ހައްޖުވެރިންތަކެއް، ސައުދީއަށް ފުރުމުގެ ކުރިން އެއާޕޯޓުގައި ނަމާދުކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
08 މެއި 2024 - 18:00
ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް ދީފައިވާ ކޯޓާ އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޓާ އިތުރުކޮށްދެއްވުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ ސަރުކާރަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން މިނިސްޓްރީން ވެސް ހައްޖު މިނިސްޓްރީގެ އިސްވެރިންނާ މަޝްވަރާކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ދިވެހިން ހައްޖަށް ގެންދަން ސައޫދީ ސަރުކާރުން އަހަރަކު ދޫކުރަނީ 1،000 ކޯޓާ އެވެ. މި ސަރުކާރުން އެދިފައިވަނީ އިތުރު 1،000 ކޯޓާ އެކު، ޖުމްލަ 2،000 ޖާގަ ހަމަޖައްސައިދިނުމަށެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ރާއްޖެއިން އެދުމުން ކޯޓާ އިތުރުކޮށްދިނަސް، މިހާރު އެކަން ކުރަނީ ވަރަށް ރޭވުންތެރިކަމާ އެކު ކަމަށެވެ. އެގޮތުން، ކޯޓާ ދިނުމުގައި މިނާ، އަރަފާތު އަދި މައްކާގެ ހޮޓެލްތަކުން ޖާގަ ހުރި މިންވަރަށް ސައުދީ ސަރުކާރުން ބަލާ ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ހައްޖު މިނިސްޓަރާ ބައްދަލުކުރެއްވިއިރު، ގިނަ ކޯޓާ ލިބޭ ގައުމުތަކުން ބާކީވާ ޖާގަތައް ބަހާލާއިރު ރާއްޖެއަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިސާލަކަށް ދީފައި އޮވެދާނެ ގައުމަކަށް 500،000 އެއްހާ މީހުން. އެ ގައުމެއްގެ އާބާދީއާ އަޅާބަލާފައި މި އޮންނަނީ ދީފައި. ނޫނީ 300،000 މީހުން ނޫނީ އެއް ލައްކަ މީހުންގެ ކޯޓާ ދީފައި އޮންނަ ގައުމަކުން ސީދާ ބޭނުންކުރަނީ އެ އަދަދެއް ނޫން. އިގުތިސޯދީ އެކިި ސަބަބުތަކާ ހުރެ މީހުންނަށް ހައްޖަށް ނުދެވި ޖާގަ ހުސްވަނީ. މިސާލަކަށް 50،000 މީހުން ބޭނުންކުރި ކޯޓާއެއް. އެއް ލައްކައިގައި [ކޯޓާ] އޮތް ގައުމެއްގައި. ބާކީ އަދަދެއް ބޭނުމެއް ނުކުރޭ. އެހެންވީމަ، ބާކީ އެ އޮންނަ އަދަދު އެ މީހުން ރިކުއެސްޓް ކޮށްފައި އޮންނަ އަދަދުތަކަށް މި ބަހާލަނީ." މިނިސްޓަރު ވިދާޅުވި އެވެ.
ހައްޖު މިނިސްޓްރީއާ ހަވާލަދެއްވައި ޝަހީމް ވިދާޅުވީ ބާކީވާ ހައްޖު ކޯޓާގެ އަދަދު ޔަގީންވާނީ ހައްޖު ކައިރިވުމުން ކަމަށެވެ.
"..އެ ހާލަތު އަންނައިރު އިރާދަކުރެއްވިއްޔާ ޕްރިއޮރިޓީ ތިމަންނަމެން ދޭނަމޭ ދިވެހިރާއްޖެއަށް ވެސް... އަޅުގަނޑު އުއްމީދުކުރަނީ ކޮންމެ ވެސް ވަރެއްގެ އިތުރުވުމެއް އަންނާނެއޭ. އެ އިތުރުވުން އަންނާނީ ވަރަށް ގާތްކޮށްފައޭ. ކޮންމެ ވެސް ވަރެއްގެ އިތުރުވުމެއް އައުމުގެ ޕޮސިބިލިޓީ އެބައޮތް، އުއްމީދުކުރަނީ އެގޮތަށް." ޝަހީމް ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައިސް ވަނީ ހައްޖު ކޯޓާ އެއްކޮށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ބަދަލުކޮށްފަ އެވެ. އެއީ އަމިއްލަ ޖަމާއަތްތަކުގެ ހަރަދުގައި މީހުން ހައްޖަށް ގެންދިއުމަށްޓަކައި ބޮޑު އަގު ނަގާތީ އެކަން ހުއްޓުވުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
08 May 2024
ހައްޖަށް ދާން ބޭނުން ވާ މީޙުންގެ ކިއު ވ ބޮޑެވެ. ސިޔާސީ ބޮޑު މީހަކަށް ވިއަސް ވިޔަފާރި ވެރި އަކަށް ވިއަސް ރިޕީޓް 0 ތަކުރާރު ) ކޮށް ހައްޖަށް ނުދެވޭ ގޮތް ހަދަން ވީ އެވެ. ހައްޖު ވާޖިބް ވަނީ އުމުރުން 1 ފަހަރު އެވެ.
ޢިތުރު ކޯޓާ
08 May 2024
ޢެއްފަހަރުވެސް ނުދެވިިބި އުމުރުން ދުވަސް ވެފައިވާ މީހުން އިސްކަން ދެއްވައިގެން ތިޔަ ކޯޓާ ތަރުތީބު ކޮށްލަ ދެއްވާ..އެހީތެރިޔަކު ގެންދަވާބޭފުޅުންނައްވެސް ނުދެވި ހުރި މީހަކައް ފުރުސަތު ލިބޭގޮތައް ހައްދަވައި.ދެއްވާ