކު އޭރު ވެސް އޮތީ މަރުވެފައި ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު މަރުވެފައި އޮތް ކަމަށް އިއުލާނުކުރީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
ހޮސްޕިޓަލަށް އޭނާ ގެންދިޔައީ ހެނދުނު 7:30 ހާއިރެވެ.
ފުލުހުން ވެސް ބުނި ގޮތުގައި އެ ޒުވާނާ ފަރުވާދޭން ގެންދިޔައިރު ވެސް މަރުވެފައި އޮތް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުވައްމުލައްް
28 January 2024
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ނަޒީލް އަކީ މަސައްކަތްތެރި ވަރަށް ހިތް ހެޔޮ އެންމެނަށްވެސް އެހީތެރިވެ އުޅުނު އެކުވެރި ޒުވާނެއް.
ޤައުމިއްޔަތު އެކަންޏެއް ނޫނެވެ! ފަތަން ވެސް ދަސްކޮށްދެއްވާށެވެ!
28 January 2024
މިރާއްޖޭގެ ސްކޫލް ތަކުގައި އުޅޭ ކުދިންނަށް ފަތަން ދަސްކޮށް ދެއްވާށެވެ! އަހަރުތަކެއް ކުރިން ވައިޑީޕީ އިން ފްރީކޮށް ދަސްކޮށް ދިނެވެ. މިހާރު ވައިޑީޕީ އިން ތަމްރީން ދެނީ ހޮވާލެވޭ ވަކި ބަޔަކަށެވެ. ބާކީ ތިބި ކުދިން ފަތަން ދަސްކުރަން ޖެހެނީ މަހަކު -/1000ރ އަމިއްލަ ކޯޗުންނަށް ދީގެންނެވެ. އެފައިސާ ޚަރަދު ނުކުރެވޭތީ ވަރަށްގިނަ ނިކަނެތިންގެ ދަރިންނަށް އެތިބީ ފަތަން ދަސްނުވެ އެވެ.
ނޯރާ
28 January 2024
އައްޑޫގަ ގެއްލުނު ކުއްޖާގެ ހަބަރެއް ފަހުން ނުދެކެން. އެކަމުގެ އަޕްޑޭޓެއް ނެތްތޯ؟
މަބަލްދީބް
28 January 2024
އަދިވެސް ނުފެނޭ. މިހާރު ހޯދާކަށްވެސް އެވަރަކަށް އުޅޭތަނެއް ނުފެނޭ
ނޯރާ
28 January 2024
ވަރަށް ދެރަ ހަބަރެއް ތިޔައީ. އަޑޫގަ ގެއްލުނު ކުއްޖާގެ އާއިލާ އަށް އަދި ނަޒީލް ގެ އާއިލާއަށް ހިތްވަރު ދެއްވާޝި. އާމީން!