ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް، ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.--
26 އެޕްރީލް 2024 - 00:11
ބޭރުގެ އެކި ބަސްތަކުގެ ނުފޫޒުން ދިވެހި ބަސް ހަލާކުނުކޮށްލުމަށް ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ ގައުމެއް ކުރިއަށް ގެންދިއުމުގައި ގައުމުގެ މާދަރީ ބަހަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެއް ކަމަށާއި ދިވެހި ބަހަށް ބަލާއިރު އެ ބަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ގުޅުން ގުޅުވައިދޭ ހަތިޔާރެއް ކަމަށެވެ.
"ހާއްސަ ގޮތެއްގައި މި ގައުމުގެ ގައުމިއްޔަތު ދިރުވަން ބޭނުންވާ ކަމަށް ވަންޏާ، އާލާކުރަން ބޭނުންވާ ނަމަ ދިވެހި ބަސް ރައްކާތެރިކުރަންޖެހޭ، ހިމާޔަތްކުރަންޖެހޭ. އަދި ހަމައެހެންމެ، ތަރައްގީކުރަންޖެހޭ،" ދިވެހި ބަހުގެ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިވަގުތުގެ ހާލަތު ހުރި ގޮތާއި ކަންކަން ވަމުންދާ ގޮތުން ކަންބޮޑުވާން ޖެހޭ ފަދަ ކަންކަން އެބަހުރި ކަމަށެވެ. ސަބަބަކީ ދިވެހިންގެ ތެރޭގައި ދިވެހި ބަހަށް ކޮށި އަދި ބަހުގެ ހަމަތައް ރަނގަޅަށް ނޭނގޭ މީހުން ތިބުމާއި މާރުކޭޓްތަކާއި އަދިވެސް އެކި ތަންތަނުގައި ހަރުކޮށްފައި ހުންނަ ލިޔުންތަކުގައި ވެސް ގިނަ މައްސަލަތަކެއް ހުންނާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ލަދު ގަންނަ ވަރުގެ ކަމެކެވެ.
"ދިވެހި ބަހުގެ ފަރިކަމާއި ފޮނިކަމާއި ފަރިތަކަން އަޅުގަނޑުމެންގެ ތެެރެއިން ނެތިގެންދާ ކަމުގެ ބިރު އެބަ އޮތް. އެކަން އެހެން އޮތް ނަމަވެސް އަޅުގަނޑުމެން އަޒުމު ކަނޑައަޅަން ޖެހެނީ ދިވެހި ބަސް އަޅުގަނޑުމެންގެ އަތުން ބީވެގެން ނުދާނެ ގޮތަށް މި ނަސްލު ދެމެހެއްޓުމަށް މަސައްކަތްކުރަންޖެހޭ،"
ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އޭޕްރީލް މަހެއްގެ 14 ވަނަ ދުވަހު އެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ މިއަހަރު އެ ދުވަސް ފާހަގަކުރުން ލަސްވި އެވެ.
އެ ރަސްމިއްޔާތުގައި ވަނީ ދިވެހި ބަހުގެ ލަފްޒުތައް ވަކިކުރާނެ ގޮތުގެ އުސޫލުތައް ހިމެނޭ ފޮތަކާއި ތިކިޖެހި ތާނަ ބޭނުން ކުރާނެ ގޮތް ހިމެނޭ ފޮތެއް ވެސް ނެރެފަ އެވެ.
އެ ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ މިރޭ ނެރުނު ފޮތްތައް ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލުތަކާއި ނޫސްތަކަށް ފޮނުވާނެ ކަމަށެވެ.
އަޝްރަފު ވިދާޅުވި ގޮތުގައި ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކުން އިނގިރޭސި ބަހުން ފޮނުވައި އީމެއިލްތަކަށް މިހާރު ޖަވާބެއް އެ އެކަޑަމީން ނުދެ އެވެ. އޭގެ ބަދަލުގައި ދިވެހިން އީމެއިލް ކުރުމަށް އަންގަ އެވެ.
"މިހާރު އަޅުގަނޑު ދިވެހި ބަހުގެ އެކަޑަމީގެ ހުރިހާ މުވައްޒަފުންނަށް ދަންނަވާފައި އޮންނާނެ ދިވެހި ރާއްޖޭގެ ދިވެހި މުއައްސަސާއަކުން އިނގިރޭސި ބަހުން ފޮނުވާ އީމެއިލްތަކަށް ޖަވާބުދީގެން ނުވާނެއޭ. އޭގައި ހުރި ކަންތައްތައް ކޮށްދީގެން ވެސް ނުވާނޭ. އޭގެ ބަދަލުގައި މި އަންގަނީ ދިވެހިރާއްޖޭގެ ދިވެހި ބަހުގެ އެކަޑަމީއަށް މުއާމަލާތް ކުރަން ވާނީ ދިވެހި ބަހުންނޭ،" އޭނާ ވިދާޅުވި އެވެ.
އެހެންވެ، އަޝްރަފު ވަނީ ސަރުކާރުގެ އެހެން މުއައްސަސާތަކަށް އެހެން އިދާރާތަކުން އިނގިރޭސި ބަހުން ފޮނުވާ މެއިލްތައް ބަލައިނުގަތުމަށް ވެސް ގޮވާލައްވައިފަ އެވެ. އެއީ ދިވެހި ބަހަށް ގެނެވޭނެ ހެޔޮ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިލަ
27 April 2024
ދިވެހި ބަހަކީ އެންމެ ހަތަރު ލައްކަ މީހުން ގެ ބަހުރުވަ އެއް. ދިވެހީން ދިވެހި ބަސްދޫކޮށްލާފަ އެބަޖެހޭ ތަންކޮޅެއް މުއްސަނދި ބަހަކަށް އަހުލުވެރިވާން. މަގޭކުދިންނަށް މަ އޮންނަނީ ދިވެހިބަސް ކިޔެވުން މަނާކޮށްފަ.
ބަރުބާދު
28 April 2024
އެންމެ ހަތަރުލައްކަ މީހުން އުޅޭގައުމެއްގަ ތިޔައޮންނަވަނީ ބަންގާޅީއަކާ ހިތްޕުޅާހަމަކުރައްވައިގެން އެބަސްދަސްވަންދެންތަ؟.
މަރިޔަމް މަރިޔާ
28 April 2024
ދިވެހިބަސް އެއީ އަހަރެމެންގެ މާމަމެންނާ ކާފަމެން ވާހަކަ ދެއްކި ބަސް. އެމީހުންގެ އުފާތަކާ ހިތާމަތަކާ ގުޅިފައިވާ ބަސް. އެމީހުން ކުރި އެކި މަސައްކަތްތަކާ މަސައްކަތް ކުރަން ގެންގުޅުނު ތަކެއްޗަށް ކިޔާ ދިވެހި ނަންތައް ހުންނާނެ. ދިވެހިބަސް ދަސްކުރަނީ އެހެންވެ. ތިމާ މިއީ ކާކު، އަދި ކޮންތާކުން އައިސް ހުރި މީހެއްކަން ދަސްކުރަން ވެގެން.
އަބްޑޫޅް +
27 April 2024
"ބީވެގެން ނުދާނެ ގޮތަށް މި ނަސްލު ދެމެހެއްޓުމަށް". ބަލަ، ދިވެހިބަސް ތިޔަ ހަލާކު ކުޅައީ ކަލެޔޭ. ރަގަޅު ގޮތަކީ، "ބީވެގެން ނުދާނެ ގޮތަށް މި ދަރިކޮޅު ދެމެހެއްޓުމަށް". ސަރީފޫ، އެެހެންމީހުންނަށް ކިޔަވައިދިނުމުގެ ކުރިން ދިވެހިބަސް ދަސްކުރަންވީ، ކަލެޔޭ.
އަބްޑޫޅް +
27 April 2024
"މާތްރަސްކަލާނގެ" މިހެން ކިޔުމުގެ ބަދަލުގަ އަރަބި ބަހެއް ކިޔުން، އެއީވެސް ބޭރުގެ ނުފޫޒުން ދިވެހި ބަސް ހަލާކު ކުރުން.
އަބްޑޫޅް +
27 April 2024
"ހަލާކުނުކޮށްލުމަށް"؟ ކަލޭމެން ދިވެހިބަސް ތިޔަ ހަލާކުކޮށްލަނީ، ކަލޭމެންގެ ބީރަށްޓެހި ބަހުގެ ނުފޫޒުގަ. "ހަލާކުނުކޮށްލުމަށް" އެއީ ބީރަށްޓެހި ބަސް. "ހަލާކުކޮށްނުލުމަށް"، އެއީ ޝަރަފުވެރި ދިވެހިބަސް.
ިއުއޖަކކ
27 April 2024
މީޑިޔާގައި ދައުރުވާ ގިނަ ދިވެހި ލިޔުން ތަކުގަ ސުކުން ވެސް ހުންނަނީ ރޯ ނުބައިކޮށް.. އ ސުކުނާއި ށ ސުކުން ނޭނގޭ މީހުން ހަދާފަ ހުންނަ ޕޭޖުތަކަށް އަދި ޕޯސްޓުތަކަށް ގިނަ ލައިކު ލިބޭ
ދިވެހިންްް
26 April 2024
ދިވެހި ބަސް ހަލާކު ކޮށްލަނީ މި ދެކުނު އަތޮޅުތަކުގެ މީހުން. މާލެ އަައިސަ ވެސް ރީތި ބަހުން ވާހަކަ ނުދައްކާ
ލައިލަ
27 April 2024
އައްޗީޑި! ދިވެހި ބަހަކީ ހަމައެކަނި މާލޭމީހުން ވާހަކަދައްކާ ބަހުރުވަ އެއްނޫން. ރާއްޖޭގެ އެކި ސަރަހައްދުގެ ބަހުރުވައަކީ ދިވެހިބަސް. ދަސް ކޮށްބަލ.
ސުއްލަމް މިޔާ
26 April 2024
ފަހުގެ ވައްޓަފާޅި އަށް އާ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކުމުގައި އެންމެ ކުރީގައި އުޅެނީ ބޮންދުން
މަނަދޫ ސޮރު
26 April 2024
މިހާރު ގިނަމީހުން ދަރިންނާއި ވާހަކަ ދައްކަން ބޭނުންވަނީ އިގިރޭސިން އެހެންކަމުން ސްކޫލް ގަ ވާހަކަދައްކަނީ ބްރޯކިން އިންގްލިސްއިން. ދިވެހިން ވާހަކަ ދައްކާ ކުދިން ވަނީ ބާކީ
ޖޯކް
26 April 2024
މާއަސްލު މިހާރު ފެންނަން ހުރި ކަމެއް. ކުޑަ ހުރިހާކުދިން ވާހަކަދައްކަނީ އިނގިރޭސިން. އެއީ މައްސަލައެއްނޫން އެކަމު އަމިއްލަބަސް ނޭގުން އެއީ މައްސަލައެއް. ބޮޑުވާޖީލައް ދިވެހިބަސްނޭނގޭ ވާހަކަ އެއީ މިހާރު މީހުންދައްކާވާހަކައެއް. މީސަރުކާރު ކުރާކަމަކަށް ވުރެ ޕޭރަންޓުންނަށް ނުވިސްނި ކުރާ ކަމެއް. މީހާގެ އައިޑެންޓިޓީ ގެއްލޭނީކީ އެންމެކަމަކުންނެއްނޫން، އެކަންވާ ބައިވަރުގޮތްގޮތް ހުރޭ.
ސިކުނޑި
26 April 2024
ސިޔާސީ މަގާމެއްގެ ދަހިވެތި ކަމުގައި މުޖުތަމަޢުއެއް ފުނޑުފުނޑުކޮށްލާއިރު އެމުޖުތަމަޢުގައި ވާހަކަ ދައްކާ ބަހާއި ބަހުރުވައާއި އަޚުލާގު ގެއްލި ދިއުމަކީ ނުވެ ނުދާނެކަމެއް! އަމިއްލަ ނަފުސަށް އިޚުލާސްތެރި ނުވާމީހަކު ގައުމަށް އިޚުލާސްތެރިވާނެ ކަމަށް ބެލުމަކީ މޮޔަ ކަމެއް!