ރައީސް ޑރ. މުހައްމަދު މުއިއްޒު: އަައްޑޫ ރައްޔިތުން އެދެމުންދާ ތަރައްގީ މިވެރިކަމުގައި ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި. ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 އެޕްރީލް 2024 - 23:32
އައްޑު އަށް މި ސަރުކާރުން ރާވާފައި ހުރި މަޝްރޫއުތަކުން، އައްޑޫގެ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވާނެ ކަމަށާއި އެކަން ހާސިލްކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފި އެވެ.
އައްޑޫ މަރަދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު އަމީތުގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން ގެންގުޅޭ ތަރައްގީގެ ޕްލޭންގައި އައްޑޫއަކީ މުހިއްމު މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ސިޓީއެއް ކަމަށެވެ.
ރާއްޖޭގެ އެންމެ ދެކުނު ހަތަރު އަތޮޅު ހިމެނޭ ގޮތަށް އިންޓަގްރޭޓެޑް ޑިވެލެޕްމަންޓް ޒޯނެއް ތަރައްގީކުރަން ސަރުކާރުން މަސައްކަތްކުރާއިރު މީގައި އެންމެ މުހިއްމު ނާރެހަކީ ވެސް އައްޑޫ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއަށް ތަރައްގީ ގެނައުމަށް ރައްޔިތުންގެ އިތުބާރަށް އެދިވަޑައިގެން ރައީސް ވިދާޅުވީ އެކަމަކީ މަޖިލީހުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވިގެން ގެނެވޭނެ ތަރައްގީއެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 20 އަހަރުގެ މާސްޓާ ޕްލޭނާ ގުޅިގެން ހަދާ ގާނޫނު ވެސް ފާސްކުރެވޭނީ މަޖިލީހުގެ ތެރެއިންނެވެ. އެ ޕްލޭން ވެގެންދާނީ ގާނޫނަކުން ހިމާޔަތާއި ރައްކާތެރިކަން ލިބިފައިވާ މާސްޓާ ޕްލޭނަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އައްޑޫއަށް ގެންނަން ބޭނުންވާ ތަރައްގީ ވެސް މި ޕްލޭންގައި ހިމަނާފައިވާއިރު ރައީސް ވިދާޅުވީ މަޖިލީހުގެ ތެރެއިން އައްޑޫގެ ކަންކަމަށް އަބަދާ އަބަދު އެއް ބަޔަކަށް ބަސް ކިޔުމުގެ ފުރުސަތު ދިނުމުން ދެމެހެއްޓެނިވި ތަރައްގީ ގެނެވިފައި ނުވާ ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވިއިރު މިދިޔަ މަޖިލިސް އިންތިހާބުގައި އައްޑޫގެ ހުރިހާ ދާއިރާއަކުން އިންތިހާބުކުރީ އެމްޑީޕީގެ މެމްބަރުންނެވެ.
ރައީސް އެދިވަޑައިގަތީ، މި ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީއަށް އެއްބާރުލުން ދޭނެ، އެ ވިސްނުމުގެ ޕީއެންސީގެ ބޭފުޅުން މިފަހަރު އިންތިހާބު ކޮށްދެއްވުމަށެވެ.
"އެހެންވީމަ މިފަހަރު އައްޑޫ ސިޓީގެ ހުރިހާ ދާއިރާއަކުން އަޅުގަނޑު އިހުލާސްތެރިކަމާ އެކު އެދެނީ ތާއީދުކޮށްލަ ދެއްވާށޭ. މިކަމަށް ތިބޭފުޅުންނަށް ދެއްވޭނެ އެއްބާރުލުމަކީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުން،" އަޖުމަ ބަލާލުމުގެ ވިސްނުމުގައި ނަމަވެސް ބަދަލެއް ގެނެސްދޭން އެދިވަޑައިގެން ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
"ނަތީޖާ ނެރެދީ އައްޑޫ ސިޓީގެ ރައްޔިތުން ތާ އަބަދު ތިޔަ އުއްމީދުކުރަމުން އައި ތަރައްގީ އަޅުގަނޑު ހޯދައިދޭނަން އިރާދަކުރެއްވިއްޔާ މިފަހަރު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އައްޑޫގެ މަސްލަހަތު އިސްކޮށް ރަށުގެ ތަރައްގީގެ އުއްމީދުތަކުގައި ކުލަ ޖެއްސުމަށް އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަ އާއި ޒުވާނުންނަށް ބޭނުންވާ ވަޒީފާ ފަހި ކޮށްދިނުމާއި އެއާޕޯޓު ބޮޑުކުރުމާއި ޓޫރިޒަމް ފަދަ ކަންކަން އެމަނިކުފާނުގެ ވެރިކަމުގައި ކޮށްދެއްވާނެ އެވެ.
މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން ރައީސް ވަނީ އެންމެން ގުޅިގެން ދުވަހަކު ހާސިލު ނުވެ އޮތް ތަރައްގީ ގެނައުމުގައި އަތުގުޅާލުމަށް ވެސް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިންވާލްް
08 April 2024
އައްޑޫ ރައްޔިތުން އެބަޖެހޭ ރައީސްއަށް ފުރުސަތު ދޭން މި ތަރައްޤީ ގެންނަން. މަޖިލިސް މެޖޯރިޓީއާއެކު ބާރު ދުވެލީގައި ކަންކަން އުތުރިއަރައިގެންދާނެ.
އަޒްމީލްް
08 April 2024
ރައީސް އަކީ ބަހުގެ އިތުބާރުހިފޭ ލީޑަރެއް. ވައުދުތަށް ރަނުންރަނަށް ފުއްދަވާނެ. އެކަމަށް މިހާރު ގިނަ ދިވެހިން ހެކިވާނެ.
އަދީލްް
08 April 2024
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އައްޑޫ އަށް މިދިޔަ 5 އަހަރު އެއްވެސް ތަރައްޤީއެއް ނާންކަން. އެހެންނަމަވެސް މިސަރުކާރުން އައްޑޫ ރައްޔިތުންނަށް ހައްޤު މިންވަރު ހޯއްދަވާދެއްވާނެ.
ދަފުތަރު
08 April 2024
ދަފުތަރުގައި އޮވެގެން މާފަންނުން މެންބަރަކު ހޮވަން ވޯޓު ލައިފިން. ގަލޮޅަށް މެންބަރަކު ހޮވަން ވޯޓު ލައިފިން. މައްޗަންގޮޅިއަށް މެންބަރަކު ހޮވަން ވޯޓު ލައިފިން. މި ފަހަރު ޖެހިފައި މި އޮތީ ހުޅުމާލެއަށް މެންބަރަކު ހޮވަން ވޯޓުލާން. އިލެކްޝަނުން ބުނި ތަނަކަށް ތިން ފަހަރު ވޯޓު ލެވިއްޖެ. މި ފަހަރު ވޯޓުލުމަށް ސަލާން. އިލެކްޝަނުން ބުނާ ތަނަކަށް ވޯޓުލުން ނިމުނީ.
ލިމާހު
08 April 2024
ސާބަހޭ ރައީސް ތީ ގައުމުގެ ޖޯސު
ހުސެއިނުބެ141
08 April 2024
ޒަމާނުއްސުރެ އަޅުގަޑުމެންގެ ތެރޭގައި އޮންނަ 'ވައުދު ވެގެން' ވޯޓް ދިނުމުގެ ސަގާފަތާ ދުރައް ޖެހިގެން ނޫނީ ކުރިއެރުމެއް ނުލިބޭނެ. ވޯޓް ދޭންވީ ވައުދު ފުއްދާ މަންޒަރު އިހުސާސް ކުރެވުމުން. މިހާރު ކުރިއަށް ގެންދާ އުސޫލުން 'ބުހުތާން ދޮގު ހަދައިގެން" ކެންޕެއިންކުރުން ހުއްޓުވަން ޖެހޭ. ކެންޕެއިންގެ ނަމުގައި ނިކަމެތިންގެ ނާޖާއިޒު ފައިދާ ނެގުމާއި އެމީހުންނަށް
މާޔާނީ
08 April 2024
އަބަދު އެއްބަޔަކައް ދީގެން ވީކަމެއް ހަރާމް އެމީހުންގެ ޖީބާ އެމީހުންގެ އާއިލާއަށް އޭގެންވީ ފައިދާ ރައްޔިތުން ތިބީ ހަމަ ތިބި ހިސާބު. ބްރިޖެއް ވެސް ނޭޅުނު މަގުތައްވެސް ހަދާ ނުނިމުނު 5 އަހަރުވީ އިރުވެސް
އޮނަރަބްލް އަފީފު ދީދީ
08 April 2024
ރިޔާސީ އިންތިޙާބުގައި އައްޑޫރައްޔިތުންގެވޯޓްހޯދަން ހުޅުމީދޫ ހިތަދޫ "ކޯއްޓޭ ބްރިޖް" އަޅާދިނުމާއި، އިރާއި ހުޅަޤު، އުތުރާއި ދެކުނު، ނުވަތަ ދުނިޔޭގެ 4 ބައްރު ގުޅުވާލަދީ ސާކް ސަރަޙައްދުގެ Changi Airport ގެ ގޮތުގައި ޕެސެންޖަރުންނާއި ކާގޯ ޓްރާންސިޓް އެވިއޭޝަން ހަބަކަށް Gan International Airpor ހަދާދިނުނުގެ ވައުދަކީ މަޖިލިސް އިންތިޙާބުގެ ކުރިންވެފައިވާ ރިޔާސީ ވަޢުދެއް. މަޖިލިސްލިބުނަސް ނުލިބުނަސް މިވައުދު ފުއްދާދިނުމަކީ މަނިކުފާނުގެމައްޗަށް ލާޒިމްކަމެއް.
ހށނ
08 April 2024
ވައުދު ނުފުއްދުމަކީ ގާނޫނީ ކުށެއް ނޫން. އެހެންވީމަ ބޭނުން ވަރަކަށް ވައުދު ވެވިދާނެ. ޥައުދު ނުފުއްދިޔަސް ގާނޫނީ ގޮތުން ދައުރު ހިމާޔަތް ކުރޭ. ނުރުހޭނަަމަ ރައްޔަތުން ނިކުމެ މަގާމުން ދުރުކުރަންވީ.
މުއީނާ
08 April 2024
އައްޑޫ ގޮޑި އަބަދު އެއްބަޔަކައް ދީގެންވީ ފައިދާއެއް ނެތް. 5 އަހަރު ކޮއްފަ ވައުދު ނުފުއްދާވަނީ ގޮސްފައި