ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
19 މެއި 2024 - 15:58
މި ދުވަސްވަރު ރާއްޖެއަށް ވިއްސާރަކުރާތީ، ކޮންސްޓްރަކްޝަން ސައިޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް، ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
އެ މިނިސްޓްރީން ވަކިވަކިން ނެރުނު ދެ އިއުލާނުގައި ވަނީ، މޫސުން ގޯސްވެ، ވައިގަދަވެފައިވާ މި ދަނޑިވަޅު އިމާރާތްކުރުމުގެ މަސައްކަތް ކުރާއިރު ސައިޓުތަކުގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވިއްސައިގެން ގޮސް، ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އަޅަންޖެހޭ ކަމަަށެވެ.
އެކަމަށް ރައްކާތެރިވުމަށް ހުރިހާ އެންމެން ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ.
"މި ވަގުތު އިމާރާތްކުރުމުގެ މަސައްކަތް މަޑުޖެހިފައިވާ ސައިޓުތަކުގައިވާ ތަކެތި ވައިގަދަވުމުގެ ސަބަބުން ވިއްސައިގެން ގޮސްދާނެ ފަދަ ހާލަތެއްގައި ހުރިނަމަ، އެ ތަކެތި ރައްކާތެރިގޮތުގައި ބަލަހައްޓާ، އަޅަންޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވެސް ދަންނަވަމެވެ،" އެއް އިއުލާނުގައިވެ އެވެ.
ދެ ވަނަ އިއުލާނުގައި ބުނީ، ހުޅަނގު މޫސުމަކީ އަބަދުވެސް މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަ ދުވަސްވަރަށް ވުމާއި އިމާރާތްކުރާ ސައިޓުތަކަކީ މަދިރި އާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަނަށް ވުމުން އެ ތަންތަން ސާފުކޮށް ބަހައްޓަން ޖެހޭ ކަމަށެވެ.
އެއީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި ވަރަށް މުހިއްމު ކަމަކަށް ވާތީ، ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މަސައްކަތްކުރާ ސައިޓުތައް ސާފުކޮށް ބެހެއްޓުމަށް އެދިފަ އެވެ.
"އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާވާނެހެން ހުންނަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކުރަމެވެ." އިއުލާނުގައިވެ އެވެ.
އިމާރާތްކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރަން ސަރުކާރުން އެދުނުއިރު، މިދިޔަ ހުކުރު ދުވަހުގެ ހަވީރު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ވަނީ އެޕޯލޯ ޓަވަރުތަކުގެ ވަށައިގެން ޖަހާފައިވާ ދަގަނޑު ފެންސުތައް ވިއްސައިގެން ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
19 May 2024
އިމާރާތްކޮށްނިމި މީހުން އުޅޭތަންތުން ސަލާމަތްތެރިކަން ހިގާމިންނަށް ލިބޭނީ ކޮންއިރަކުންބާ؟ މިބުނީ މިހާރު ބައެއް ގޯޅިތަކުންދާއިރު ގައިގަ ފެންނުޖެހޭ ފަހަރެއްނުދޭ، ބަލާލާއިރު ކޮންމެވެސް މަތީފުލޯއެއްގެ އޭސީއަކުން..! ފެން ޑްރެއިންކުރަން ޕައިޕެއް ގުޅާފައިނެތް، ނޫނީ ބޮލަށް ކޮންމެވެސް ދިޔާ ތިއްކެއްޖަފާނެ، އަތްލާކަށް ނުކެރޭ، އޮލަގޮތަކަށް އައިސް ބޮލުގައި ޖެހެނީ، މީހަކު ބެލްކަނިން ޖެހި ކުޅަކަށްވެސް ވެދާނެ، މިކަހަލަ އެތައްކަމެއް، މިކަމަށް ހައްލެއްނެތްތަ؟؟