ދުނިޔެ / ސިންގަޕޫރު

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ އަންނަ މަހު އިސްތިއުފާ ދެއްވަނީ

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހްސީން ލޫންގް (ވ) އާއި އަލަށް މަގާމާ ހަވާލުވެ ވަޑައިގަންނަވާ ލޯރެންސް ވޮންގް. -- ފޮޓޯ: އޭއެފްޕީ

15 އެޕްރީލް 2024 - 16:51

1 comments

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހްސީން ލޫންގް އަންނަ މަހު މަގާމުން އިސްތިއުފާ ދެއްވައި އޭނާގެ ނައިބު ލޯރެންސް ވޮންގްއާ މަގާމު ހަވާލުކުރަން ނިންމައިފި އެވެ.

މިއީ ލީ އާއިލާގެ ބޭރުން ބޮޑުވަޒީރު ކަމަށް ބޭފުޅަކު އައްޔަންކުރާ ދެ ވަނަ ފަހަރެވެ.

"އަޅުގަނޑުގެ އަމިއްލަ އިހްތިޔާރުގައި ބޮޑުވަޒީރުކަމުގެ މަގާމު އަންނަ މަހުގެ 15 ގައި ދޫކޮށްލައި ބޮޑުވަޒީރުގެ ނައިބު ލޯރެންސް ވޮންގް ހަމަ އެ ދުވަހުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެން މަގާމުގެ ހުވާކުރައްވާނެ،" ސޯޝަލް މީޑިއާގައި ލީ ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ސިންގަޕޫރުގެ ހުރިހާ ރައްޔިތުން ވެސް ލޯރެންސް އާއި އޭނާގެ ޓީމަށް އެއްބާރުލުންދީ ސިންގަޕޫރުގެ ކުރިމަގު އުޖާލާކުރުމަށް މަސައްކަތްކޮށްދިނުމަށް."

ވޮންގް އަކީ މިހާރު ފިނޭންސް މިނިސްޓަރެވެ. ލީގެ ބަދަލުގައި އޭނާ ބޮޑުވަޒީރު ކަމަށް އައްޔަންކުރަން، ސިންގަޕޫރަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުނީއްސުރެ ވެރިކަންކުރަމުން އަންނަ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އިން ނިންމީ 2022 ވަނަ އަހަރު އެވެ.

"އަޅުގަނޑު މި މަގާމާ ހަވާލުވާން މި އެއްބަސްވަނީ މިއީ ވަރަށް ބޮޑު ޒިންމާއެއްކަން ގަބޫލުކުރާ ހާލު،" ވޮންގް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.

އެމެރިކާއިން ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި އިކޮނޮމިސްޓެއް ކަމަށްވާ، އުމުރުން 51 އަހަރުގެ ވޮންގް ވަނީ ކޮވިޑް-19 ގެ ޓާސްކްފޯސްގައި އިސްކޮށް ހުންނަވައި އެ ދުވަސްވަރު ގައުމުގެ ކަންކަން ހިންގަވައިފަ އެވެ. ސިންގަޕޫރަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ކުރިމަތިވި އިގްތިސާދީ ހީނަރުކަމަށް ފަހު އޭޝިއާ ސަރަހައްދުން އެންމެ އަވަހަށް އިގްތިސާދު ހިނގައިގަނެ ވިޔަފާރި އާއި ޓޫރިޒަމް ކުރީގެ ހާލަތަށް ބަދަލުކޮށްލި އެއް ގައުމެވެ.

އަންނަ މަހު 15 ގައި ސިންގަޕޫރުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަންނަވާ ލޯރެންސް ވޮންގް. -- ފޮޓޯ: އޭއެފްޕީ

މިހާރު ބޮޑުވަޒީރަކީ ސިންގަޕޫރުގެ ފުރަތަމަ ބޮޑުވަޒީރު ލީ ކުއާން ޔޫގެ ދަރިކަލެކެވެ. މިހާރުގެ ބޮޑުވަޒީރު ލީ އަށް ވެރިކަން ލިބިވަޑައިގަތީ 1990 ވަނަ އަހަރު އޭނާގެ ބައްޕާފުޅު އިސްތިއުފާ ދެއްވައި އޭނާގެ ނައިބަށް ވެރިކަން ހަވާލުކުރިތާ 14 އަހަރު ފަހުން 2004 ގަ އެވެ.

އާންމު އިންތިހާބު އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ބާއްވަން ޖެހެ އެވެ. އެކަމަކު މި އިންތިހާބު މި އަހަރު ބާއްވަފާނެ ކަމަށް މިހާރު ވަނީ އަޑު ފެތުރިފަ އެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ބޭއްވި އިންތިހާބަކީ ސިންގަޕޫރަށް މިނިވަން ލިބުނު ފަހުން އިދިކޮޅު ފަރާތްތަކުން އެންމެ ވަރުގަދަވި ފަހަރެވެ. އެކަމަކު މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 83 ގޮނޑި ޕީއޭޕީން ހޯދުމުން އިދިކޮޅުގެ ބާރު ދެއްކޭ ގޮތެއް ނުވި އެވެ.

މަޖިލީހުގެ ދެ މެމްބަރަކު އިސްތިއުފާ ދެއްވުމާއި މިނިސްޓަރެއްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލުމުން، ޕީއޭޕީއާ މެދު އޮތް ރީތި މަންޒަރުގައި މި ފަހުން ވަނީ ލައް ޖެހިފަ އެވެ

ސިންގަޕޫރުގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ވޯކާސް ޕާޓީގެ ވެސްވަނީ ދެ މެމްބަރަކު ވަނީ މައްސަލަތަކެއްގައު ތާށިވެ އިސްތިއުފާ ދެއްވައިފަ އެވެ. އަދި މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު ހެކިބަސް ދިން ކަމަށް ބުނެ އެ ޕާޓީގެ ލީޑަރުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. -- އޭއެފްޕީ

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

17 April 2024

"މިއީ ލީ އާއިލާގެ ބޭރުން ބޮޑުވަޒީރު ކަމަށް ބޭފުޅަކު އައްޔަންކުރާ ދެ ވަނަ ފަހަރެވެ". ފުރަތަމަ ލީ އައްޔަނު ކުރެވުނުއިރު ސިންގަޕޫރަކީ އިގިރޭސި ކޮލޮނީއެއް. އޭގެ ކުރިން ތިބި ބަޮޑުވަޒީރުންނަކީ. ލިމް ޔޫ ހޮކް އާއި ޑޭވިޑް މާރުޝަލް. ވީމާ، ގޯ ޗޮކް ޓޮން އާއި ލައިގެން، ލޯރެންސު ޥޮންގަކީ ލީ އާއިލާގެ ބޭރުން ހޮވޭ 4 ވަނަ ބޮޑުވަޒީރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454