24 މާޗް 2024 - 15:02
ލަންޑަން (މާޗް 24) - މި އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ނިމެންދެން ވަޒީފާ އާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަން، އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ނިންމައިފިވެ.
އިނގިރޭސި ގައުމީ ޓީމާ އެކު ސައުތުގޭޓް ހަދާފައިވާ އެއްބަސްވުން ހަމަވާނީ މި އަަހަރު ޑިސެމްބަރު މަހު އެވެ.
އޭނާ ބުނީ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް އިނގިރޭސި އެފްއޭއާ އެކު ހުއްޓާލާފައިވާ ކަމަށެވެ. އޭނާގެ އެންމެ ބޮޑު ޓާގެޓަކީ މި އަހަރުގެ ޔޫރޯ އިންގްލެންޑަށް ކާމިޔާބު ހޯދައި ދިނުމެވެ.
"އަހަރެންނަށް ހީވަނީ އަހަރެންގެ ނަޒަރުން ބަލާއިރު ދެ ކަމެއް އެބައޮތް ހެން،" ވަޒީފާއާ ބެހޭ ވާހަކަ ދައްކަން ބޭނުން ނުވާ ސަބަބާ ބެހޭގޮތުން ސައުތުގޭޓް ބުންޏެވެ.
"އެއް ކަމަކީ އަހަންނަކީ އިންގްލެންޑްގެ ކޯޗު. އަހަރެންނަށް ލިބިފައިވަނީ އެއް ވަޒީފާ، އަހަންނަށް އޮތް އެންމެ މުހިންމު ކަމަކީ ޔޫރަޕިއަން ޗެމްޕިއަންޝިޕް ހޯދަން މަސައްކަތް ކުރަން.
ޔުނައިޓެޑްގައި ޓެންހަގްގެ ކުރިމަގާ ބެހޭގޮތުން ސުވާލު އުފެދިފައި ވުމުން، ނޫސްވެރިން ވަނީ، ޔުނައިޓެޑްގެ ވަޒީފާއާ ގުޅުވައި އޭނާ އާ ސުވާލުކޮށްފަ އެވެ.
"ދެވަނަ ކަމަކީ މެންޗެސްޓާ ޔުނައިޓެޑުގައި ކޯޗެއް އެބަހުރި ކޯޗަކާ މެދު އެއްވެސް ޝައްކެއް އުފެދިފައި އޮތުމަކީ އިހުތިރާމް ކުޑަ ކަމެއް. އަނެއްކާ އަހަންނަކީ ލީގު މެނޭޖާސް އެސޯސިއޭޝަންގެ ރައީސް. އެހެން ވީމަ ހަގީގަތަށް ބުނަންޏާ އަހަންނަކަށް ނެތް ވަގުތެއް އެކަމާ އުޅޭކަށް."
ރޭ ވެމްބްލީ ސްޓޭޑިއަމްގައި ބްރެޒިލާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުން މޮޅުވީ 1-0 ންނެވެ. މެޗުގެ ފަހު ވަގަުތު ބްރެޒިލްގެ ލަނޑު ޖެހީ އުމުރުން 17 އަހަރުގެ ފޯވާޑް އެންޑްރިކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy