ވޯލްޑް އޮފް ޓުމޯރޯއިން އިންތިޒާމު ކުރި ސަމިޓެއްގެ ބައިވެރިން. އަންނަ ހަފްތާގައި ބާއްވާ މި ސަމިޓު ކުރިއަށްދާނީ ދެ ދުވަހަށް -- ފޮޓޯ: ވޯލްޑް އޮފް ޓުމޯރޯ
17 އެޕްރީލް 2024 - 09:51
ރާއްޖޭގައި ލީޑަޝިޕް އިންވެންޓްތައް ބާއްވަމުން އަންނަ ވޯލްޑް އޮފް ޓުމޯރޯއިން "ލީޑާޝިޕް ސަމިޓް އޭޝިއާ 2024" އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމާ އެ ސަމިޓުގައި ރަޖިސްޓާ ވުމަށް ހުޅުވާލައިފި އެވެ.
ވިލާ ނޯޓިކާގައި ބާއްވާ މި ސަމިޓު ކުރިއަށް ދަނީ ދެ ދުވަހުގެ މުއްދަތަކަށެވެ.
މި ސަމިޓަކީ އެކި ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުންނާއި ޕްރޮފެޝަނަލުންނާއި އެކި ކުންފުނިތަކުގެ ސީއީއޯއިންނާއި ޖެނެރަލް މެނޭޖަރު ފެންވަރުގެ ފަރާތްތަކާއި އެކު ހިޔާލު ބަދަލުކޮށް, އެކި ދާއިރާތަކާއި ގުޅުން ހުރި މުހިންމު މަޝްވަރާތަކެއް ކުރުމަށް ލިބޭ ފުރުސަތެއްގެ ކަމަށް ވޯލްޑް އޮފް ޓުމޯރޯއިން ބުންޏެވެ.
ވޯލްޑް އޮފް ޓުމޯރޯގެ ފޯރަމެއްގެ ތެރެއިން. އަލަށް ބާއްވާ ސަމިޓުގައި ލީޑަޝިޕް ދާއިރާގެ 30 ބޭފުޅުން ވާހަކަދައްކަވާނެ -- ފޮޓޯ: ވޯލްޑް އޮފް ޓުމޯރޯ
މި އަހަރުގެ ސަމިޓުގައި 30 ސްޕީކަރުން ހިމެނޭއިރު ޖުމްލަ 20 ސްޕީކިން ސެޝަނެއް ވަނީ ތާވަލުކޮށްފަ އެވެ. މި ސެޝަންތަކުގައި ކުންފުނިތަކަށް ރަނގަޅު މުސްތަގުބަލެއް ކަށަވަރުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ކުންފުނިތަކުގައި ހަމަހަމަކަމާއި ޑައިވާސިޓީ ގާއިމުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި މުވައްޒަފުންގެ ހުނަރު ތަރައްގީ ކުރުމުގެ މުހިންމުކަމާއި ހުނަރުތައް ދެނެގަތުމާ ގުޅޭ ދާއިރާތަކުން މައުލޫމާތު ދޭނެ އެވެ. އަދި އޭއައި އާއި އެކު އެކި ދާއިރާތަކަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކާއި ޓެކްނޮލަޖީއާ އެއް ހަމައެއްގައި ކުންފުނިތަކުން މަސައްކަތްކުރުމާ ގުޅޭ ދާއިރާތަކުން ވެސް މި ސަމިޓުގައި މައުލޫމާތުދޭނެ އެވެ.
އިންޓަނޭޝަނަލް ގިނަ ސްޕީކަރުން ހިމެނޭ މި ސަމިޓުގައި ހިއުމަން ރިސޯސް ދާއިރާގައި މަޝްހޫރު ޑޭވް އުލްރިކް ވާޗުއަލްކޮށް ސަމިޓުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސަމިޓުގައި އެކި ދާއިރާތަކުގެ ބައިނަލްއަގުވާމީ ލީޑަރުންގެ ގޮތުގައި ފާހަގަކޮށްލެވޭ ޑޭވިޑް ކޯރީ, ރޮބާޓް ގާސިއާ, ޓެރެންސް މައުރީ, ކެވިން އޯކްސް, ކްރިސްޓީނާ ވަނޭވާ, އަހުމަދު އަލް އައްސަދް އަދި ޑރ. ސްވީތާ އަދަތިއާ ފަދަ ބޭފުޅުން ބައިވެރިވާނެ އެވެ.
މި ސަމިޓުގައި ސްޕީކަރުންގެ ގޮތުގައި ރާއްޖެއިން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ޑރ. މުހައްމަދު ކިނާނަތް, ޑރ. މަހަމޫދް ޝައުގީ, ޑރ. އަހުމަދު އިނާޒް, ޑރ. އާރިފް މުހައްމަދު, މުއާވިޔަތު އުމަރު, މުހައްމަދު މިސްތޯހު, ޝާހިނާ އަލީ ފަދަ ބޭފުޅުން ހިމެނެ އެވެ.
މި އަހަރުގެ ލީޑާޝިޕް ސަމިޓް އޭޝިއާ އަކީ ވޯލްޑް އޮފް ޓުމޯރޯއިން ބާއްވާ މި ފަދަ ދެ ވަނަ ސަމިޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy