ކޭއެފްސީ އަށް ވަނީ މުޅި ދުނިޔޭގައި ވެސް ބޯއިކޮޓް ކެމްޕޭނުގެ މައްސަލަ ކުރިމަތިވެފައި.
19 ފެބުރުއަރީ 2024 - 07:09
އިޒްރޭލަށް ތާއީދުކުރާ އަދި އެހީވާ ކުންފުނިތަކާއި ބްރޭންޑްތައް ބޮއިކޮޓް ކުރުމަށް މުޅި ދުނިޔޭގައި ފެށި ކެމްޕޭނު ތެރޭގައި ކޭއެފްސީގެ ނަން ވެސް ހިމެނި މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައި އޮއްވައި އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޯސްޓަކާ އެކު ބޯއިކޮޓް ކެމްޕޭން ވަރުގަދަވެއްޖެ އެވެ.
ކޭއެފްސީން ކެރީބިއަންގެ ޖަޒީރާ ގައުމެއް ކަމަށްވާ އެންޓިގުއާ އެންޑް ބާބުޑާގައި ހިންގާ ބްރާންޗުން ކުރި މި ޕޯސްޓުގައި ޓެންޓެއްގެ ފެންނަ ނިޝާނަކާ އެކު ހޭޝްޓެގްކޮށްފައި އޮތީ "ނޯ ޓެންޓްސް، ޖަސްޓް ޗިކަން" އެވެ. އަދި މި ޕޯސްޓްގެ ކެޕްޝަންގައި ވެސް އޮތީ "މިތަނުގައި ޓެންޓެއް ނެތް" ކަމަށާއި ހުރީ "ތިޔަ ބޭނުންވާ ގޮތަށް ހަފްތާ ބަންދުގައި މަޖާކޮށްލަން މީރު ކުކުޅު" ކަމަށެވެ.
ފަލަސްތީނުގެ ރެފިއުޖީންނަށް ފުރައްސާރަވާ ގޮތަށް ކޭއެފްސީން ކުރި އިސްތިހާރެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވާ ޕޯސްޓް
މި ޕޯސްޓް ޖެހީ އެންޓިގުއާ އެންޑް ބާބުޑާގެ އެންޓިގުއާ ރަށުގައި އިވެންޓެއް ބާއްވަން އެ ރަށުގެ ކުންފުންޏެއް ކަމަށްވާ "އަޕުއާ" އިން ބެހެއްޓި ޓެންޓެއް ވަގަށް ނެގުމުން އެ ހޯދަން އިއުލާނުކޮށް އެ ކުންފުނިން ސޯޝަލް މީޑިއާގައި މަޖާ ގޮތަކަށް އާންމުކުރި ޕޯސްޓަކަށް ލިބުނު ސަމާލުކަމާ ގުޅުވައިގެންނެވެ. އެކަމަކު އިޒްރޭލަށް ތާއީދުކުރާ ކަމުގެ ތުހުމަތު ކޭއެފްސީއަށް އޮއްވައި މި ޕޯސްޓް ޖެހުމުން އެތައް ބަޔަކު އެ މާނަކުރީ އިޒްރޭލުގެ އަނިޔާވެރިކަމާ ހެދި ގެދޮރު ދޫކޮށް ދާން ޖެހި ޓެންޓުތަކުގައި އުޅެން މަޖުބޫރުވެފައިވާ ފަލަސްތީނު މީހުންނަށް ކުރި ފުރައްސާރައެއްގެ ގޮތުގަ އެވެ.
ޓެންޓު ގެއްލިގެން އެ ހޯދަން ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓް: ކޭއެފްސީން "ނޯ ޓެންޓް" ހޭޝްޓެގް ބޭނުންކުރީ މި ޕޯސްޓަށް ފަހު
ޣައްޒާގެ އާންމުންގެ ދެ ބައިކުޅަ އެއްބައި މިހާރު އުޅެނީ ވަގުތީ ހިޔާތަކުގައި ރަފަހްގައި ކަމަށް ވާއިރު އިޒްރޭލުން ގެންދަނީ އެތަނަށް ވެސް އަރަން ތައްޔާރުވަމުންނެވެ. މިއީ ހާލުގައި އުޅެމުންދާ ފަލަސްތީނު މީހުންނަށް އޮތް ބޮޑު ބިރަކަށްވެ އިޒްރޭލުން ރަފަހް އަށް ނާރަން އެކި ފަރާތްތަކުން ގޮވާލަމުން ދާއިރު ވެސް އިޒްރޭލުން އެ އަޑު އަހާކަށް ބޭނުމެއް ނުވެ އެވެ. އެހެންވެ ކޭއެފްސީގެ "ނޯ ޓެންޓް" ޕޯސްޓް" ކޮންމެ ކަމަކާ ގުޅުވާފައި އޮތަސް މާނަކުރެވުނީ ޣައްޒާގެ ޓެންޓުތަކާ އެވެ.
މި ޕޯސްޓުގެ މައްސަލައިގައި ކޭއެފްސީން އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މީގެ ކުރިން ބޯއިކޮޓް ކެމްޕެއިންތަކާ އެކު ވިޔަފާރި ޕްރޮމޯޓްކުރުމަށް އެކަމާ ގުޅުވައިގެން އެކި ކެމްޕެއިންތައް ހިންގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
19 February 2024
ދުނިޔޭގެ ބޮޑަތި ވިޔަފާރިތަކުގަ އޮތީ ޔަހޫދީންގެ ބާރު. އެކަން ވަރަށް ރަނގަޅަށް ޤައްޒާ ހަނގުރާމައިން އެބަ ފެނޭ. މިއީ ކޭއެފްސީ އިން ގަސްދުގަ ހާލުގައި ޖެހިފައިވާ މުސްލިމް ފަލަސްތީނީންނަށް ކުރި ޖެއްސުމެއް މަލާމާތެއް. ކޭ އެފްސީ ބޮއިކޮޓް ކުރައްވާ.