މާލޭގެ ބޭސް ފިހާރަތަކެއް.--
02 މާޗް 2024 - 11:39
ބޭރަށް ހިންގުމާއި ހޮޑުލުން ހުއްޓުވަން ހާއްސަކޮށް ދޭ ނިއުޓްރޮލިން ބީ ސިރަޕް އަދި ކެޕްސޫލް ރާއްޖެއަށް ނުލިބޭތާ އަހަރެއް ވެއްޖެ އެވެ.
މާލޭގެ ބައެއް ފާމަސީތަކުން ބުނީ ބޭސް ނުލިބޭތީ އާއްމުންގެ ޝަކުވާ ބޮޑު ކަމަށެވެ.
ރާއްޖެއަށް އެންމެ ގިނައިން ބޭސް އެތެރެކުރާ އެސްޓީއޯ ފާމަސީއެއްގައި މަސައްކަތް ކުރާ މީހަކު "މިހާރު" އަށް ބުނީ ނިއުޓްރޮލިން ބީ ސިރަޕް ނުލިބޭތާ ނުވަ މަސް ވެފައިވާ ކަމަށެވެ. އޭގެ ގުޅަ ބޭސް ނުލިބޭތާ އަހަރެއް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ ފަހަރަކު ބޭސް ގެންނަން ޖަހާއިރު އެ ދެ ބޭސް ވެސް ޖަހަން. އެކަމަކު އެ ނުލިބޭ. އެސްޓީއޯ އަށް ވެސް ނުލިބެނީ ކީއްވެ ކަމެއް ނޭނގެ. ނުލިބޭކަން އެނގެނީ އެ ދެ ބޭސް ވެސް." އޭނާ ބުންޏެވެ.
މާލޭގައި ފާމަސީ ހިންގާ މީހަކު ބުނީ އެ ދެ ބޭސް ނުލިބޭތާ ދެތިން މަސް ވެފައިވާ ކަމަށެވެ. ބޭސް ގެންނަ ލިސްޓުގައި ޖެހި ނަމަވެސް ނުލިބޭ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
"އާންމުކޮށް ބޭހުގެ އާ ސްޓޮކެއް ލިބޭނީ 4-5 މަހުން. މިހާރު މި ބޭސް ނުލިބިގެން އުޅެނީ ކީއްވެ ކަމެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.
އެމްއެފްޑީއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އާއްމުކޮށް ބޭނުންކުރާ ބޭސް ހުސްވެގެން އެކަމުގެ ޝަކުވާއެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އާންމު ބައެއް މީހުންގެ ފަރާތުން އެ ބޭސް ނުލިބޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެ ބޭސް ނުލިބޭ ކަމަށް ރަސްމީކޮށް ހުށަހަޅާފައެއް ނުވޭ. ރަސްމީކޮށް ހުށަހެޅީމަ އެ ބޭސް ހުސްވެ، ނުލިބިގެން އުޅެނީ ކީއްވެތޯ ބަލާނީ،" އޭނާ ވިދާޅުވި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު ޖެނުއަރީ މަހު، ބޭރަށް ހިންގުމާއި ހޮޑުލުމުގެ 5،386 ކޭސް ރިޕޯޓު ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްސިއްޔާ
03 March 2024
އެއްވެސް ތާކުން ތާކު ކެހޭ ޚަބަރެއްނުން މިޢީ. ކައުންޓަރުގައި ބޭސް ދޫކުރަން އިންނަ މީހާއަކަށް ނޭންގޭނެދޯ ބޭސް ނުލިބެނީ ކީއްވެކަމެއް. ތަންކޮޅެއް ޒިންމާދާރުކޮށް ނޫސްވެރިކަން ކޮށްބަލަ
އެކްސިް
03 March 2024
ތިއީ ބްރޭންޑެއް ދޯ. މާނައަކީ އެ ބްރޭންޑް ނުލިބުން. އެކަމަކު އެ ބޭސް ލިބިދާނެއެއްނު.
ސާއިމްލް
02 March 2024
ތިޔަ ތަނުގެ އާންމު ވެބްސައިޓެއް މައްސަލައެއް ރިޕޯޓު ކުރާނެ ކޯލް ސެންޓަރެއް ހުރޭތަ؟
އަސާސީ ކާނާ
02 March 2024
ތިޔަހާ ބައިވަރު ބޭސްތައް ދިވެހީންނަށް ނުދީ ވާން ހަމަ ނެތީތަ؟ ބޭރަށް ހިންގައި ހޮޑުލެވެންޏާ ހުންނާނެ ހޯމް ރެމެޑީވެސް. އާސަންދަޔެއް އައި ފަހުން ހީވޭ ދިވެހީން ބަނޑުހައިވީމާވެސް ކާންޖެހޭނީ ބޭސް ހެން
މިކޮންކަމެއް
02 March 2024
އިހަކަށް ދުވަހުވެސް ގަންނަން ލިބުނު.
އަހަންމާބެ
02 March 2024
"އެމްއެފްޑީއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އާއްމުކޮށް ބޭނުންކުރާ ބޭސް ހުސްވެގެން އެކަމުގެ ޝަކުވާއެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އާންމު ބައެއް މީހުންގެ ފަރާތުން އެ ބޭސް ނުލިބޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ." ބޭހެއް ނުލިބޭތާ އަހަރެއް ވާއިރުވެސް ކަމާބެހޭ ރަސްމީ އިދާރާއަކަށް ނޭނގޭ. މިހާވަރުވީމާ ދެން ސުވާލު އުފެދޭނެ ދެއްތޮ؟
ބަލަންތިބޭ
02 March 2024
ބޭހެއް ނުލިބޭ ، އެކަމަކު ތިޔަ ބޭސް ހަމަ ގަވާއިދުން ލިޔެދެމުން ގެންދޭ
ހީހީ ސުލީހް
02 March 2024
ހާސްކަނޑާލާ ޔޫރަޕުން ތިބޭސް އެބަ އާދޭ.
އެކްސްް
02 March 2024
އެމްއެފްޑީއޭއަށް އެނގޭ/ބެލޭ ކަމެއް އެބައޮތްބާ؟
އެނދިމަރިޔަނބު
02 March 2024
އެސްޓިއޯއަކަށް ބޭސް ނުލިބޭ ސަބަބެއް ނެނގޭ، އެހެން ފާމަސީ ތަކަކަށް ސަބަބެއް ނޭނގޭ، އެމް.އެފް.ޑީ.އޭ އަކަށް ބަޔަކު އެ ނުލިބިގެން އުޅޭކަމެއް ނޭނގޭ. ހެހެހެ ސޭކުސްތާނު.