ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގައި އިމާރާތްތަކެއް ބިމާ ހަމަކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
18 އެޕްރީލް 2024 - 06:22
ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތައް ވެފައިވާ ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް މިއަހަރު 2.8 ބިލިއަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށް އދ. އިން ބުނެފި އެވެ.
ފަލަސްތީނަށް ކަނޑައަޅާފައިވާ، އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒްގެ ވެރިޔާ އެންޑްރިއާ ޑި ޑޮމެނިކޯ ވިދާޅުވި ގޮތުގައި މި "ފްލެޝް އެޕީލް" އަކީ މި އަހަރަށް އިންސާނީ އެހީގެ ގޮތުގައި ބޭނުންކުރަންޖެހޭނެ ފައިސާ އެވެ.
"ހުޅަނގު އައްސޭރި އާއި ޣައްޒާގެ ހުރިހާ ހިސާބެއްގެ އާބާދީތައް ހިމެނޭ ގޮތަށް، ތިން މިލިއަން މީހުންނަށް އެހީތެރިވުމަށް 2.8 ބިލިއަން ޑޮލަރަށް އިލްތިމާސް ކުރާނަން،" އަންގާރަ ދުވަހު ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވޮ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެވެ.
"އޭގެ 90 ޕަސެންޓަކީ ޣައްޒާއަށް ބޭނުންވާނެ ފައިސާކަން އެއީ ސާފުކޮށް އެނގޭ ކަމެއް،" ޑި ޑޮމެނިކޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޅި ޖުމްލަ ބޭނުންވާ އަދަދު ހަތަރު ބިލިއަން ޑޮލަރަށް އަރާ ކަމަށާއި އެކަމަކު މިހާރު މި އިއުލާނުކުރި އަދަދަކީ ކޮންމެހެން ބޭނުންވާ އަދި މިހާރު އެހީ ފޯރުކޮށްދެވޭ މިންވަރަށް ބަލައި ކަނޑައެޅި އަދަދެއް ކަމަށެވެ.
އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާއަށް ހަމަލާދޭން ފެށިތާ ކުރީކޮޅު ވެސް އދ. އިން ވަނީ 294 މިލިއަން ޑޮލަރުގެ އެހީ ހޯދަން އިއުލާނުކޮށްފަ އެވެ.
މިދިޔަ ހަ މަސް ދުވަހު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި މުޅި ޣައްޒާ ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
20 April 2024
ތިފައިސާ އިޒްރޭލާ އެމެރިކާ އިން ދައްކަންޖެހޭނީ