ސްޕޯޓްސް މިނިސްޓަރު އަބްދޫ ރާފިއު: އިންޑިއާގެ އެލްއޯސީގެ ދަށުން ހަދަން، ކުރީގެ ސަރުކާރުން ނިންމި ސިންތެޓިކް ޓްރެކުތަކުގެގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
03 އެޕްރީލް 2024 - 22:38
އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ކުރީގެ ސަރުކާރުން އަޅަން ނިންމި ސިންތެޓިކް ޓްރެކްތަކުގެ މަސައްކަތް މި ސަރުކާރުން ހުއްޓާނުލާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އެލްއޯސީގެ ދަށުން އުތުރާއި ދެކުނު ހަތަރު ރަށެއްގައި ސިންތެޓިކް ޓްރެކް އަޅަން ކުރީގެ ސަރުކާރުން އޮތީ ނިންމައިފަ އެވެ. އެއީ ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލަށް އަދި ސ. ހިތަދޫ އެވެ.
އައިލެންޑް ރަނާސް މޯލްޑިވްސްގެ ދުވުންތެރިންގެ ކާމިޔާބު ފާހަގަ ކުރަން ބޭއްވި ހަފުލާ ޝަރުފުވެރިކޮށްދެއްވަން ވަޑައިގެން ރާފިއު ވިދާޅުވީ، ހަމަ އެ ރަށްރަށުގައި އެ ޕްރޮޖެކްޓްތައް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށެވެ.
ލައިން އޮފް ކްރެޑިޓަކީ ކުރިން ކަނޑައެޅިފައިވާ ލިމިޓަކަށް ފައިސާ ދަރަންޏަށް ނެގޭ ވައްތަރެއްގެ ލޯނެކެވެ. ކޮންމެހެން ކަނޑައެޅިފައިވާ އަދަދު އެއްކޮށް ނުނަގައި ވެސް ވކި ޕްރޮޖެކްޓްތަކެއް ހިންގޭ އަގު އެކަނި ވެސް އެ ކްރެޑިޓް ލައިނުން ނެގި ދާނެ އެވެ.
މާލޭގެ މާފަންނު ސްޓޭޑިއަމްގައި ކްރިކެޓް ދަނޑު ވަށައިގެން އަޅާފައިވާ ސިންތެޓިކް ޓްރެކަކީ އިންޑިއާގެ ހިލޭ އެހީގައި އަޅާފައިވާ ޓްރެކެކެވެ.
ސިންތެޓިކް ޓްރެކްޓަކުގެ އިތުރުން، ގަލޮޅު ދަނޑު މަރާމާތުކުރުމަށް ވެސް އެލްއޯސީގެ ދަށުން ހަރަދު ކުރުމަށް ކުރީގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަކު ރަސްމީ ދަނޑު އެހެންތާކަށް ބަދަލު ކުރާނީތޯ ނުވަތަ ނޫންތޯ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ބަލާނެ ކަމަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ރާފިއު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy