އާ ޓާމިނަލްގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ޓައިމްލައިނަށް ވުރެ ހަ މަސް ކުރިއަށް. ހަ ސަތޭކަ ލޭބަރުން ކޮންމެ ދުވަހެއްގެ ގާތްގަނޑަކަށް 18 ގަޑިއިރު އެ މަސައްކަތުގައި ހޭދަ ކުރޭ.
22 މެއި 2024 - 12:03
ރާއްޖޭގެ ޓޫރިޒަމް ދާއިރާ، ބޭނުންވާ ބާރު ދުވެލީގައި ކުރިއަށް ނުގެންދެވޭ އެންމެ ބޮޑު އެއް ސަބަބަކީ، އެއާޕޯޓުގެ ތާށިކަމެވެ. މިހާރު ވެސް އެއާޕޯޓުގެ ގާތްގަނޑަކަށް 80 ޕަސެންޓް ޑިމާންޑަކީ ޓޫރިޒަމާ ގުޅިގެން އުފެދިވާ ޑިމާންޑެކެވެ. އެހެންވެ، މީގެ އަށް އަހަރު ކުރިން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށި ނަމަވެސް، އަދިވެސް އެކަމުގެ މަސައްކަތް ނިންމައެއް ނުލެވުނެވެ. އާ ސަރުކާރުން ވެރިކަމާ ހަވާލުވެ، އެންމެ ފުރަތަމަ ވެސް ބެލީ މިކަން އަވަސް ކުރާށެވެ. އަދި މިހާރު ހަދަމުން އަންނަ އާ ޓާމިނަލް ހުޅުވެން އޮތް އެންމެ އަވަހެއް ކުރުމަށް މަސައްކަތްތައް ވަރަށް ބާރަށް ފެށި އެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހަންމަދު ވިދާޅުވީ، މަގާމާ ހަވާލުވެ ވަޑައިގަތް އިރު ޓާމިނަލް ނިންމަން ކަނޑައަޅާފައި އޮތީ 2025 ވަނަ އަހަރު ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިހާރު ޕްރޮޖެކްޓް ކުރިއަށް ދަނީ ޓައިމްލައިނަށް ވުރެ ހަ މަސް އަވަހަށް ކަމަށެވެ.
ޕްރޮޖެކްޓް އަވަސް ކުރަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ވަނީ ހޯދައިފަ އެވެ. އެއާ އެކު އެ ޕްރޮޖެކްޓްގެ ޖުމްލަ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
އެއާޕޯޓް އާ ޓާމިނަލް އެޅުމަށް އިތުރު ފައިސާ ވަނީ ހޯދައިފައި -- ފޮޓޯ: މުހައްމަދު ޔާމީން / މިހާރު
މިވަގުތު އާ ޓަމިނަލްގެ މަސައްކަތުގައި 600 ލޭބަރުން ކޮންމެ ދުވަހެއްގެ ގާތްގަނޑަކަށް 18 ގަޑިއިރު އެ މަސައްކަތުގައި ހޭދަ ކުރެ އެވެ. މިއިން ކުރިން މަސައްކަތް ކުރާ ވަގުތަށް ވުރެ ގާތްގަނޑަކަށް 60 ޕަސެންޓު އިތުރު ވަގުތެވެ. މަސައްކަތް ކުރާ ލޭބަރުންނާއި ވަގުތު އިތުރު ކުރީ މިހާރު ސަރުކާރުން ޓާގެޓު ކުރާ ތާރީހަށް މަސައްކަތް ނިންމުމަށެވެ.
އޭނާ ވިދާޅުވީ، ޓާމިނަލްގެ ބޭނުން ކުރަން ފަށާއިރު، އެންމެ ފުރަތަަމަ ހުޅުވާނީ ޓާމިނަލްގެ އެއް ބައި ކަމަށެވެ. ފުރަތަމަ ހިދުމަތް ދޭނީ އެ ޓާމިނަލުގައި ހަދާ ހަ އެއިރޯ ބްރިޖުގެ ތެރެއިން ފުރަތަމަ ތިން އެއިރޯ ބްރިޖު ބޭނުން ކޮށްގެންނެވެ.
ޝަރީފު "މިހާރު"އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: މުހައްމަދު ޔާމީން / މިހާރު
އާ ޓާމިނަލަކީ ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ހަދާ ތަނެކެވެ. އޭގެ ތެރެއިން ފުރަތަމަ ހިދުމަތް ދޭން ފަށާނީ 3.7 މިލިއަން ފަސިންޖަރުންނަށެވެ.
އެއިރޯ ބްރިޖުތަކުގެ ބޭނުން އެއްކޮށް ނުކުރިޔަސް، ޗެކިން ކައުންޓަރުތަކާއި އިމިގްރޭޝަން ކައުންޓަރުތަކުގެ ބޭނުން ކުރަން ފަށާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި އާ ޓާމިނަލްގެ ފުރަތަަމަ ބަޔާ އެކު ޑިއުޓީ ފްރީގެ ބައެއް ވެސް ނިިންމަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
"އަހަރުގެ ފަހުކޮޅަށް މި މަސައްކަތް ކުރަނީ. އޮކްޓޫބަރު/ ނޮވެމްބަރަށް. ޕާޝަލް ކޮމްޕްލީޝަނަކަށް،" އޭނާ ވިދާޅުވި އެވެ.
ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. އެތަނުގެ އެއްބައި ހުޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުން -- ފޮޓޯ: އެމްއޭސީއެލް
އާ ޓާމިނަލް ބޭނުން ކުރަން ފެށި ނަމަވެސް، މިހާރު ބޭނުން ކުރާ ޓާމިނަލް އިން ވެސް ހިދުމަތްތައް ދޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިހާރު ވެސް ބޭނުން ކުރާ ޓާމިނަލްގެ އެއްބައި ޑޮމެސްޓިކަށް އަދި އަނެއްބައި ނެރޯ ބޮޑީ އެއާކްރާފްޓުތަކަށް ބޭނުން ކުރާނެ ކަމަށެވެ.
"ހުރިހާ ކޮންސްޓްރަކްޝަން މަސައްކަތް ވަނީ ނިމިފައި. އެތެރޭގެ ފިޓްއައުޓްތަކާއި އެއާޕޯޓުގެ ޓާމިނަލަށް ބޭނުންވާ ވަސީލަތްތަކާއި އެއާކޮންޑިޝަނިން މިހާރު ކުރިއަށްދަނީ. ބޭރުގެ ކްލެޑިން ނިމިފައި ހުރީ. އެތެރޭގެ ތަޅުން އެޅުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. ގިނަ އެއިރޯ ބްރިޖުތައް ހުރީ ހަރު ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
އާ ޓާމިނަލް. ޓާމިނަލުން ބައެއް ނޮވެމްބަރު މަހު ހުޅުވާނެ -- ފޮޓޯ: އެމްއޭސީއެލް
ޝަރީފު ވިދާޅުވީ، ޓާމިނަލްގެ ޖާގަ އިތުރު ކުރަން ބޭނުންވާތީ، މި ވަގުތު އެއިރޯ ބްރިޖުތައް ހުރީ ނުގުޅާ ނަަމަވެސް، އެކަން ނިމުނުހާ އަވަހަކަށް އެ ބްރިޖުތައް ގުޅައިލެވޭނެ ކަމަށެވެ.
ޝަރީފު ވިދާޅުވީ، ޓާމިނަލްގެ އެއްބައި ހުޅުވި ނަމަވެސް، އެތަނުގައި ބާކީ ބައިގެ، މަސައްކަތްތައް ކުރާނީ ވެސް ޓާމިނަލް ބޭނުން ކުރާ މީހުންނަށް އުނދަގޫނުވާނެ ގޮތަކަށް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާ ކަމެއް ހުޅުވާތަނެއްގައި ބޭނުން ކުރާ އިލެކްޓްރިކް ހާލަތްތަކަށް ނޭދެވޭ އަސަރު ނުކުރާ ފަދަ ހުރިހާ ކަމެއް އޭގެ ކުރިން ނިންމާލުން. އެއީ ފާރެއްގައި ސިމެންތި ޖެހިޔަސް، ޕުޓީ އެޅިއަސް، ދަވާދު ލިޔަސް، މިކަހަލަ ހުރިހާ ކަމެއް ނިންމާލުން،" އޭނާ ވިދާޅުވި އެވެ.
"މިހާރު އެންމެ މުހިއްމު ކަމަކަކީ، ޗެކިން ސިސްޓަމް ހަރުކުރުން. އެކަން ކަމުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ،" ޝަރީފު ވިދާޅުވި އެވެ.
އާ ޓާމިނަލް. އެ ޓާމިނަލުގެ މަސައްކަތް ކުރިއަށް ދަނީ ޓައިމްލައިނަށް ވުރެ ހަ މަސް އަވަހަށް -- ފޮޓޯ: އެމްއޭސީއެލް
އޭނާ ވިދާޅުވީ، ޑިލޭ މިވަގުތު އުޅެނީ ޓާމިނަލަށް ބޭނުންވާ ޗިލާ ސިސްޓަމްތައް ގެނައުމުގައި ކަމަށެވެ. އެ ތަކެތި ގެންނަނީ އެމެރިކާއިން ކަމަށާއި، އެ ތަކެތި ގެނައުމަށް ވެސް ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ތަކެތި މިހާރު ގެނައުމުގެ މަގުމަތީގައި ހުރި އިރު ޗިލާ ސިސްޓަމްތައް ވެސް ގެނެސް، ނޮވެމްބަރު މަހު ޓާމިނަލް ހުޅުވުމުގެ ކުރިން އިންސްޓޯލް ކުރެވޭނެ ކަމަށް ކޮންޓްރެކްޓަރު އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓާމިނަލްގެ އޭރޯ ބްރިޖު. ފުރަތަމަ ބައި ހުޅުވަނީ ތިން އޭރޯ ބްރިޖާ އެކު -- ފޮޓޯ: އެމްއޭސީއެލް
- 78،000 އަކަމީޓަރުގެ ޖާގަ
- އެވްރެޖުކޮށް ދުވާލަކު 8،000 ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ
- ސެލްފް ސާވިސް ޗެކިން ހިދުމަތް
- 38 އިމިގްރޭޝަން ކައުންޓަރު
- އެއް ފަހަރާ ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ސްޕީޑް 20 ޕަސެންޓް އިތުރުވާނެ
- 7 އިތުރު ޗެކިން - ކައުންޓަރު
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާރީފު "މިހާރު" އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: މުހައްމަދު ޔާމީން | މިހާރު
އެމްއޭސީއެމް އިން ބުނީ މުޅި ޓާމިނަލްގެ މަސައްކަތް އަހަރުގެ ޖޫން މަހުގައި ނިންމާލެވޭނެ ކަމަށެވެ. އާ ޓާމިނަލްގެ ހިދުމަތް އެއްކޮށް ނިންމައި، ބޭނުން ކުރަން ފެށުމުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.
އާ ޓާމިނަލްއާ އެކު އެއާޕޯޓަށް 1،800 މުވައްޒަފުން އިތުރުވާނެ އެވެ. ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ އެއާލައިނުން ހިދުމަތް ދޭ އިރު އާ ޓާމިނަލްއާ އެކު އިތުުރު އެއާލައިންތަކަށް ވެސް ފުރުސަތުތައް ދެވޭނެ އެވެ. ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ޓާމިނަލްގެ ހިދުމަތްތައް ދޭން ފަށައިފި ނަމަ، އިގްތިސާދީ ދުވެލި 5.2 ޕަސެންޓަށް އިތުރުވެ، އިގްތިސާދަށް ވަންނަ އާމްދަނީ އިތުރުވާނެ ކަމަށް މާލީ އިދާރާތަކުން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލްޓް
24 May 2024
ކިތައް ލަގެޖް ބެލްޓްތަ!!!.
އަދި ކިރިޔާ މިސްރާބު ހަމަ މަގަށް
23 May 2024
އެމްޑީޕީ މީހުންނަށް މިހާރު ފެންނާނެ އިޚްލާސްތެރި ވެރިންގެ މަސައްކަތް. މުއިއްޒުގެ ނެވިކަމުގައި އިރާދަ ކުރެއްވިއްޔާ މި ޤައުމަށް ތަރައްޤީ ލިބިދޭނެ. މޮޅު ސްލޮގަންޖަހާ ރައްޔިތުން ވާ ވައްދާކަށް ނޫޅޭނެ. އެމްޑީޕީގެ ފޮނި ސަޅިބައިސާ އާއި އެވެރިންގެ ބާރު ނެތިދިޔަގޮތް ފަހެ އިބުރަތަކަށް ނުވޭތޯ.... ރައީސް މުއިއްޒުގެ ވެރިކަން މެކުހަށް ޖައްސަވާ.... ތަފާތު ދައްކަވާ.. ތިޔައީ މި ޤައުމަށް ބޭނުންވާ ފަދަ ވެރިންނަކީ....
ޝޮކްތެރަޕީ
22 May 2024
އެމްޑީޕީ 3 އަހަރު މަސައްކަތެއް ނުކޮއް.
ފަހަތު ޖީބު
22 May 2024
2025ގެ ޖޫން ޖުލައިގައި ނިންމަންއޮތް ޓާރމިނަލް 2024 ގެ ނޮވެންބަރުގަ ހުޅުވަނީ ދެބައިކުޅަ އެއްބައެެވެ. މަސައްކަތް އަވަސް ކުރަން 2.7 ބިލިޔަން ރުފިޔާ އިތުރުވެގެން ދިޔައިރު ޓަރމިނަލްގެ ބައިކުޅަބެއް ނިމެނީ- 2.7 ބިލިޔަން ރުފިޔާއަށް 7 މަސްދުވަހުގެ އަވަސް މިނެއް ގެނެސް ޓަރމިނަލްގެ އެއްބައި ހުޅުވުންތޯ ރަގަޅީ 2.7 ބިލިޔަން ޚަރަދު ނުކޮށް 7 މަސްފަހުން މުޅި ޓަރމިނަލް ބޭނުންކުރުންތޯ ރަގަޅީ
ަދދސދފސފ
22 May 2024
ޝުކުރިއްޔާ ރ. މުއިއްޒު. އެއްމެ 6 މަސް ތެރޭ ޓާމިނަލް އަޅާ އެނިންމާލީ.
ޚަލީދު
22 May 2024
މިވެސް ރިކޯޑެއް! 8 އަހަރުން ޓާރމިނަލް އެއް ހަދާ ނުުނިމުނު
އަހަންމަދާ
22 May 2024
ބޮޑެތި ރިސޯޓްތައް ހުޅުވަ ހިއްކައިގެން 2 އަހަރު ތެރޭ