މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ-ގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: މަޖިލިސް
05 ފެބުރުއަރީ 2024 - 12:56
ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގައި މުހިންމު ބިލްތަކެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.
ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުން އެ މަނިކުފާނު ވިދާޅުވީ، 19 ވަނަ މަޖިލިހުގެ ފަހު ދައުރަށް، ވާނުވާ ބަންދު ހުއްޓާލުމަށް ބޭނުންވާ ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމުގެ ބިލާއި ބަލިތަކުން ރައްކާތެރިވުމާ ގުޅޭ ޕްރިވެންޓިވް ހެލްތު ކެއާ ބިލާއި ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ބިލާއި ގެދޮރުވެރިކަމުގެ މިންގަނޑުތަކާ ބެހޭ ބިލް ހިމެނޭނެ ކަމަށެވެ.
މުޅިން އަލަށް ތައާރަފްކުރާ ޓްރެވެލް އޭޖެންސީތަކާ ބެހޭ ބިލަކާއި ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލާއި އާބަން ޕްލޭނިންއާ ބެހޭ ބިލެއްގެ އިތުރުން އާބަން ޑިވޮލޮޕްމެންޓާ ބެހޭ ބިލެއް ސަރުކާރުން މަޖިލިހަށް ފޮނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ކޮޕީރައިޓާ ގުޅޭ ހައްގުތަކުގެ ގާނޫނު އިސްލާހުކުރުމަށް ބިލަކާއި ކޮންވޭޔަންސިންއާ ބެހޭ ބައިތައް ހިމަނައިގެން ބިމާ ބެހޭ ބިލެއް ހުށަހަޅަން ވެސް ގަސްދު ކުރައްވާ ކަން ރައީސް މުއިއްޒު ހާމަކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މަޖިލީހުގައި މިހާރު ޕާކް ކޮށްފައިވާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހުރުކުމުގެ ބިލް ވީ އެންމެ އަވަހަކަށް ފާސްކޮށްދިނުމަށް ވެސް މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ޝަރުއީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުސަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ވެސް މި ދައުރުގައި ހުށަހަޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy