މިދިޔަ ފިތުރު އީދު ދުވަހު ފަލަސްތީނުގެ ޣައްޒާގައި މީހަކު އޭނާގެ އާއިލާގެ ބައެއްގެ މަހާނަ ކައިރީގައި ރޮނީ: ހަމަލާތަކަށް ހަ މަސް ވެގެން ދިޔައިރު ވެސް ހުއްޓުމަކަށް އަންނާނެ ކަމުގެ ނިޝާނެއް ނުފެނޭ. -- ފޮޓޯ: އޭއެފްޕީ
15 އެޕްރީލް 2024 - 05:22
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ހަމާސް އިން ރަހީނުކޮށްފައިވާ ފަލަސްތީނު މީހުން މިނިވަންކުރުމާ ބެހޭ ގޮތުން ބާއްވަމުން ގެންދާ މަޝްވަރާތަކުގައި ކުރިއެރުން ނުލިބޭ މައްސަލައިގައި ހަމާސް އާއި އިޒްރޭލުން އެއްބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށްފި އެވެ.
ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން ހަމާސް އަށް ހުށަހެޅި ހުށަހެޅުމަށް އެ ޖަމާއަތުން ހޮނިހިރު ދުވަހު ވަނީ ޖަވާބު ދީފަ އެވެ. އެ ޖަވާބު ދިނީ އިޒްރޭލަށް އީރާނުން ހަމަލާދޭން ތައްޔާރުވަމުން ދަނިކޮށެވެ. ހަމާސް އިން ޖަވާބު ދިންކަން އިއުލާނުކުރިތާ މާ ގިނައިރެއް ނުވެ އީރާނުން ވަނީ އިޒްރޭލަށް ޑްރޯން އާއި މިސައިލުން އެތައް ބައިވަރު ހަމަލާއެއް ފޮނުވާލައިފަ އެވެ.
ހަމާސް އިން ހުށަހެޅި ޖަވާބުގައި، މުޅި ހުށަހެޅުމަށް އެއްކޮށް ދެކޮޅު ނުހަދައި އެ ޖަމާއަތުން އަބަދުވެސް ބުނާ ވާހަކަތައް ވަނީ ތަކުރާރުކޮށްފަ އެވެ. އެއީ ދާއިމީކޮށް ހަމަލާތައް ހުއްޓާލުމާއި ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމުމެވެ. މިއީ އިޒްރޭލުން އަބަދުވެސް ދެކޮޅު ހަދާ ހުށަހެޅުމެކެވެ.
ހަމަލާތައް ދާއިމީކޮށް ހުއްޓާލަން އިޒްރޭލުން ދެކޮޅު ހަދާއިރު ޣައްޒާގައި އިޒްރޭލު ސިފައިން އެއްގަމު މަގުން ނާރައި އޮތް ހަމައެކަނި ސަރަހައްދު ކަމަށްވާ ރަފަހް އަށް އަރާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ގެންދަވަނީ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ. މިއީ ހަމާސް އިން މިހާރު ހިމާޔަތް ހޯދާ ސަރަހައްދެއް ކަމަށް އިޒްރޭލުން ބުނެ އެވެ.
ނަތަންޔާހޫ ވަނީ ޣައްޒާގެ ހަނގުރާމަވެރި ޖަމާއަތްތަކުން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމަށް މިހާރު އޮތް ހަމައެކަނި ހުރަހަކީ ހަމާސް ކަމަށް ބުނެފަ އެވެ. ހަމާސްގެ ހުށަހެޅުންތަކުގައި އޮއްޓަރެއް ނެތް ކަމަށާއި ކޮންމެ ހުށަހެޅުމަކަށް ހަމާސް ދެކޮޅު ހަދަނީ ކަމަށް ވެސް ބުންޏެވެ.
އިއްޔެ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ބުނީ ހަމާސް އިން ހަމަލާ ހުއްޓާލަން ދެކޮޅު ހަދައިފި ކަމަށާއި އެހެންވެ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރް، އިންސާނީ އެހީ ޣައްޒާއަށް ވައްދަން ބޭނުން ނުވަނީ ކަމަށެވެ. އެކަމަކު އަދިވެސް އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރާ ކަމަށް ބުންޏެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ainiru
16 April 2024
އެއްބަސްވާންޖެހެނީ އިޒުރޭލް ހައްގު އެކަނި ހިމާތްޔަތްވާގޮތަށް ފަލަސްތީނުގެ ރައްޔިތުންޖެހެނީ އަބަދު ގަތުލުވާން އެއްބަސްވުމެއް އޮތަސްނެތަސް ނިކަމެތިވަނީ ފަލަސްތީން މިނިވަންކަށްްނެތި ފަލަސްތީނުގެ ރައްޔިތުން ދިރިހުރުމަށްވުރެ ޝަހީދުންވުން ބޭނުންވަނީ. މިނިވަންކަމުގެ ހައްްގުން މަހްރޫމް ކުރުވާފަ ވެވޭނެ އެއްބަސްވުމެއް ނޯންނާނެ.
ސަމީ
15 April 2024
އެއްބަސް ވުން ހަދަންޖެހޭނީ އެބަޔަކާ ޣަދަރުވެރިވެފައިނުވާ ބަޔަކާ،
ގެދާނޯމޮސް
15 April 2024
ނަބީން ނާއި ރަސޫލުން އެބަޔަކަށް ލައުނަތް ލައްވާފަވާ ޔަހޫދީންނާއި އެކު މަޝްވަރާ ކުރަން ހެޔޮނުވާނެވެ.
ސުންބުލި
15 April 2024
ހެޔޮވާނެ. ރަސޫލު (ޞ.ޢ.ވ) ވެސް މަދީނާގާ އުޅުނު ޔަހޫދީންނާއެކު އެގުރިމެންޓު ހެއްދެވި.