ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފް: މަޖިލިސް މެންބަރުން ވަކި ވާނެ ފަސް ހާލަތެއް ގާނޫނުއަސާސީގައި ހިމަނަން ވަނީ އިސްލާހެއް ހުށަހަޅުއްވާފައި.
27 މާޗް 2024 - 11:56
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެ ދާއިރާގެ ރައްޔިތުން ވޯޓު ދީފި ނަމަ، ވަކި ކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިތުރު ބައިތަކެއް ހިމަނާށެވެ. އެ މާއްދާއަށް ގެންނަން ހުށަހެޅި އިސްލާހުގައި ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ފަސް ހާލަތެކެވެ.
އެއީ؛
- މެންބަރަކު އިންތިހާބުވި ޕާޓީން އަމިއްލަ އިސްނެގުމުގެ މަތިން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުން
- އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ޕާޓީއަކާ ގުޅުން
- ޕާޓީގެ ނިންމުމަކާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް މެންބަރަކު ޕާޓީން ވަކިކުރުން
- މަޖިލީހުގައި ދޭ ވޯޓަކާ ގުޅިގެން ނޫން ހާލަތެއްގައި ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަގާމުން ވަކި ކުރަން ނިންމުން
- މެންބަރަކު ވަކިކުރަން ދާއިރާގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާ ހާލަތުގައި، ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކި ކުރަން ނިންމުން
ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކި ކުރެވޭނެ ގޮތެއް މިހާރު ގާނޫނުއަސާސީގައި ނޯވެ އެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން ވަކި ކުރެވޭނެ އުސޫލެއް ނެތް ހަމައެކަނި މަގާމަކީ ވެސް މަޖިލިސް މެންބަރުންނެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތީ މަޖިލީހުގެ މެންބަރެއްގެ މަގާމު ގެއްލޭނެ ހާލަތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ދަރަންޏެއް ސާބިތުވެ އެ ގަވައިދުން ދައްކަމުން ނުދިޔުމާއި 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ކުށެއްގެ އަދަބު ސާބިތުވުމެވެ.
ޑިމޮކްރެޓްސްގެ ފަރާތުން މަޖިލިސް މެންބަރުން ވަކި ކުރެވޭނެ ގޮތް ގާނޫނުއަސާސީގައި ހިމަނަން ހުށަހަޅާފައިވާއިރު، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ މެންބަރުން ވަކި ކުރެވޭނެ އުސޫލުތައް ބަޔާން ކުރަން ވަކި ގާނޫނެއް ހަދަން ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލް އިއްޔެ ވަނީ މަޖިލީހުން ބަލައިގަނެ، ކޮމިޓީން ދިރާސާ ކުރަން ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންގްރޫވް
27 March 2024
މަޖިލީހުގަ ވޯޓު ދޭން ޖެހޭނީ މެމްބަރު ނިސްބަތްވާ ޕާޓީގެ މެޖޯރިޓީ ބޭނުންވާ ގޮތަކަށް ނޫން. މެންބަރު ކަމަށް ހޮވާފަ ތިބެނީ ބުއްދި ހަމަޖެހޭ ބޮޑެތި މީހުން ކަމަށް މިބަލަނީ. އެހެންވީމަ ވޯޓު ދޭއިރު ބަލަންވާނީ ދާއިރާގެ ރައްޔިތުން އަދި އަދި ދާއިރާ ނޫނަސް އެކަމުން ރައްޔިތަކަށް ގެއްލުމެއް ނުވާނެފަދަ ގޮތަކަށް ނޫނީ ޖުމްލަކޮށް ބަލާނަމަ އާއްމު މަސްލަހަތާ، ސަލަމާތަ، މިޒާތުގެ ކަންކަމަށް ވިސްނާފަ ވޯޓު ދޭންވާނީ. އަނެއްކަމަކީ ރައްޔިތުން ބޭނުންވީމަ ބޭރުކުރެވެން ޖެހޭނެ.
ކަހެރުވައް
27 March 2024
އެއްގޮތަކަށްވެސް ކަމުދާ ގޮތެއްނޫން. މަޖިލީހުގެ މެންބަރަކު ބޭނުންވާ ކޮންމެ ޕާޓީއަކަަށް ދެވެންޖެހޭނެ. އަދި ބޭނުންވާ ކޮންމެ ގޮތަކަށް ވޯޓުވެސް ދެވެންޖެހޭނެ. މެންބަރުގެ ގޮނޑި ގެއްލޭގޮތް ގާނޫނުއަސާސީގަ އެއޮތީ ރަނގަޅަށް.
އަފްރާސިޔާބު
27 March 2024
ތީގައި ތިން ކަމެއް ހިމެނީމާ ނިމުނީ. ޕާޓީން އަމިއްލައަށް ކެނޑުން ނުވަތަ ވަދަލު ކުރުން. މިނިވަން ކެންޑިޑޭޓަކު ޕާޓީއަޖަށް ބަދަލުވުން. އެމެންބަރަކު ބަހައްޓަން ނުފެންނަ ކަމަށް ދާއިރާގެ ރައްޔިތުން ނިންމުން.
އަލީމު
27 March 2024
އެބަ ރަގަޅުވޭ! މުހިންމު އިސްލާހެއް.
އަލިމަނިކުފާނު
27 March 2024
ތިކަން ކުރަން މާބޮޑަށްވެސް ލަސްވެއްޖެ
ހަމަދު
27 March 2024
މަކަރުވެރި ރޭވުމެއް އެމްޑީޕީ އަދި ޑިމޮކްރެޓްސް މިއީ ރާއްޖެއައް ހެވެއް އެދޭ ބައެއް ނޫން
ޙަސަނުބެ
27 March 2024
ރަގަޅު އެއްގޮތެއްވެސްނެތެއްނުން. ދެންހަމަ ފައިސާގިނަކޮޅަކަށް ގޮސްގޮސް ތިބެންވީދޯ. ބަލަސިޔާސީޕާޓީ އަކުން ވާދަކޮށްހޮވިގެން އަންނަނަމަ ޕާޓިގެ އުސޫލު ހިފަހައްޓަންޖެހޭނެ. ކީއްވެ އަމިއްލަގޮތުންވާދަނުކުރަނީ. ސްޕްރިމްކޯޓުގަ އެތިބަމީހުންވެސް ވަކިކުރެވޭނެ އުސޫލެއްއޮންނަންޖެހޭނެ.
ހަސަން ހަވާދު
27 March 2024
މިވެރިން ނުހޮވޭނެ ކަން އެނގޭތީ އާ ޤާނޫނެއް ހަދަން.
ހިޔަޅު ބުއްދި
27 March 2024
ރައްޔިތުންނަށް ފެނުނީމާ މެމްބަރުން ވަކިކުރެވުން އޯކޭ. އެކަމަކު ޕާޓީން ބޭނުންވީމާ ރައްޔިތުން ހޮވި މަންދޫބު ނަގައި އެއްލައިލެވިގެން ނުވާނެ. މީ ވަރަށް މަކަރުވެރި ރޭވުމެއް. މި ފާސްކޮށްގެން، މެމްބަރުން ބްލެއިކްމެއިލްކޮށްގެން ކޮންމެފަދަ ގާނޫނެއްވެސް ފާސްކުރެވިދާނެ. މިކަމުގައި ފޮރުވިފައިވާ ހަގީގީ ސަބަބުކަމުގައި އަހަރެން ދެކެނީ މިގޮތް. ތިޔަ މަޖިލީހަކީ ކޮންމެހެން ރައްޔިތުންގެ ވިންދަން ބަލާތަނެއް ނޫން. މާޒީއަށް ބެލީމާ މިކަން ވަރަށް ސާފުކޮށް އެނގޭ.
ޙަސަނުބެ
27 March 2024
އޭނަ އަމިއްލަގޮތުން ވާދަކޮށްގެން ނުހޮވޭނެކަން އެގޭތީ ޕާތީގެ ޓިކެޓުގަ ވާދަކުރަނީ. ޜައްޔިތުންވެސް ވޯޓުދިނީ ޕާޓިން އައިމީހާއަށް. ރާމަމަކުނު ބުއްދިވެސް ނެތެއްނު.
ހިސޯރު
27 March 2024
ވޯޓްލާ ގޮތަކުން މެމްބަރުކަމުގެ ގޮނޑި ގެއްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. ސަބަބަކީ ޕާޓީތަކުގެ މެމްބަރުންނަކީ ސިޔާސީ ލިޑަރެއްގެ ވަށައިގެން އެނބުރޭ ބަޔަކަށްވެފައި، އެބައިމީހުން ކަންކަން ނިންމަނީ ކޮންމެހެން ރައްޔިތުންގެ ފިކުރަށްވުރެ ބޮޑަށް ލީޑަރ ނުވަތަ ޕާޓީ ހިސޯރުކުރާ މަދު ބައެއްގެ ފިކުރަށްކަމަށްވާތީ. މިގޮތުން، ރައްޔިތުންގެ ވިންދާ ދެކޮޅަށް ފާސްކޮށްފައިވާ ކިތައްމެ ޤާނޫނުތަކެއް މާޒީގައި ވަނީ ފެނިފަ. މިނިވަންކަން އޮންނަންވާނެ
ހާމަ333
27 March 2024
ކޮބާ ތީގަ ރައްޔިތުންނަށް އޮތް ފައިދާއަކީ...ހަސަން ލަތީފް ތިއޮތީ އެމްޑީޕީ ނުވަތަ ޑިމޮކްރަޓްސް ޕާޓީއަށް ފައިދާވާގޮތަށް ކަންކަން ކޮށްފައި...ތީގަ ބާރު ތިޔަދެނީ ސިޔާސީ ޕާޓީތަކަށް...އާނ ވިޕެއް ހުށަހަޅައިގެން ދާއިރާގެ ފިކުރާ ދެކޮޅަށް ވަކިކުރެވޭގޮތަށް ތިއޮތީ އެވިޕަށް ވޯޓު މެމްބަރު ނުދީފިއްޔާ....ތިހުރިހާ މާއްދާ އޮންނާކަށް ނުޖެހޭ....ދާއިރާގެ ރައްޔިތުންގެ ވަކި ޕަސެންޓެއް ޕެޓިޝަނެއް ހުށަހެޅީމާ މެމްބަރު ވަކިވާގޮތަށް އޮންނަން ޖެހޭނީ....ގޮތް ނިންމާނީ ރައްޔިތުން....އޭނާ ޕާޓީ ބަދަލުކުރިއަސް ޕާޓީގެ ވިޕަކަށް ވޯޓު ނުދިނަސްް ދިނަސް ނުވަތަ އެހެން ގޮތަކުނ ވިއަސް ފަހުބަސް ބުނަންޖެހޭނީ ރައްޔިތުން....ހަމަ ގާނޫނު ވަކި ގޮތަކަަސް ފާސްކުރީމާ ގާނޫނަކުން ނޫން މެމްބަރަކު ވަކިވާންޖެހޭނީ....
ނަންނަން
28 March 2024
މި ބިލަށް އަހަރެން ތާއީދު. އެންމެ ކަމެއް ފިޔަވާ.އެއީ ޕާޓީން ބޭނުންވީމަ މެމްބަރު ވަކިވާބައި