މިސްކިތުގައި މީހަކު ދުއާކުރަން އަތް ނަގައިގެން: އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އިމާމުން ތާޒާކުރުމުގެ ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފައި. -- ފޮޓޯ | މިހާރު
30 ޖެނުއަރީ 2024 - 12:07
އިމާމުން ތާޒާކުރުމުގެ ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށް، އެ ޕްރޮގްރާމްގެ ފުރަތަމަ ބުރު އަންނަ މަހު ގއ. އަދި ގދ. އަތޮޅުގައި ފަށަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހްކުރި ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ އިމާމުން ބައިވެރިކުރާނެ އެވެ.
އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއީ އަލަށް ފަރުމާކޮށްފައިވާ އަދި އިމާމުން ތަމްރީނުކުރުމަށް ކުރިން ހިންގި ޕްރޮގްރާމްތަކުގައި ނުހިމެނޭ ބައެއް މޮޑިއުލްސްތައް ހިމަނައިގެން ފަށާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ނުވަ މާއްދާއެއް ކިޔަވައިދޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭގެ ތެރޭގައި، އަގީދާ އާއި އަހުލާގާއި ތަޖުވީދާއި މުޖުތަމައު ބިނާކުރުމުގައި މިސްކިތުގެ ދައުރާއި އަޅުކަމުގެ ފިގުހާއި ގުރުއާނުގެ ތަފުސީރާއި ހަދީޘާއި އިސްލާމީ ސަގާފަތާއި ދައުވަތު ދިނުމާއި ހުތުބާ ދިނުމުގެ އުސޫލުތަކާ އަދި ގުރުއާނުން އަރަބި ބަސް އުނގެނޭނެ ގޮތް ދަސްކޮށްދިނުމާ ގުޅޭ މާއްދާތައް ހިމެނެ އެވެ.
އިސްލާމިކް މިނިސްޓްރީގެ އިވެންޓެއްގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝަހީމް ވިދާޅުވި ގޮތުގައި، މިއީ 5-6 ދުވަހުގެ ޕްރޮގްރާމަކަށް ވިޔަސް، އިމާމު ކަމުގެ ފައުންޑޭޝަން ކޯހެއްގައި ނުވަތަ ޑިޕްލޮމާ ކޯހެއްގައި ލިބޭ މައުލޫމާތަށް ވުރެ އެތައް ގުނަ ފުރިހަމަ މައުލޫމާތުތަކެއް މި ޕްރޮގްރާމްގެ ތެރެއިން ލިބޭނެ އެވެ.
"މި ޕްރޮގްރާމްގެ ބޭނުމަކީ މިހާރު މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ އިލްމީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުން. ހަމައެކަނި ސެޓްފިކެޓް ލެވެލް ކޯހެއް ހަދައިފައި އިމާމަކަށް ވެގެން ތިބޭ ތިބުމުން ނިމުމަކަށް ގެނައުން. އިލްމީ ގޮތުން ފުންނާބުއުސް މައުލޫމާތު ހުރި، އެކަށީގެންވާ އިލްމުވެރިން މެދުވެރިކޮށް އުނގަންނައިދެވިފައިވާ ޝަހުސިއްޔަތުތަކަށް ހެދުން މި ޕްރޮގްރާމްގެ އަމާޒަކީ،" އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އަންނަ މަހު ގއ. އަދި ގދ. ގައި ފަށާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 77 އިމާމުން ބައިވެރިވާނެ ކަމަށެވެ. އަދި އަމާޒަކީ މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ އިމާމުން މި ޕްރޮގްރާމް ފުރިހަމަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އިމާމުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ވެސް ފޮނުވާނެ ކަމަށާއި މާސްޓާސް އާއި ޕީއެޗްޑީ ހަދަން ބޭނުންވާ އިމާމުންނަށް ސްކޮލަޝިޕްގެ ފުރުސަތު ވެސް ދޭން އިސްލާމިކް މިނިސްޓްރީގެ މި އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނާފައިވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
30 January 2024
އަޅުގަނޑަށް ފެންނަނީ މާލޭސަރަހައްދު އެއްނެޓްވާކަކުންގުޅާލާ ހަމައެކަނި އިސްލާމީ މަރުކަޒު ނޫނީ ސަލްމާން މިސްކިތުގައި ހަމަ އެންމެ އިމާމެއް ބެހެއްޓުމަށް ފަހު މިހާރު އިސްލާމީ މަރުކަޒުގެ އެތެރޭގައި ހުރިވަރަށްވުރެބޮޑު ޓީވީ އެއް ނުވަތަ ޕޮރޮޖެކްޓަރ އެއްބަހައްޓައިގެން އެއްނެޓް ވާކަކުންގުޅާލުން މިގޮތަށް ކޮންމެރަށެއްވެސް ގުޅާލެވިއްޖި ނަމަ އިމާމުން ތާޒާކުރަންވަރަށް ފަސޭހަވާނެ ދެން ސުވާލަކީ ނަމާދު ސައްހަވާނެތޯ ވާތީޔާ އިސްލާމީމަރުކަޒުގައި އެހުރީ
ބަނބު
30 January 2024
ކުރިންވެސް ކޮށްފަ ހުރި ކަންކަން. ބޭނުންވަނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ބޮޑު ސުރުޚީއަކަށް އެރުން. ދެއްކުންތެރިކަމަކީ މީހުން ވަރަށް ފޫހިވާ ކަމެއް.
ވަޠަންގެ ދަރި
30 January 2024
ކުރިން ނުކުރާކަމެއްވީމާތަ ހުޅުމާލޭގަ މަގެއްގަ ޖެހި ލައިޓު ހުޅުވަން ޢެމްޑީޕީ ހުރިހާ ބޮޑުންނާ ސަރުކާރުގެ އިސްވެރީން ގޮސްތިބީ.