އެހީގެ ތަކެތި ވައިކުޑައިގައި ފަލަސްތީނުގެ ޣައްޒާއަށް ފޮނުވަނީ: މިގޮތަށް އެހީ ފޮނުވުން ހުއްޓާލަން ހަމާސްއިން ވަނީ އެދިފައި. -- ފޮޓޯ: އޭއެފްޕީ
28 މާޗް 2024 - 08:18
ވައިކުޑައިގައި ހަރުކޮށް ޣައްޒާއަށް އެމެރިކާއިން ދޫކުރި އެހީގެ ތަކެތި ހޯދަން އުޅުމުގެ ތެރޭގައި 18 މީހަކު މަރުވި ހާދިސާއަށް ފަހު އެކަން އެގޮތަށް ނުކުރަން ހަމާސް ޖަމާއަތުން އެދުނަސް، އެގޮތަށް އެހީ ފޮނުވުން ކުރިއަށް ގެންދާނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
ވައިކުޑައިގައި ފޮނުވި ބައެއް އެއްޗެހި މީހުންގެ ގައިގައި ޖެހިގެންނާއި މީހުން ތޮއްޖެހިގެންނާއި މޫދަށް ވެއްޓުނު އެއްޗެހި ނަގަން އުޅުމުގެ ތެރޭގައި ގެނބިގެން ވެސް މީހުން މަރުވި ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ. އެހެންވެ ހަމާސް އިން ބުނީ މިގޮތަށް އެހީ ފޮނުވަން އުޅުމަށް ވުރެ، ޣައްޒާއަށް އެހީ ހިފައިގެން އައިސް ތިބި ޓްރަކްތައް ވަނުމުގެ ހުއްދަ އިޒްރޭލުން ދިނުން މާ ރަނގަޅުވާނެ ކަމަށެވެ.
ޣައްޒާގައި ހައިހޫނުކަން ބޮޑުވެ ކުޑަކުދިން ބަނޑަށް މަރުވަމުން ދާއިރު ވެސް އިޒްރޭލުން ދަނީ އެހީއަށް ހުރަސްއަޅަމުންނެވެ. އެހެންވެ، އާންމުވެގެންވާ ހައިހޫނުކަމެއް ކުރިމަތިވުމުގެ ބިރު އޮތުމުން ޔުނިސެފުން ވެސް ވަނީ އެހީ ފޯރުކޮށްދެވޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް އިލްތިމާސްކޮށްފަ އެވެ.
އެހީގެ ތަކެތި ވައިކުޑައިގައި ފަލަސްތީނުގެ ޣައްޒާއަށް ފޮނުވަނީ: މިގޮތަށް އެހީ ފޮނުވުން ހުއްޓާލަން ހަމާސްއިން ވަނީ އެދިފައި. -- ފޮޓޯ: އޭއެފްޕީ
ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި ޖޯޑަން، މިސްރު، ޔޫއޭއީ އަދި ޖަރުމަނުން ފޮނުވި އެހީގެ ތަކެތި ވައިގެ މަގުން ޣައްޒާގެ އެކި ހިސާބުތަކަށް އަޅަމުން ދިޔައިރު ގިނަ އަދަދެއްގެ މީހުން އެ ހޯދަން ހާސްކަމާ އެކު އުޅެމުން ދިޔަ އެވެ.
އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނީ ޣައްޒާގެ މަގުތަކަށް ފޯރާ ގޮތަށް އެހީ އެއާޑްރޮޕް ކުރެވޭތޯ މަސައްކަތްކުރާނެ ކަމަށާއި އެހީ ފޮނުވުން ނުހުއްޓާނެ ކަމަށެވެ. މިގޮތަށް އެހީ ފޮނުވުމަކީ އެހީ ފޯރުކޮށްދޭ އެކި ގޮތްގޮތުގެ ތެރެއިން އެއް ކަންތައް ކަމަށް ވެސް އެމެރިކާއިން ބުންޏެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
29 March 2024
އެމެރިކާ އައްޒާގެ ރައްޔިތުން ބޮލަށް ބޮލަށް ބޮން އަޅަމުން އެހީ ފޮނުވަމުންދަނީ ކޮންމަގްސަދެއްގަބާ. ބުނާކަހަލަ ކައިގެން މަރުވާށޭ.
އަބްހަރީ
29 March 2024
ރައްޔިތުން ބަޑަށް! ފަލަސްތީނު ޓީމު އުޅެނީ ގައުމުން ބޭރުގަ ފުޓްބޯޅަ ކުޅެން!
ކިލަމްން
28 March 2024
މިއޮތް ތަހުޒީބު ދުނިޔޭގަ މުސްލިމުންތަކެއް އުޅެންޖެހިފަވާ ހާލާމެދު ދެރަވެ ހިތްދަތިވޭ. ކޮބާ އަހަރެމެންގެ ޒުވާނުން.
ކޮމެންޓޭ1
28 March 2024
ހާލުގަ ބަނޑަށް ޖައްސާފަ މަތިން ކާތަކެތި އަޅާފަ ފޮޓޯނަގާފަ އެމެރިކާ މީހުންގެ ރުޅިގަނޑު މަތަކުރެވޭތޯ ކުރަކަމެއް. އެމެރިކަ ސަރުކާރުގެ ފުރިހަމަ ބައިވެރިވުން މިކަމުގަ އެބައޮތް. އަރަބި ގައުމުތަކުން މިކަން ކުރާތާ ކިތަންމެ ދުވަހެއް އެކަމު މިމީހުން ކުރާތީ ފަލަ ޞުރުހީގަ މިއޮތީ
މޮހިތު
28 March 2024
މަނިކުފާނު 100ރ ހަދިޔާ ކޮށްދީބަލަ އަނގަ ނުތަޅާ...!
ކޮޅެއް ނެތް
28 March 2024
އެއް ކޮޅުން އެހީދީފައި އަނެއް ކޮޅުން ހަތިޔާރު ބަހާފަ. މިވެރިންގެ މުނާފިޤު ކަމުގެ ކޮޅެއް ނެތް
ޖޯބެ
28 March 2024
ހަތިޔާރު ދެނީ ހަމާސްއިން ޔަހޫދީން މެރީމަ އެ މީހުން ބަލި ކުރަން
ހޮރުހޮރުން
29 March 2024
@ޖޯބެ.. އެކަމު ތިބުނާ ހަތިޔާރުން މަރަނީ ހަތިޔާރެއް ނެތް އާއްމު ރައްޔިތުން..ހޮސްޕިޓަލުގަ އޮންނަ ބަލިމީހާވެސް ކުޑަކުއްޖާވެސް މަރާލަނީ..އެވެސް އަމާން ދީގެން އޮންނަ އިރު. އެއްވެސް ކަހަލަ ގޮތެއް ފޮތެއް ނެތް ބައެއް.
ކިންލޯ
29 March 2024
ހޮރުހޮރުން ހަމާސްއިންވެސް މެރީ އާމުން. އާމުން މެރުން މިހާރު ގޯސްވީ.
ހޮރުހޮރުން
30 March 2024
@ކިންލޯ..ހަމާސްއިން އޮކްޓޫބަރު 7ގަ ދިން ހަމަލާއިން އާއްމުންގެ ބައެއް މީހުން މަރުވީމަ އެކަން ކަލޭމެނަށްވެސް ފެނިއްޖެ ދޯ..އެކަމަކު އިޒުރޭލުން ފަލަސްތީނުގެ އާއްމުން މަރަމުން ގެންދާތާ75 އަހަރަށްވުރެ ގިނަ ވެއްޖެ. އެކަމެއް ނުފެނޭދޯ..ކޮންމެ ބަޔަކު މެރިކަމުގަ ވިޔަސް އާއްމުން މެރުން ގޯސް..އިޒުރޭލު މީހުން ދޫނުކުރޭ ފަލަސްތީނުގެ މަރުވެފަ އޮންނަ މީހާވެސް..މަރުވެފަ އޮތަސް ގުނަވަންތައް ވަގަށް ނަގަން ގަބުރު އެބަގެންދޭ ވަގަށް..މިވަރުގެ ނުލަފާ ބައެއް އެއީ.
ފުންއަސަރު
28 March 2024
18 މީހުން މަރުވުމައްވުރެ ތިގޮތްވެސް މިވަގުތަށް މުހިންމު. ކާބޯތަކެތި ހިފައިގެންގޮސްތިބި މީހުނަށް އެސަރަހައްދަށް ނުވަދެވެންޏާ ދެން ކީތްތޯ ކުރާނީ. ބަޔަކު ބަނޑަށް މަރުވުމައްވުރެ ތިގޮތްވެސް މާރަނގަޅު. އިޒްރޭލު އަސްލު ސޫރައިގާ މަސައްކަތް ކުރަމުންދާއިރު އެމެރިކާގެ ކުޑަކުޑަ ހަމްދަރްދީއެއް މުސްލިމުންނަށް މިލިބެނީ. އެމެރިކާއިން އިޒްރޭލާރަނގަޅަށްމިކަމުގާ ޖައްސާލައިފިނަމަ އިޒްރޭލް ހަމަމަގަށް އެޅުވޭނެ. އެކަމަކު އެމެރިކާވެސް ބޭނުމެއްނުވާނެ އެގޮތަކަށް.