ރައީސް ފީއައްޔަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
14 އެޕްރީލް 2024 - 14:26
ޓޫރިޒަމް ދާއިރާ އިން ދައުލަތަށް ލިބޭ ޓެކްސްތަކުން ބައެއް ކައުންސިލްތަކަށް ޖަމާވާ ގޮތަށް ގާނޫނު އިސްލާހު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ފ. ފީއަލީގައި މިއަދު ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނު މިހާތަނަށް ކުރެއްވި ދަތުރުފުޅުތަކުގައި 168 ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެތަންތަން ބާރުވެރި ކުރުވަން ޖެހޭ ކަން އެ ބައްދަލުވުންތަކުން އެނގިވަޑައިގަތް ކަމަށް ރައީސް ވިދާޅުވި އެެވެ.
އަޅުގަނޑު ބޭނުން ވަނީ ރައްޔިތުން މުއްސަނދި ކޮށްދޭން. މިކަން ކުރެވޭނީ މިކަހަލަ ކަންކަން [ޓޫރިޒަމް ޓެކްސް އިން ބައެއް ކައުންސިލަށް ޖަމާކުރުން ފަދަ ކަންކަން] އަޅުގަނޑުމެންނަށް ފަހި ވެގެން. -- ރައީސް
ކައުންސިލްތަކުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ކުރަން ޖެހޭ އެންމެ ބޮޑު އެއް ކަމަކީ ރައީސް ވިދާޅުވި ގޮތުގައި ޓޫރިޒަމް އިން ދައުލަތަށް ލިބޭ ޓެކްސްތަކުން ބައެއް ސީދާ ކައުންސިލްތަކަށް ޖަމާ ކުރުމެވެ. އެކަން ކުރުމަށްޓަކައި ކަމާ ބެހޭ ގާނޫނުތައް އިސްލާހު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
"އޭރުން އެ ކައުންސިލްތަކަށް ރަށުގެ ތަރައްގީ އަށް ކުރެވޭނެ ވަރަށް ގިނަ ކަންކަން ހުންނާނެ. މިކަހަލަ ގިނަ ކަންކަން ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ކޮށްދޭން އަޅުގަނޑު ބޭނުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށް ބައިވެރިވެވޭ ގޮތަށް ފަޅު ރަށްތައް ދޫކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި އެކަންކަން ކުރެވޭނީ ސަރުކާރަށް އެފަދަ އެއްބާރުލުން ލިބިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން ވަނީ ރައްޔިތުން މުއްސަނދި ކޮށްދޭން މިކަން ކުރެވޭނީ މިކަހަލަ ކަންކަން އަޅުގަނޑުމެންނަށް ފަހި ވެގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ފީއަލީގައި: ކައުންސިލްތަކާ އެކު ބޭއްވެވި ބައްދަލުވުންތަކުން ކައުންސިލްތައް ބާރުވެރިކުރުވަން ކުރަން ޖެހޭ ކަންކަން އެނގިވަޑައިގަތް ކަމަށް ވިދާޅުވި. -- ފޮޓޯ | ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއެއް އުފެދިފައި އޮތް ނަމަވެސް ލާމަރުކަޒީ ގާނޫނު އޮތީ އެ ކޮމިޓީތަކަށް އަމަލީ ގޮތުން ހަރަކާތްތެރި ވެވޭނެ ގޮތަކަށް ނޫނެވެ.
ލާމަރުކަޒީ ގާނޫނުން ކޮމިޓީ އުފެދިފައި އޮތް ނަމަވެސް އެލަވަންސެއް ގޮތުގައި ކުޑަ އެއްޗެއް ލިބުން ފިޔަވައި މާ ބޮޑު ފުރުސަތުތަކެއް އެ ކޮމިޓީތަކަށް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
"ކައުންސިލްގެ ބަޖެޓުން އިންނަ ފަސް ޕަސެންޓުގެ ތެރެއިން ހުރިހާ ކަމެއް ކުރަން މި ޖެހެނީ. އޭގެން އެލަވަންސް ވެސް ދޭން މި ޖެހެނީ،" ރައީސް ވިދާޅުވި އެވެ.
ރޯދަ މަހުގެ އެލަވަންސް ވެސް، ވިހެއުމުގެ ޗުއްޓީ އަންހެނުންނަށް ލިބެން ޖެހޭ ހާއްސަ ޗުއްޓީތަކެއް ނުލިބޭ. އެ ލިބޭ އެލަވަންސްގެ ބޭނުން ކޮށްގެން ލޯނެއް ނަގާކަށް ފުރުސަތެއް ނުލިބޭ. މިހެން ގޮސް ވަރަށް ގިނަ ދަތިތައް އެބަހުރި. -- ރައީސް
ރައީސް ވިދާޅުވީ ބައެއް ރަށްރަށުގައި އާބާދީ ކުޑަވުމުން ލިބޭ ބަޖެޓުގެ ތެރެއިން މުޅި އަހަރު އެއްކޮށް ހަމައަށް އެލަވަންސް ވެސް ނުދެވޭ ކަމަށެވެ. އޭގެ އިތުރުން އެ ކޮމިޓީތަކުގެ މެންބަރުންނަށް އިނާޔަތްތަކެއް ނުލިބޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ފީއަލީގައި: އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް
"ރޯދަ މަހުގެ އެލަވަންސް ވެސް، ވިހެއުމުގެ ޗުއްޓީ އަންހެނުންނަށް ލިބެން ޖެހޭ ހާއްސަ ޗުއްޓީތަކެއް ނުލިބޭ. އެ ލިބޭ އެލަވަންސްގެ ބޭނުން ކޮށްގެން ލޯނެއް ނަގާކަށް ފުރުސަތެއް ނުލިބޭ. މިހެން ގޮސް ވަރަށް ގިނަ ދަތިތައް އެބަހުރި." އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ލިބޭނަމަ އެ ގާނޫނުތައް އިސްލާހު ކޮށްގެން އެ ހުރިހާ މައްސަލަތަކެއް ހައްލު ކުރަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބސ877
15 April 2024
ލިބޭ ހުރިހާ ޓެކްސްއެއް މާލެ އަކައް ނުޖެހޭ ދާކަށް، މުޅިރާއްޖެއައް ބެހިގެންދާންޖެހޭނީ. މާލެސަރަހައްދުއެކަނިތަ ތަރައްގީވާނަޖެހެނީ، މަގުތަކުގަ ތާރުއެޅިފައޮންނަންޖެހެނީ ރައްތަކުގަ މަގުތަކުގަ ޗަކަހެދިފަ
ސިލާ
15 April 2024
ލާމަރުކަޒީގެ ބާނީ ، ސާބަހޭ މުއިއްޒު
ވިދާދު
15 April 2024
ބަލަ އިބޫ ސުޕަމެޖޯރިޓީ ދިނީމަ ނުވިކަންކަން މުއިޒު މިހިރަ ކޮއްލަނީ އެހެންތާ ވާނީ ސަފީރު ބޭނުންވާ ގޮތައް ގައުމު ހިންގަން ޖެހުނީމަ
މަގޭވޯޓު
15 April 2024
ކީއްވެ ބައެއް ކައުންސިލްތަކަށް އެކަނި ދޭންވީ. ހުރިހާ ރައްޔިތުންވެސް ހަމަ ހަމަ ވާނެ ފަދައިން ހުރިހާ ކައުންސިލްއަކަށް ލިބެންވާނެ. މަ މުއިއްޒުއަށް ވޯޓުދިނީ ވަކި ބަޔަކަށް އެކަނި ޓެކްސް ފައިސާ ބަހާ ހުސްކުރާކަށްނޫން.
މޫސާ ނިޒާރު
15 April 2024
ރައީސް މުއިއްޒްމެން ތޯތޯއެއް ނުވާނެ. ނަތީޖާ ނެރޭނީ ކައުންސިލްތައްވެސް ބާރުވެރިކޮށްގެން.
ޒިމްނާ މުހައްމަދު
15 April 2024
އަޅުގަނޑު އުޅެނީ ހއ.ބާރަށު ކައުންސިލްގަ. މިއީ ވަރަށް ރަނގަޅު ނުހަނު ފައިދާވާނެ ކަމެއް.
މުހައްމަދު މުއުމިން
15 April 2024
މީގެ ސަބަބުން ކައުންސިލްތަކަށް ރަށަށް ބޭނުންވާ ކަންކްން ކުރެވޭނެ. މީގެ ސަބަބުން ނަފާ ސީދާ ރައްޔިތު މީހާއަށް ކުރާނެ.
ނިހާމް ހަސަން
15 April 2024
މި ވާނެ އިންގިލާބީ ބަދަލަކަށް. ސަރުކާރުން ނިންމި މުހިއްމު ނިންމުމެއް މިއީ
މަޒީން ޖަމީލް
15 April 2024
ތިޔަ އަންހެނުންތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ތަޢުލީމީ ޒުވާން ބޭފުޅޫން ލައިގެން ކަންކަން ޕްލޭންކޮށްގެން ކުރެވޭވަރުގެ މީހުން ލާންޖެހޭ. ގްރޭޑް 5 ގެ ފެންވަރު ނެތް މީހުންނަށް ވެސް ކޮމިޓީގެ ރައީސްކަން ލިބިފައެބަހުރި. އަދި ވަޒީފާތަކުގަ އުޅޭ މީހުންނަށްވެސް ދެވަޒީފާގެ ގޮތުގައި ދީފައެބަހުރި މީ ވަޒީފާ ނެތް ރަށްރަށުގައި ވަރަށް ދެރަކަމެއް. ބައެއް މީހުންގެ ކިޔަވައިގެން ތިބި ދަރީން ކުރާނެ މަސައްކަތެއްނެތި ރަށުތެރޭ އެނބުރެނީ.
އޮނަރަބްލް އަފީފު ދީދީ
14 April 2024
ތިކަން ތިގޮތަށްކޮށްގެން ޤައުމަށް ދައުލަތަށް އަދި ރައްޔިތުންނަށްވެސް ލިބޭނެ ފައިދާއެއްނެތް އިގޭތޯ. # އޭގޭބަދަލުގައި ރައީސް ވިދާޅުވަމުންގެންދަވާ "ވިހި އަހަރުގެ ޤައުމީތަރައްޤީގެ ޕްލޭންއެކުލަވާލާ، ރާއްޖެ 3 ރީޖަނެއްގެމައްޗަށް ހިންގުމަށްޓަކާ" ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ 3 ރީޖަނުގެމައްޗަށް ދައުލަތުގެ ވެލްތް ޑިސްޓްރިބިއުޓް ކުރަން ހަމަޖައްސަވާ.
އޮނަރަބްލް އަފީފު ދީދީ
15 April 2024
ޤާނޫނުއަސާސީ ބާރުއަޅާ ގަދައަމުރުން އަމުރުކޮށްފައިވާގޮތަށް "ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށްޓަކާ" ދައުލަތުގެ މުއްސަނދިކަމާއި ވަސީލަތް ހަމަހަމައަށް ޙިއްސާކުރުމަށާއި، މަތީގައި ދެންނެވި 3 ރީޖަނުގެ މައްޗަށް ހަމަހަމަ އުސޫލަކުން ގޮނޑިތައް ބެހިގެންވާ މަޖިލީހެއް އުފެއްދުމަށްޓަކާ "މަޖިލިސް އެކުލެވިގެންވާ ގޮތާއި، ލާމަރުކަޒީ ޤާނޫނުށާއި، ބަޖޭޓް އެކުލަވާލުމާއި ބެހޭ ޤާނޫނެއް ވުޖޫދުކުރުމަށްޓަކާ" ޤއ އަށާއި ޤާނޫނުތަކަށް ގެންނާންޖެހޭ ބަދަލުތައް ފުރަތަމަ ގެނޭ.
އޮނަރަބްލް އަފީފު ދީދީ
15 April 2024
ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް މަތީގައިދެންނެވިބަދަލުގެނެސް ރާއްޖެ އިދާރީ 3 ރީޖަނެއްގެމައްޗަށް ހިންގާގޮތަށް ހަމަޖެއްސުމަށްފަހު މަޖިލީހުގެ ގޮނޑީގެއަދަދަކީ 90 ކަމުގައިކަޑައަޅާ ކޮންމެރީޖަނަކަށް 30 ގޮނޑިބެހެއްޓިދާނެ. # އަދި މިހާރުގެ ކައުންސިލްތަކުގެބަދަލުގައި 3 ރީޖަނަށްވެސް އިންތިޙާބީ ޤަވަރުނަރުން ތިބޭގޮތަށްނިންމުމަށްފަހު ޤަވަރުނަރުގެދަށަށް ރީޖަންތަކުގެ މުނިސިޕަލް ކައުންސިލްތައްގެނެސް ދައުލަތުގެ ބަޖޭޓް 3 ސަރަޙައްދަށް ޙާއްސަކުރީމާ ނަތީޖާ ނެރެވޭނެ.