އިޒްރޭލު އަސްކަރިއްޔާގެ ޖާސޫސީ ވެރިޔާ ޖެނެރަލް އަހަރޮން ހަލީވާ
23 އެޕްރީލް 2024 - 05:36
މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާ ދުރާލައި ނޭނގުމާއި އެ ހަމަލާ ހުއްޓުވުމުގައި ނާކާމިޔާބުވެފައި ވާތީ އެކަމުގެ ޒިންމާ ނަގައި، އިޒްރޭލު އަސްކަރިއްޔާގެ ޖާސޫސީ ވެރިޔާ ޖެނެރަލް އަހަރޮން ހަލީވާ އިއްޔެ އިސްތިއުފާ ދީފި އެވެ.
ހަލީވާ އަކީ އިޒްރޭލުން މިހާރު ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ފެށުމުގެ އަސްލަކަށްވި ހަމާސްގެ ހަމަލާ ނުހުއްޓުވުނު މައްސަލައިގައި އިސްތިއުފާ ދިން އިޒްރޭލުގެ އެންމެ އިސް އޮފިޝަލެވެ.
"އަޅުގަނޑުގެ ދަށުން އިންޓެލިޖެންސް ޑިވިޝަން ހިންގިފައިވަނީ ހަވާލުކުރި ޒިންމާތައް ފުރިހަމަ ނުވާ ހާލުގައި،" ހަލީވާގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވެ އެވެ. "އެ އަނދިރި ދުވަސް އަހަރެންގެ މުޅި ހަޔާތާ ގުޅިފައި އޮންނާނެ."
ހަލީވާ އިސްތިއުފާ ދީފައި ވާއިރު ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިންގެ ދީނީ ހަރުކަށި ފިކުރާ ގުޅިފައިވާ "ނެޓްޒާހް ޔަހޫދާ" ފައުޖުން ފަލަސްތީނުގެ އާންމުންނާ މެދު އިންސާނީ ހައްގުތަކާ ހިލާފް އަމަލުތައް ހިންގާ މައްސަލައިގައި އެ ފައުޖުގެ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ މެދު ވިސްނަމުން އަންނަ ކަމަށް އިޒްރޭލުގެ އެކުވެރި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވެ އެވެ. އެކަމާ އިޒްރޭލު ވަނީ ރުޅި ގަދަވެފަ އެވެ.
"އަހަރެމެންގެ ސިފައިން އެންމެ ބޮޑެތި ޓެރަރިސްޓުންނާ ކުރިމަތިލަމުންދާ ވަގުތެއްގައި އެ ސިފައިންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ މެދު ވިސްނުން ވެސް އެއީ ތާކުންތާކު ނުޖެހުމުގެ އެންމެ މަތީ ދަރަޖަ. އަދި އެންމެ ދަށު ދަރަޖައިގެ އަމަލެއް،" އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކްސްގައި ލިޔެފައިވެ އެވެ.
ހަމާސް ނައްތާލުމުގެ ނަމުގައި ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 34،000 މީހަކު ޝަހީދުވެފައި ވާއިރު އިޒްރޭލުން މި ހަފްތާގައި ވަނީ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމުގުރާތުސް
23 April 2024
ފޭކު. ކަލޭމެންނަށް އެގޭ. ހަމަ އަޅާނުލައިތިބީ މި ހަނގުރާމަ ޖަސްޓިފައިކުރަން. ކަލޭމެން ތިޔަހެންބުނީމާ ގުނބޯހެދޭނީ ބައިޑަން. ތިޔާއީ ޓެރަރިސްޓް ސްޓޭޓެއް. ބިންފޭރޭ ޖަމާއަތެއް. ތަމެންގެ ދޮގުވެރިކަން، ޕިނޯކިއޯގެ ނޭފަތަށްވުރެ ބޮޑު.