ރިހާން: އޭނާ ވަނީ އެއް ދުވަސްތެރޭ 100 މީޓަރުގެ ބަޓަފްލައި އިވެންޓްގެ ރެކޯޑް މުގުރާލަފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
26 މެއި 2024 - 08:49
އެއް ދުވަސްތެރޭ ދެ ފަހަރު 100 މީޓަރު ބަޓަފްލައި އިވެންޓްގެ ރެކޯޑް ގައުމީ ޓީމުގެ ފެތުންތެރިޔާ މުހައްމަދު ރިހާން ޝިހާމް މުގުރާލައިފި އެވެ.
މެލޭޝިއާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ އޯޕަން ސްވިމިން ޗެމްޕިއަންޝިޕްގައި އިއްޔެ ދެ ފަހަރު އޭނާ ރެކޯޑް މުގުރާލި އިރު އެ ދެމެދުގައި މާ ގިނަ ގަޑިއރުތަކެއް ހޭދަ ނުވެ އެވެ. ހީޓް ބުރުގައި އިއްޔެ ހެނދުނު ހެދި ރެކޯޑް، ދެވަނަ ފަހަރު އޭނާ މުގުރާލީ މެންދުރު ފަހު އޮތް ފައިނަލް ސީ ގައި ވާދަކޮށް 1 މިނެޓް 0.14 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އެއީ އިއްޔެ ހެދުނު ހީޓް ބުރުގައި ވާދަކޮށް އޭނާ ހެދި ރެކޯޑަށް ވުރެ 0.61 ސިކުންތަށް ވުރެ އަވަހެވެ. އެ ބުރުގައި އޭނާ ރޭސް ނިންމީ 1 މިނެޓް 00.73 ސިކުންތުންނެވެ.
މީގެ ކުރިން ވެސް ފިރިހެނުންގެ ބަޓަފްލައި ރެކޯޑް އޮތީ ވެސް ރިހާން އަތުގަ އެވެ.
ރިހާން ޕްރެކްޓިހުގައި: އޭނާ ވަނީ 1،500 މީޓަރުގެ ރެކޯޑް ވެސް މުގުރާލަފަ ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި އަހަރު ބޭއްވި އޭޝިއަން އޭޖް ގުރޫޕްގައި ވާދަކޮށް ރިހާން އެ ރެކޯޑް މުގުރާލީ 1 މިނެޓް 1.60 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މެލޭޝިއާ އޯޕަން މުބާރާތުގައި ފްރީސްޓައިލް 1،500 މީޓަރުގެ ރެކޯޑް ވެސް ރިހާން ވަނީ މުގުރާލައިފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އެ އިވެންޓްގެ ރެކޯޑް އޮތީ މުބާލް އައްޒާމް އިބްރާހިމްގެ އަތުގަ އެވެ.
އިންޑޮނޭޝިއާގައި 2018 ގައި ބޭއްވި އޭޝިއަން ގޭމްސްގައި 19 މިނެޓާއި 26.54 ސިކުންތުން މުބާލް ހެދި ރެކޯޑް، ބުރާސްފަތި ދުވަހު ރިހާން މުގުރާލީ 18 މިނެޓާއި 3.57 ސިކުންތުންނެވެ.
ރިހާން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުބާލް އަތުގައި އޮތް ފިރިހެނުންގެ 200 މީޓަރު މެޑްލޭގެ ރެކޯޑް ވެސް ރިހާން ވަނީ މުގުރާލައިފަ އެވެ. މެލޭޝިއާ މުބާރާތުގައި އެ އިވެންޓްގެ ރެކޯޑް އޭނާ މުގުރާލީ 2 މިނެޓް 22.07 ސިކުންތުންނެވެ. ކޮމަންވެލްތު ގޭމްސް 2022 ގައި މުބާލް އެ ރެކޯޑް ހެދީ 2 މިނެޓް 23.69 ސިކުންތުންނެވެ. މިއަދު ބޭއްވި އިވެންޓުން ރިހާން ވަނީ ފައިނަލް ސީ އަށް ވެސް ދަތުރުކޮށްފަ އެވެ.
މެލޭޝިއާ މުބާރާތުގައި ވާދަކުރާ މުހައްމަދު އާން ހުސައިން ވެސް ވަނީ 100 މީޓަރު ފްރީސްޓައިލްގެ ރެކޯޑް މުގުރާލައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ރެކޯޑް މުގުރާލުމުގެ ކުރިން ވެސް، އެ އިވެންޓްގެ ރެކޯޑް އޮތީ އާން އަތުގަ އެވެ. އޭޝިއަން އޭޖް ގްރޫޕް ޗެމްޕިއަންޝިޕްގައި 55.11 ސިކުންތުން ރޭސް ނިންމައިގެން އާން ހެދި އެ ރެކޯޑް އޭނާ މުގުރާލީ 54..46 ސިކުންތުންނެވެ.
ހީޓް ބުރުގައި ހެދި ރެކޯޑާ އެކު ފައިނަލް ސީ އަށް ވެސް އޭނާ ދަތުރު ކުރި އެވެ. އެ ބުރުގައި އޭނާ ރޭސް ނިންމީ 54.75 ސިކުންތުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައްޕަ
26 May 2024
ބައްޕަގެ މޮޅުކަން ހަމަ
ކޮރަލް
26 May 2024
ތިޔައީ ރެކޯޑް ތަކެއް ނޫނެވެ. ކުރި އެރުން ތަކެކެވެ. ރިކޯޑް ތައް ހަދަން ބޭނުންނަމަ އެތްލީޓުން ރާއްޖެ އިން ބޭރަށް ތަމްރީން ތައް ހަދަން ފޮނުވަން ވީ އެވެ. މިސާލަކަށް ، ރާއްޖެ އިން ބޭރަށް ފޮނުވި ސާއިދު ވަނީ 100 މީޓަރު ދުވުމުގަ ރެކޯޑް ހަދާފަ އެވެ.