ނެޝަނަލް ޑްރަގް އެޖެންސީ: އެތަނުގެ މުވައްޒަފުންތަކެއް ފަރުވާގެ ދޮގު ލިޔުން ވިއްކި މައްސަލައެއް އަންނަނީ ބަލަމުން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 މާޗް 2024 - 15:49
މަސްތުވާތަކެތީގެ ފަރުވާއަށް ހުކުމްކުރާ މީހުންގެ ފަރުވާ ފުރިހަމަނުކޮށް, ފައިސާ ދިނުމުން ފަރުވާގެ ދޮގު ލިޔުން ވިއްކާ ކަމުގެ ކަމުގެ ތުހުމަތުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ދެ މުވައްޒަފެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ އެންޑީއޭގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން ތަހުގީގުކުރަނީ އެންޑީއޭއިން ދޭ ފަރުވާގެ ތެރެއިން ފަރުވާގެ އެސެސްމެޓް ރިވިއުކުރުމުގައި އެ އެޖެންސީގެ އިސް މުވައްޒަފުންނާއި އިތުރު ބަޔަކު ގުޅިގެން އެންޑީއޭގެ ލެބޯޓްރީން ހަދާ ޓެސްޓުތަކުގެ ނަތީޖާ އޮޅުވާލުމުގެ މައްސަލައެކެވެ.
"ފަރުވާ ފުރިހަމަކުރަން ޖެހޭ މީހުން ފަރުވާ ފުރިހަމަކުރަން ނުޖެހޭ ގޮތަށް ބަދަލުކޮށް އަދި ފަރުވާ ކުރަން ޖެހޭ މީހުންގެ މުއްދަތު ކުރުކޮށް މުޖުތަމައުއަށް ދޫކޮށްލައި ފަރުވާ ފުރިހަމަކުރަން ޖެހޭ މީހުންގެ އަތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރިޝްވަތުގެ ގޮތުގައި ހޯދައި ގިނަ އަދަދެއްގެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް،" ނަވީން ވިދާޅުވި އެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތާ އެކު މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން މިހާރު ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު ދިރިއުޅޭތަން ބަލައި މާލޭގައި އެންޑީއޭ ހިންގަމުންދާ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
"އެ މައްސަލާގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތަކާއި އިލެކްޓްރޯނިކް ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި،" ނަވީން ވިދާޅުވި އެވެ.
އެ މައްސަލައިގެ ތަފްސީލު މިއަދުގެ ޕްރެސްގައި ހާމައެއް ނުކުރެ އެވެ. އަންނަ އާދިއްތަ ދުވަހު އެކަމަށް ހާއްސަކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އޭގައި އެންޑީއޭ މައްސަލައިގެ ތަފްސީލު ދޭނެ ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރުގައި ހޯމް މިނިސްޓްރީން ބެއްވި ބައްދަލުވުމުގައި އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހް ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރުން ފެށިގެން ޑްރަގު ކޯޓުން ކޮމިއުނިޓީ ފަރުވާ އަށް ހުކުމް ކޮށްފައިވާ 700 މީހުންގެ ބެކްލޮގެއް އޮތް ކަމަށެވެ.
ހަތަރު މަސް ތެރޭގައި ކިޔުގައި ތިބި 700 މީހުންނަށް ފަރުވާދީ ނިންމައިލެވޭނެ ކަމަށް ކަމަށް އިމާދު އޭރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިކުރޭ
05 March 2024
ހަމަ އެކަނި ތިތަން އެކަންޏެއް ނޫން،ތަހްގީގު ހިންގަދީބަލަ ޙާއްސަކޮށް ރާއްޖެތެރޭ ރަށްތަކުގައި އަންހެނުންނަށް ލައިސަންސް ލިބޭގޮތް،90ޕަސެންޓް މީހުންނަށް ނޭނގޭ ޓްރާންސްޕޯޓް ޤަވާއިދެއް އެއްވެސް ވަރަކަށް،ތިބޭ ފުލުހުންވެސް،ފުލުހުންވެސް ކުރާކަމަކީ ދެއިރުދެޅައަށް ގިނައިން އަންހެނުން އުޅޭ ތަންތަންބަލައި އެތަނަކަށް ގޮސް ފޮޓޯނަގައި ރީތިހެންހީވާ ކުދިންގެ ފޯނުނަންބަރު ހޯދުން، މާތް ﷲ ގަންދީ ހުވާކޮށްނޯ އެތިބީ،
އައިމިނާ
05 March 2024
ގާތްގަނޑަކަށް ހުރިހާ މުއައްސަސާއެއްގެ ވެސް ހާލަތު ތިޔާ.ބޭންކުތަކުންވެސް ފައިސާދީގެން ކަން ކުރާތަން ފެނޭ.އަޑުއިވޭ. އުދުހޭ ޓިކެޓްވެސް އެތެރެއިން ގުޅާގެން ވަގުތުން ލިބޭ ބައެއް މީހުންނަށް.
ނަފްސްގެތެރެއިން
05 March 2024
މިއަދު ވީކަމެއްނުން ތީކީ. ތިތާ ތެރޭގައި ތިބި ބައެއް އިސް ވެރިން ކުރުވި ކަންކަން ތީ. ފަރުވާއަށް އެއްބާރުނުލުން ދޭމީހުންގެ ފައިލްތައްވެސް ޓަރމިނޭޓް ކުރިއަ ނުދީ ގެނެސް އެމީހުން އަތުން ވެސް ފައިދާ ނަގާފަ ތިކަން ކުރާމީހުންގެ ވާހަކަ ދައްކާ ބަޔްކު ވެސް ބްލެކްލިސްޓް ކުރޭ.
ާއަފްރާސިޔާބު
05 March 2024
ސާބަހޭ ދަރިން ތިކުރާ ހިތްވަރަށް ގައުމީ ޖޯށުގައި.
އަދުވާނީ
05 March 2024
ދޮގު ދޮލަނގުތަކުގައި އުފުލި ދޮގުތަކުން ބައެއް ފެންނަން ފެށީ ކަމަށް ވާނީ...
ސަހަރޯއި
05 March 2024
ބެކްލޮގް ފިލުވާލީ އުތަ. ދެން 24 ގަޑުއިރުން ނިމޭނެ. މިއިތީވާ ގައުމެއް.
ޕާޓޭސް
05 March 2024
"ހަތަރު މަސް ތެރޭގައި ކިޔުގައި ތިބި 700 މީހުންނަށް ފަރުވާދީ ނިންމައިލެވޭނެ ކަމަށް ކަމަށް އިމާދު އޭރު ވިދާޅުވި އެވެ." އަހަރެން ނަމަ 4 ދުވަސް ތެރޭ ނިންމާލާނަން.