އިޒްރޭލުން ޣައްޒާއަަށް ދިން ހަމަލާތަކެއްގައި ޒަހަމްވި ބަޔަކަށް ފަރުވާ ދޭން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
25 މާޗް 2024 - 07:55
ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އިޒްރޭލު ސިފައިންގެ ހަމާސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަަމަލާތައް ދޭން ފެށުމަށް ފަހު އެ ސަރަހައްދުގެ އިތުރު ދެ ހޮސްޕިޓަލެއް މިހާރު ހިސާރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން އިއްޔެ ބުނެފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު ޣައްޒާއަށް އިޒްރޭލުން ހަމަލާދޭން ފެށި ފަހުން ހޮސްޕިޓަލްތަކުގަ އާއި ހޮސްޕިޓަލްތަކުގެ ކައިރީގައި އަސްކަރީ ވަރުގަދަ ހަރަކާތްތައް ހިންގުން ވަނީ އާންމު ކަމަކަށް ހަދައިފަ އެވެ. އިޒްރޭލުން މި އަމަލު ހިންގަނީ ސިއްހީ ހިދުމަތްތަކަށް ބޭނުންކުރާ ތަންތަން ހަމާސް އިން ހިމާޔަތް ހޯދަން ބޭނުންކުރާ ކަމަށް ބުނެފަ އެވެ. އެކަމަކު މިއީ ހަމާސް އިން ކަނޑައެޅިގެން އިންކާރުކުރާ ކަމެކެވެ.
ރެޑް ކްރެސެންޓުން ބުނީ ޚާން ޔޫނިސްގައި ބޮމާއި ބަޑީގެ ހަމަލާތަކުގެ އަޑު ގަދަވެ ނުރައްކާ ބޮޑުވެފައި ވާއިރު އެ ސަަރަހައްދުން އިޒްރޭލުން ހިސާރުކުރީ ނާސިރު ހޮސްޕިޓަލާއި އަލް އަމާލް ހޮސްޕިޓަލް ކަމަށެވެ. އެ ތަންތަނުގެ ވަށައިގެން އިޒްރޭލުގެ އަސްކަރީ ވެހިކަލްތައް ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.
މި ތަންތަނުގެ ކައިރީގައި އިޒްރޭލުން ދިން ހަމަލާއެއް އަމާޒުވެ މެޑިކަލް ސްޓާފަކު މަރުވި ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާއާ އޭއެފްޕީން ސުވާލުކުރުމުން ބުނީ ސިފައިން ހަރަކާތްތެރިވަނީ އަލް އަމާލް ސަރަހައްދުގައި އެކަނި ކަމަށާއި ހޮސްޕިޓަަލަށް ސިފައިން ނުވަންނަ ކަމަށެވެ.
ރެޑް ކްރެސެންޓުން ބުނީ އަލް އަމާލްގައި ތިބި މީހުން ބަރަހަނާ ހާލުގައި އެތަނުން ބޭރަށް ނުކުންނަށް އިޒްރޭލުގެ ޑްރޯންތަކުން ފޮނުވަމުން ދިޔަ މެސެޖުތަކެއްގައި ބުނި ކަމަށެވެ.
އިޒްރޭލުން ބުނީ އަލް އަމާލް ސަރަހައްދުގައި ހަމަލާތައް ދޭން ފެށީ ހަމާސްގެ ބާރު އެ ސަރަހައްދުން ކަނޑުވާލަން ކަމަށާއި އެ ސަރަހައްދުގައި ހަމާސްގެ އަސްކަރީ މަރުކަޒުތަކާއި ޓަނަލްތައް ވެސް އެބަހުރި ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy