މުނިފޫހިފިލުވުން / ވާހަކަ

ވައުދު

ސަލާމާ އަބްދުލްއަލީމް

09 އެޕްރީލް 2024 - 07:56

1 comments

ގޭގެ މައިދޮރުން ނެރުނު ސަންދޯކާ ދިމާލަށް ބަލަހައްޓައިގެން ހުރެ، އެހެން މީހުންގެ ފަހަތުން އަހަރެން ވެސް ނިކުތީމެވެ. އޭރު އަހަރެންގެ ކޮއްކޮ ދީމާ ހުރީ، ބޮޑުދައިތަގެ އަތުގައި ހިފައިގެން ރޮއިލަރޮއިލައެވެ. ކޮއްކޮ ރޯ މަންޒަރު ބަލަން އަހަންނަށް އުނދަގޫ ވިއެވެ. އެހެންވެ، އަހަރެން ގޮސް ކޮއްކޮ އުރައިލީމެވެ.

ދެ އަހަރު ކުރިން ބައްޕަ ނިޔާވެއްޖެއެވެ. މިއަދު އަހަރެމެންނާ ވަކިވީ އަހަރެމެން ދެ މީހުންގެ ލޯބިވާ މަންމައެވެ. މަންމަ އެ ދިޔައީ އަހަންނާއި ކޮއްކޮ އެކަނި އުޅެން ދޫކޮށްލައިފައެވެ. މަންމައާ ނުލައި އަހަރެމެން އުޅޭނީ ކިހިނެއްބާވައޭ ހިތަށް އަރާ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން ކަރުނަ ހިލެއެވެ.

މަންމަގެ ޖަނާޒާއަށް ފަހު ތިމާގެ މީހުންނާއެކު އަހަރެން ގެއަށް އައީމެވެ. ގޭތެރެއިން ފެންނަނީ ފަޅު ކަމެވެ. އެކަނިވެރި ކަމެވެ. އަހަރެމެންގެ ގެއަކީ ދިރުމެއް ނެތް ތަނަކަށް ވެއްޖެއެވެ. މަންމައާ ނުލައި އެއްވެސް ކަމެއް ފުރިހަމައެއް ނުވާނެއެވެ. ދީމާއަށް މިވީ 10 އަހަރެވެ. އަހަންނަށް މި އަހަރު ފުރުނީ 13 އަހަރެވެ. އަހަރެން އިނީ ދީމާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އޭރު އާއިލާގެ ގިނަ މީހުން ތިބީ ބޭރުގައެވެ.

"އެކޮއި އާދޭ ބޮޑުދައިތަ ގެއަށް. އަހަރެން ކައިގެން ހުންނަންޏާ އެކޮއި ވެސް ހުންނާނީ ކައިގެން،" ބޮޑުދައިތަ ބުންޏެވެ.

ދީމާ ބެލެހެއްޓުމުގެ ޒިންމާ ނެގީ ބޮޑުދައިތައެވެ. ދެން ހުރީ އަހަންނެވެ. އަހަރެން ގެންދާނީ ކާކުބާވައޭ ހިތަށް އެރިއެވެ.

"ދެން އަހަރެން ގެންދާނަން އަލީ. ކޮންމެވެސް މީހަކު އަލީ ވެސް ބަލަން ޖެހޭނެތާ،" އަހަރެންގެ ކަންފަތުގައި ޖެހުނީ ބައްޕަ އެއްބަނޑު މީހެއް ކަމުގައިވާ ރަހުމައްތަގެ އަޑެވެ.

ރަހުމައްތައަކީ އަހަރެމެންނާ ކުރިން ވެސް މާ ގާތް ގުޅުމެއް ބެހެއްޓި މީހެއް ނޫނެވެ. އެހެންވެ އަހަރެންގެ ހިތުގައި ވެސް އޭނާއާ މެދު އާއިލީ ކުލުނު އޮންނަނީ ވަރަށް ކުޑަ މިންވަރަކަށެވެ.

ކޮއްކޮއާ ވަކިން އުޅެން ޖެހުމުން އަހަރެން ވަރަށް ދެރަވިއެވެ. އެކަމަކު މިއީ ތަގުދީރުގައި އަހަރެމެންނަށް ހުރި ގޮތްކަން އަހަރެން ގަބޫލު ކުރަމެވެ.

މަންމައާ ނުލައި ހަޔާތުގެ ދުވަސްތައް ކަޑައްތު ކުރަން އަހަންނަށް ވަރަށް އުނދަގުލެވެ. އަހަންނަށް ވުރެ ބޮޑަށް ކޮއްކޮއަށް އެ ފަޅުކަން ލިބޭނެއެވެ. ކޮއްކޮއަށް މަންމަގެ އެހީތެރިކަން މާ ބޭނުން ވާނެއެވެ. އެހެންވެ، ސްކޫލުން އަންނަ ގޮތަށް އަހަރެން ކޮއްކޮ ގާތަށް ދަމެވެ.

އާދައިގެ މަތިން މިއަދު ވެސް އަހަރެން ނިކުތީ ބޮޑުދައިތަ ގެއަށް ދާށެވެ. ނަމަވެސް މިއަދު ރަހުމައްތަ އަހަރެން ބޭރަކަށް ނުފޮނުވިއެވެ. އެ ގޭ ދޯނި މަސްބާނައިގެން އަންނާތީ، މަސްކަނޑަން މަޑު ކުރަން ބުންޏެވެ. މީގެ ކުރިން އަހަރެން ދުވަހަކު ވެސް އެކަހަލަ ކަމެއް ނުކުރަމެވެ. ޖެހިލުން ވެސް ވިއެވެ. އެކަމަކު، މިއަދު އަހަރެންގެ ބަލަދުވެރިޔަކީ ރަހުމައްތަ ކަމުގައި ވާތީ އަހަރެން އޭނާއަށް އިހްތިރާމް ކުރީމެވެ.

ކޮއްކޮ ނުފެންނަތާ މިހާރު ހަފުތާއެއް ވެއްޖެއެވެ. މަސްވެރިކަން ރަނގަޅު ވީ ވަރަކަށް އަހަންނަށް ވަނީ ބުރައެވެ. ދަންވަރު ދޭއް ޖަހަންދެން މަސްކެއްކުމުގައި އެހީތެރިވާން އުޅެމެވެ. އެހެންވެ އަހަންނަށް ހެނދުނު ސްކޫލަކަށް ނުދެވެއެވެ. އެކަމާ އަހަރެން ކިތަންމެ ދެރަވިޔަސް އެއީ ބަދަލު ނުވާނެ ކަމެއްކަން އަހަންނަށް އެނގެއެވެ. އަހަންނަކީ ރަހުމައްތަގެ ނޯކަރަކަށް ވެއްޖެއެވެ. ޑަސްބިން އުކުމާއި ކުނި އުކުމުގެ އިތުރުން ވިޔަފާރި ކުރުމާއި ތަންތަން ފޮޅާ ސާފު ކުރަނީ ވެސް މިހާރު އަހަންނެވެ.

މުސްތަގްބަލާ މެދު އަހަރެން ދެކެމުން އައި ފޮނި އުއްމީދުތައް ހަނދާން ނައްތާލީމެވެ. ރަހުމައްތަގެ ގެއިން ސަލާމަތް ނުވާނެކަން އަހަންނަށް ޔަގީނެވެ. ނަމަވެސް މަންމަ ނިޔާވި ދުވަހު ހިތުގެ އަޑިން މަންމައަށް ވީ ވައުދު އަދިވެސް އަހަރެންގެ ހިތުގައި އަލިގަދަކޮށް ވެއެވެ. އެއީ ކޮއްކޮގެ ކުރިމަގު އުޖާލާކޮށްދިނުމަށެވެ. ކޮއްކޮއަކީ ރަނގަޅު މީހަކަށް ހެދުމަށެވެ. ކޮއްކޮއަށް ރަނގަޅަށް ކިޔަވައިދިނުމަށެވެ. އެއީ މަންމަ އަބަދުވެސް އަހަރެމެންނާމެދު ދެކެމުންދިޔަ ހުވަފެންތަކެވެ. މިއަދު އެ ވައުދު ނުފުއްދިދާނެތީ އަހަރެން ބިރުގަނެއެވެ.

"ދޮންބެ މިހާރު ކޮއްކޮ މަތިން ހަނދާން ނެތުނީތަ؟ ދޮންބެ ކީއްވެ ނާންނަނީ؟" ދީމާ ބުންޏެވެ.

ދީމާގެ ސުވާލުތަކުން އަހަރެން އިންތިހާއަށް ދެރަވިއެވެ. އެ ދުވަހު އަހަންނާ ދީމާ ދިމާވީ ކުނި އުކައިލުމަށްފަހު ގެއަށް އައި މަގުމަތިންނެވެ. އޭރު ބޮޑުދައިތަ ހުރީ ގެ ކައިރި ފިހާރައަކަށް ވަދެއެވެ.

ރަހުމައްތަގެ ގޭގައި ބުރަކަމުން ނުދެވެނީކަމުގައި އަހަރެން ބުނީމެވެ. އަދި ސްކޫލަށް ވެސް ނުދެވޭ ވާހަކަ ދީމާ ގާތު ބުނީމެވެ. ނަމަވެސް ހުކުރު ދުވަހު ކޮއްކޮ ގޮވައިގެން ޕާކަށް ދާން ބޮޑުދައިތަ ގެއަށް ދާނަމޭ ބުނެ އަހަރެން ދީމާ، އެ ފިހާރައަށް ވެއްދީމެވެ.

ގެއަށް އައި މަގުމަތީގައި ވެސް އަހަންނަށް ވިސްނެނީ ދީމާއާ މެދުގައެވެ. އޭނާ އަހަންނަށް އިންތިޒާރު ކުރާކަން އެނގުމުން ދެރަވިއެވެ.

ގްރޭޑް ދިހައަކަށް ދިޔަ އަހަރު ކިޔެވުން ނުފެށެނީސް އަހަރެން ސްކޫލުން ވަކި ވީމެވެ. ރަހުމައްތަގެ ފިރިމީހާ ބަލިވުމުން ކަންނެލިދޯނީގެ ފަޅުވެރިޔަކަށް އަރަން އަހަންނަށް އެންގީއެވެ. ކިޔަވަން ބޭނުންވާ ވާހަކަ ބުނުމުން ރަހުމައްތަ އަހަރެންދެކެ އިންތިހާއަށް ރުޅި އައެވެ. ޔަތީމުވީ ހާލު، އަޅައިލުމުން އެކަން އަހަރެން ބަލައިނުގަތީ ކަމުގައި ބުނެ އަހަރެން ދެރަކޮށްލިއެވެ. އެންމެ ފަހުން އަހަންނަށް މަޖުބޫރުވީ ދޯންޏަށް އަރާށެވެ.

ބާރު ދުވެލީގައި ދުއްވަމުން ދާ ދޯނީގެ ދިރުނބާ ކޮޅުގައި އަހަރެން އިނީ ދޯނިން ބޭރަށް ދެ ފައި ބާލައިގެންނެވެ. ކުރިމަތިން ފެންނަން އޮތީ އޮއްސެމުންދާ އިރުގެ ރަތްދަޅައެވެ. ދަނބުކުލައާއި އޮރެންޖް ކުލައިން އެކުވެފައިވާ އުދަރެހަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގުނެވެ.

މުސްތަގްބަލާ މެދު ފުންކޮށް ވިސްނީމެވެ. ކޮއްކޮއަށް ކިޔަވައިދެވޭނީ އަހަރެން ހަރުދަނާ މީހަކަށް ވެގެންނެވެ. އަހަންނަށް ލިބޭ ލާރި ދޭން ޖެހެނީ ރަހުމައްތައަށެވެ. ރަހުމައްތަ ދެކޭ ގޮތުގައި އެ ގެއިން ކައިބޮއި ހަދައި، އެ މީހުން އަހަރެން ބަލަހައްޓާތީ، ދޯނިން އަހަންނަށް ބައެއް ދޭކަށް ނުޖެހެއެވެ. އެހެންވެ، އަހަރެންގެ އަތުގައި އެންމެ ފައިސާ ފޮއްޗެއް ވެސް ނޯވެއެވެ. އެކަމާ އަހަރެން އިންތިހާއަށް ކަންބޮޑުވެއެވެ.

ހުކުރު ދުވަހެކެވެ. ހެނދުނުއްސުރެ އަހަރެން މަސައްކަތްތައް އަވަސް ކުރީ ހުކުރަށް ދެވޭތޯއެވެ. ނަމަވެސް މަސް އަވީއްލައި ނިމުނު އިރު ހުތުބާ ފަށައިފިއެވެ. ވީ ދެރައަށް ވުރެ ބޮޑަށް އަހަރެން ގާތަށް އައީ ރުޅިއެވެ. އެހެންވެ، އިތުރު ވިސްނުމަކާ ނުލައި އަހަންނަށް ރަހުމައްތައާ ދިމާލަށް ދެވުނީ ރުޅި ގަދަ ވެގެންނެވެ.

"އަހަރެން ބޭނުމެއް ނޫން މި ގޭގައި އުޅޭކަށް،" އަހަރެން ބުނީމެވެ.

ރަހުމައްތަ އަހަންނާ ދިމާލަށް ބަލައިލީ ހައިރާންކަމާއި ހިތްހަމަ ނުޖެހުމާއެކުއެވެ. އޭނާ ސުވާލު ކުރުމުގެ ކުރިން އަނެއްކާ ވެސް ވާހަކަ ދެއްކީ އަހަންނެވެ.

"މިއަދު ވެސް ހުކުރަކަށް ނުދެވެނު. މި ގޮތަށް ނުދެވުނު މިއީ ތިން ވަނަ ހުކުރު." އަހަރެން ބުނީމެވެ.

ރަހުމައްތަ ފެށީ ހަޅޭއްލަވާށެވެ. އަމިއްލައަށް އުޅެވޭ ވަރު ވީމާ އެ މީހުން ދޫކޮށް ދަނީ ކަމުގައި ބުންޏެވެ. އެ މީހުން ކޮށްދިން ހެޔޮކަން އަހަރެން ބަލައިނުގަތް ކަމުގައި ބުންޏެވެ. އަހަރެން އެންމެ ދެރަވީ އަހަންނަށް ދުވަހަކު ވެސް ހަމަޖެހިގެން ނޫޅެވޭނެކަމަށާއި އުފާވެރި މުސްތަގްބަލެއް ނުލިބޭތޯ ދުއާ ވެސް ކުރާނަމޭ ބުނުމުންނެވެ.

ލާން ގެންގުޅޭ ދެ ތިން ޓީޝާޓާއި ފަޓްލޫން ދަބަހަށް އަޅައިގެން އަހަރެން ދިޔައީ ބޮޑުދައިތަ ގެއަށެވެ. ކަންތައްތައް ވީ ގޮތް ކިޔައިދިނުމުން ބޮޑުދައިތަ އިންތިހާއަށް ހިތާމަ ފާޅުކުރިއެވެ.

"އަހަރެން މި އުޅެނީ ރިސޯޓަކަށް ދާން. ކޮންމެ މަހަކު ވެސް މި ގެއަށް ފައިސާ ފޮނުވާނަން. ބޮޑުދައިތަ އަހަރެންގެ ކޮއްކޮ ރަނގަޅަށް ބަލައިދެއްޗޭ، އަހަންނަށް ނުކިޔެވުނަސް، ކޮއްކޮއަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން އަހަރެން ބޭނުން. އެއީ މަންމައަށް އަހަރެން ވެފައި އޮތް ވަސިއްޔަތެއް،" އަހަރެން ބުނީމެވެ.

ހަފުތާއެއް ފަހުން އަހަރެން ރިސޯޓަކަށް ދިޔައީމެވެ. ފުރަތަމަ މަހު ލިބުނު މުސާރައިން ކޮއްކޮއަށް ފޯނެއް ގަނެދިނީމެވެ. ކޮންމެ ދުވަހަކު ކޮއްކޮއާ ވާހަކަ ދައްކައި އޭނާގެ ހާލު ބަލައި ހަދަމެވެ. އެ ގޮތުގައި އަހަރެއްހައި ދުވަސް ފާއިތުވީ ފަހުން ކޮއްކޮއަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އޭރު އޭނާ އުޅެނީ ގްރޭޑް 10 ގައެވެ.

އަހަރެންގެ ފޯނަށް ޖަވާބު ނުދިނުން އާއްމު ކަމަކަށް ވެއްޖެއެވެ. މެސެޖަކަށް ރިޕްލައިއެއް ވެސް ނުކުރެއެވެ. ބޮޑުދައިތައާ ސުވާލު ކުރުމުން ބުނަނީ އޭނާ ކިޔެވުމުގައި ގިނަ ވަގުތު ހޭދަ ކުރާތީ ފޯނާ ވަރަށް ދުރު ކަމަށެވެ. އަބަދުވެސް އުޅެނީ ކިޔެވުމުގައި ކަމަށް ވެސް ބޮޑުދައިތަ ބުންޏެވެ.

އަހަރެން އެކަމާ އުފާ ކުރީމެވެ. ނަމަވެސް ކޮއްކޮ އަހަންނާ އެހާ ދުރުވުމުން ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. މީގެ ކުރިން އަބަދާއަބަދު ގުޅައިގެން ސަމާސާކޮށް އުޅެފައި، ކުއްލިއަކަށް އެހާ ބޮޑު ބަދަލެއް އަތުވެދާނެ ކަމަށް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. މިހާރަކަށް އައިސް ފޯނު އޮންނަނީ އަބަދު ނިއްވައިފައެވެ. ސުވާލު ކުރުމުން ބުނަނީ ކިޔެވުމައިގެން އުޅޭތީ ފޯނު ބޭނުން ނުކުރަނީ ކަމަށެވެ.

ކޮއްކޮގެ ފަހު އިމްތިހާން ފެށުމުގެ ކުރިން އަހަރެން ރަށަށް ދިޔައީ އޭނާ ހިތްހަމަ ޖައްސާލުމަށެވެ. ނަމަވެސް އަހަންނަށް އޭނާ ފެނުނު ފުރަތަމަ ވަގުތުކޮޅު ވެސް އެ މޫނުމަތިން އެތައް ވާހަކައެއް ބުނެދިނެވެ. މީގެ ކުރިން އެ މޫނުމަތިން ފެންނަ ހިނިތުންވުން މިހާރު ވަނީ އުދާސްކަމަށް ބަދަލު ވެފައެވެ. އަހަރެން ފެނުމުން އޭނާ ހީލި ނަމަވެސް އެއީ ބޭނުން ވެގެން ވީ ހިނިތުންވުމެއް ނޫންކަން އަހަންނަށް ގަބޫލު ކުރެވުނެވެ.

އޭނާއަށް އަހަރެން ބައިވަރު ހަދިޔާ ގެންދިޔައީމެވެ. ކޮއްކޮ ބޭނުންވާނެހެން ހީވާ ހުރިހާ އެއްޗެއް ވެސް ދިނީމެވެ. ނަމަވެސް އެންމެ ކުޑަމިނުން އަހަރެންގެ މޫނަށް ބަލައި ވެސް ނުލިއެވެ.

"ދޮންބެ ދެކެ ރުޅި އައިސްފައިތަ؟" އަހަރެން އެހީމެވެ. ރައްދުގައި ދީމާ ބޯ ހޫރާލިއެވެ.

"ހަމަ ނިދި ނުލިބޭތީވެ، މި ހުންނަނީ ނިންޖަށް ބަލިވެފައި. އަބަދު ކިޔަވަން މި އުޅެނީ،" އޭނާ ބުންޏެވެ.

ކޮއްކޮގެ ބުރަކަށީގައި ފިރުމާލުމަށްފަހު އަހަރެން ތެދުވީމެވެ. އިތުރަށް އޭނާއަށް އުނދަގޫ ކުރަން ބޭނުން ނުވީއެވެ. އެ ކޮޓަރިން ނުކުތުމާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ ސިޓިންރޫމްގައި އިން ނުދަންނަ ފިރިހެނެކެވެ. އޭނާ އިނީ ބޮޑުދައިތައާ ވާހަކަ ދައްކާށެވެ. އަހަރެން ފެނުމާއެކު ބޮޑުދައިތަ އަހަންނަށް އޭނާ ތައާރަފް ކޮށްދިނެވެ. އެއީ މަންމަގެ ތިމާގެ މީހެކެވެ. ދިރިއުޅެނީ އެހެން ރަށެއްގައެވެ. ދަތުރުވަރެއްގައި މިރަށަށް އައީ ކަމުގައި ބުންޏެވެ.

މަންމަގެ ތިމާގެ މީހަކު ދިމާވުމުން އަހަރެން އިންތިހާއަށް އުފާ ކުރީމެވެ. މަންމައާ ބެހޭ ބައިވަރު ވާހަކަތައް އެ ބޭބެ އަހަންނަށް ކިޔައިދިނެވެ. ބޭބެމެންގެ ކުޑައިރުގެ ހަނދާންތަކުގެ ވާހަކައެވެ. އަޑުއަހަމުން ދިޔަ އިރު އަހަރެން އިނީ އިންތިހާއަށް މަންމަ މަތިން ހަނދާން ވެފައެވެ.

އަހަރެން ނިދަނީ ސިޓިންރޫމްގައި އަޅާފައި އޮންނަ ތަރަފާލުމަތީގައި ގޮދަނޑިއެއް ބާއްވައިގެންނެވެ. ކޮޓަރީގައި ތިބެނީ ބޮޑުދައިތައާއި ކޮއްކޮއެވެ. ގެއަކީ އިހުގެ އާދައިގެ ގެއެކެވެ. ސިޓިންރޫމްގައި ފަންކާއެއް ނެތުމުން ވަރަށް ހޫނު އަރައެވެ. ދާހިއްލާ ފޯވެގެން އަހަރެން ތެދުވީ ނުނިދިގެންނެވެ. އޭރު ގަޑިން މެންދަމު ދޭއް ޖަހައިފިއެވެ.

ފިނިކޮށްލުމުގެ ނިޔަތުގައި އަހަރެން ބޭރަށް ނިކުތީމެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމެވެ. ދިރޭ އެއްޗެއް ގޮވައިލާ އަޑު ވެސް ނީވެއެވެ. ޖެހެމުންދާ ތެތްފިނި ވައިރޯޅިން އިސާހިތަކު މުޅި ހަށިގަނޑު ފިނި ވެއްޖެއެވެ. އެކަމަކު އަނބުރާ ގެއަށް ވަންނަ ހިތެއް ނުވިއެވެ. އެހެންވެ، ބޭރުގައި ހުރި ޖޯއްޔާ ދިމާލަށް އަހަރެން މިސްރާބު ޖެހީމެވެ. ގޭގެ ބޭރުގައި ދިއްލާފައި ހުރި ފަސްވޯޓު ބޮކީގެ އަލިން އެ ސަރަހައްދަށް ވެރިވެފައިވަނީ ފަނޑު އައްޔެކެވެ.

"އަޑެއް ނީއްވާތީ،" އަހަރެންގެ ކަންފަތުގައި ޖެހުނެވެ.

އަޑު އައީ ގޭ ބިއްދޮށުންނެވެ. އަހަރެން އެ ދިމާލަށް މިސްރާބު ޖެހީ ހައިރާންވެ ހުރެއެވެ. މަޑުމަޑުން ގޮސް ގޭ ބިއްދޮށަށް ބޯ ދިއްކޮށްލި އިރު، އަހަންނަށް ފެނުނީ ބޮޑުދައިތައެވެ. މި ވަގުތު ބޮޑުދައިތަ ބޭރުގައި ހުރީ ކީއްވެބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ކޮންމެ ވެސް ވަރަކަށް ހިތް ނުތަނަވަސް ވީ ނަމަވެސް އަހަރެން މަޑުކުރީމެވެ. ބޮޑުދައިތަ ބޭރަށް ފައިބާނީ ކޮޓަރީގެ ޖާލީ ދޮރުންކަން އަހަންނަށް އެނގުނެވެ.

ފަނަރަ ވަރަކަށް މިނިޓް ފަހުން ޖާލީ ދޮރުން މީހަކު ބޭރަށް ފޭބި ތަން ފެނި އަހަންނަށް ތެޅިގަނެވުނެވެ. އެއީ މިއަދު އަހަންނާ ބައްދަލުވި މަންމަގެ ތިމާގެ މީހާއެވެ. އޭނާ އެ ކޮޓަރިއަށް ވަންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ ފުން ވިސްނުމެއްގައި ހުއްޓައި އޭނާ ހިނގައްޖެއެވެ.

ދީމާ އިނީ އަހަރެންގެ ކުރިމަތީގައެވެ. ސައިބޯށެވެ. އޭނާ އަހަރެންގެ މޫނަކަށް ނުބަލައެވެ. އެ މޫނުމަތީގެ އަސަރުތަކުން މިހާރު އަހަންނަށް އިހްސާސްވަނީ މުޅިން އެހެން ކަމެކެވެ. އެންމެ ރޮއްޓެއް ކައިލުމަށް ފަހު ދީމާ ތެދުވެއްޖެއެވެ. އަހަރެން އަޅައެއް ނުލަމެވެ. އެއްވެސް ވާހަކައެއް ވެސް ނުދައްކަމެވެ.

އަހަރެން އޮތީ ނުނިދައެވެ. ކުއްލިއަކަށް ކޮއްކޮގެ ކޮޓަރި ދޮރު ހުޅުވުނެވެ. ބޮޑުދައިތަ ބޯ ދިއްކޮށްލުމާއެކު އަހަރެން ލޯ މެރީމެވެ. ދޮރު ލައްޕާލުމުން އަހަރެން ތެދުވެ އަވަސް އަވަހަށް ބޭރަށް ނިކުތީމެވެ. އަދި ރޭގައި ވެސް ހުރި ތަނުގައި މަޑުކޮށްލީމެވެ. ގޭ ބިއްދޮށު ދޮރާށިން ވަދެގެން އައީ ރޭގައި ވެސް އަހަންނަށް ފެނުނު މީހާއެވެ. އޭނާ އައިސް ޖާލީ ދޮރުގައި ޓަކި ޖަހާލިއެވެ. އެ ވަގުތު ބޮޑުދައިތަ ބޭރަށް ނިކުމެއްޖެއެވެ. އަދި އެ މީހާ ދިން ފަސްސަތޭކައިގެ ނޫޓުތައް ގުނާލިއެވެ. އެއަށްފަހު އޭނާ ބޭރުގައި މަޑުކުރިއެވެ.

އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ކެހިގަތް ހެންނެވެ. ހުރެވުނު ތަން ނޭނގޭ ހާލު އަހަރެން ގޮސް ބޮޑުދައިތަގެ ކުރިމަތީ ހުއްޓި، ޖާލީ ދޮރުގައި ޖަހައި ދޮރު ފަޅައިލީމެވެ. އޭރު އެ މީހާ އޮތީ ކޮއްކޮގެ ގައިމަތީގައެވެ. ހިނދުކޮޅަކަށް ވެސް އަހަންނަށް މަޑެއް ނުކުރެވުނެވެ.

އެތެރެއަށް ވަނުމަށްފަހު އެ މީހާގެ ކަރުގައި ހިފީމެވެ. ހިފުނުލެއް ބާރު ކަމުން އަހަންނަށް އޭނާގެ ގައިން ދޫ ކޮށްލެވުނީ އޭނާ މަރުވި ފަހުންނެވެ. މަރުވެގެން އަހަރެންގެ ފައިބުޑަށް އޭނާ ވެއްޓުނު އިރު އަހަރެން ހުރީ ވަރުބަލި ވެފައެވެ. ދުވެފައި އައިސް ކޮއްކޮ އަހަރެންގެ ގައިގައި ބައްދައިގަތެވެ.

"ދޮންބެ ރިސޯޓަށް ދިޔުމުގެ ކުރިން މަރާލާނަމޭ ބުނީމަ ނުބުނީ. ބޮޑުދައިތަ އެ މީހާއަށް އަހަރެން ވިއްކާލައިފި،" ރޮމުންރޮމުން ކޮއްކޮ ބުންޏެވެ.

އޭރު ބޮޑުދައިތަ ފެންނަން ވެސް ނެތެވެ. އަހަރެން އިނީ ގަބު ވެފައެވެ. ކޮއްކޮ ދެއްކި ވާހަކަތައް ވެސް ނީވޭ ކަހަލައެވެ.

"އަހަރެން ބަނޑުބޮޑު ދޮންބޭ،" ކޮއްކޮގެ ދެވަނަ ޖުމްލައިން އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

އަނގައިން ބުނަން ވެސް ނޭނގި އަހަންނަށް އިނދެވުނީއެވެ. ހުއްޓުން އަރައިފައެވެ. އެސްފިޔަ ޖަހައިލާނެ ހިތްވަރު ވެސް އަހަރެންގެ ނެތެވެ. ހަމަ އެ ވަގުތެވެ. ބޮޑުދައިތަ އައީ ފުލުހުން ގޮވައިގެންނެވެ. އަހަރެން ހައްޔަރު ކޮށްގެން ގެންދިޔަ އިރު ވެސް އަހަންނަށް ހުރެވުނީ ރޯން ވެސް ނޭނގިފައެވެ. ކޮއްކޮ ދުނިޔެއަށް ގިނަ ވާނެ ކަން އަހަންނަށް އެނގެއެވެ. އަހަންނަށް އެއްވެސް އެހީތެރިކަމެއް ދެން ނުދެވޭނެކަން ވެސް އެނގެއެވެ. އަހަރެން މުޅި އުމުރަށް ޖަލަށް ލާނެކަން އަހަންނަށް އެނގެއެވެ. އެންމެ ދެރަވީ މަންމައަށް ވީ ވައުދު ފުއްދައި ނުދެވުނީތީއެވެ. މަހުޝަރުގައި މަންމައަށް އަހަރެން ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟

ނިމުނީ

1 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 86%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮއްކޮ

09 April 2024

"...އަހަރެން މުޅި އުމުރަށް ޖަލަށް ލާނެކަން އަހަންނަށް އެނގެއެވެ...." ނޫން ދޮންބޭ، މިއަކީ މުޅިން ރަގަޅު ވާހަކައެއް ނޫން. ގާނޫނުލް އުގޫބާތުގައި ހުއްދަވެގެންވާ ދިފާއުން ދިފާއު ނަގައި ކޯޓުގައި ވަކާލާތުކޮށްފިނަމަ، އިންޝާﷲ ދޮންބެ މާކަގިނަދުވަހެއްނުވެ ކޮއްކޮ ކައިރިއަށް އަންނާނެ. ދޮންބެ އަވަހަށް ރަނގަޅު ލޯޔަރެއް ހޯދާ. ދޮންބެ އަންނަންދެން ކޮއްކޮ އިންތިޒާރު ކުރާނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454