ބީއެމްއެލްގެ އިސްލާމިކް ކްރެޑިޓް ކާޑު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު
28 މެއި 2024 - 08:41
ބީއެމްއެލް އިސްލާމިކް އިން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު މިއަދު ތައާރަފްކޮށްފި އެވެ.
އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުންކުރެވޭ ބީއެމްއެލް އިސްލާމިކްގެ އާ ކްރެޑިޓް ކާޑު މިއަދު ތައާރަފުކުރީ ބުކިންޑޮޓްކޮމް އަދި ޑައިނިން އެކްސްޕީރިއަންސް ފަދަ އޮފާތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށެވެ.
މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ އިން ދެއްކޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް ސުޓުމްކާ ރޭ ބޭއްވި ރަސްމިއްޔާތުގައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ހަދާފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފްކުރި ކާޑެއް ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓަރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެ އެވެ. ފްލައިޓް ޓިކެޓާއި ކާރު ކުއްޔަށް ނެގުމާއި ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖެ އިން ބޭރުގެ މާޗަންޓުންގެ ވައުޗަރު ހޯދުމަށް ވެސް ރިވޯޑް ޕްއިންޓް ބޭނުން ކުރެވޭނެ އެވެ.
ބީއެމްއެލްގެ ޑައިރެކްޓަ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ އިސްލާމިކް ކްރެޑިޓް ކާޑުތަކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ޕޭމަންޓް ސޮލިއުޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންގެ ބޭނުންތަކާއި ހިޔާރުކުރާ ކަންކަމަށް ބަލައި، ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ.
"ކަސްޓަމަރުންގެ ޑިމާންޑާ އެއްގޮތަށް ބީއެމްއެލް އިސްލާމިކް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކޮށް ތަރައްގީ ކުރުމަށް އެހީވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުން ކްރެޑިޓް ކާޑު ތައާރަފްކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ އިސްލާމިކް ކްރެޑިޓް ކާޑާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ގްލޯބަލް ނެޓްވޯކް ސަވިސަސް، އޭޝިއާ އެންޑް ސައުތް ފެސިފިކް ގްރޯތް މާކެޓްސް، އެމެރިކަން އެކްސްޕްރެސް ގެ ވައިސް ޕްރެޒިޑެންޓް އަދި ޖެނެރަލް މެނޭޖަރު ޑިވްޔާ ޖައިން ވިދާޅުވީ، ރާއްޖޭގެ މާކެޓަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ކާޑަކީ ބީއެމްއެލްގެ ކާޑު މެންބަރުންނަށް އަގު ހުރި އަދި ދުނިޔޭގެ އެކި ތަންތަނުން ލިބޭ ފައިދާތައް ހޯދައިދިނުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ.
އަލަށް ބޭންކުން ތައާރަފްކުރި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ ބޭންކުން ދޫކުރާ އެހެން ކާޑުތަކާ އެއްގޮތަށް އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސްތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ މުއާމަލާތްތައް ކުރެވޭ ކާޑެކެވެ. ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ދޫކުރާނީ ސްޓޭންޑަޑް، ގޯލްޑް، އަދި ޕްލެޓިނަމް ކާޑުގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީޕީއޯ11
29 May 2024
ދެވަނަ ފޮޓޯގައި ސީއީއޯ، މަލާމާތުގެ ހިންޏެއް އައިސްފައި އިންނެވިހެން ހީވޭތޯ؟؟ އަޅުގަނޑު ހިތަށް އަރަނީ ސީއީއޯ ހަމަ އެތާއިންނަވައިގެން ބަނޑަށް ގަދައަށް ހެނީއޭ.
ނިކަމެތިމީހުން
28 May 2024
ހުރިހާ އިގުރާރެއް މިއޮންނަނީ ރޯއިގިރޭސިން. މާދަމާ ބުނާނެ ކަލޭ މިކަންކަމަށް އެއްބަސްވެގެންނޭ ސޮއިކުރީ މިހެންކިޔާަފަ އެތައްލާރިއެއްްއެބަނަގާ. ނަމުންއިސްލާމް ދިވެހިން ފެލާލަނީ ދިރިދިރި ތިއްބާ.
ކަލީމް
28 May 2024
"އިންޓަރެސްޓް" މި ބަސް ލާންޖެހޭ ކޮންމެ ތަނަކަށް "ފީ" މިހެން ކީމަ އިސްލާމިކް ވީ ދޯ.
ސޭ ވަޓް
28 May 2024
ބީ.އެމް.އެލް އިސްލާމިކް އިން ހައުސިންގް ލޯނެއް ނަގަން އެދުމުން، ވަދީޢާ އެކައުންޓް އެއް ހުޅުވުމަށް ޝަރުތު ކުރުމުން، އެގޮތަށް ކަންތައް ކުރުމުން %13 އިންޓްރެސްޓް އާއި އެކު ލޯނު ޖަމާ ކޮށްދިން. މީގައި އިސްލާމިކް ފައިނޭންސިންގް އަށް ފެތެނީ ’ވަދީޢާ އެކައުންޓް ‘ މި ލަފްޒު އަދި ބަޔާންވެދިޔަ އެކައުންޓް. ކަސްޓަމަރުންނަށް އޮޅުވާލާ ދަރަނިވެރިކުރުވިއަސް، ޖަވާބުދާރީ ވާންޖެހޭ ދުވަހެއް ވޭ!
ބާބޫޖީ
28 May 2024
ޝަރުއީ ހަމަތަކަށް ނުފެތޭ ވިޔަފާރިވެސް ކުރަނީތަ ... މާތްކަލާކޯ.
ބުރޫ
28 May 2024
މީހުން: މިތިބީ އިސްލާމިކް ނޫންވީމަ ނުކުރެވިފަ ހަމަ އެމީހުން: އިސްލާމިކް އަޔަސް ވަރިހަމަ މަށެއް ބޭނުމެއްނޫން. ހެޔޮނެތް އެއްގޮތެއް ވެސް
އިސްމާލި
28 May 2024
ބީ.އެމް.އެލް އިން ބުނެލަދިން ނަމަ މި ކާޑު ދޫކުރަނީ ކޮން ޝަރުތުތަކެއް ހަމަވާ ފަރާތްތަކަކަށް ކަން. އަހަރެން މި ކާޑަށް އެޕްލައި ކުރަން ވެބްސައިޓަށް ދިޔާމަ އޮންނަނީ މިހާރުވެސް ޑޮލަރު ކްރެޑިޓް ކާޑެއް ގެންގުޅޭ ފަރާތްތަކަށޯ އައު ކާޑެއް ދެވޭނީ.
ފަހުޒަމާން
28 May 2024
"ބީއެމްއެލްގެ ޑައިރެކްޓަ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ އިސްލާމިކް ކްރެޑިޓް ކާޑުތަކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ޕޭމަންޓް ސޮލިއުޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންގެ ބޭނުންތަކާއި ހިޔާރުކުރާ ކަންކަމަށް ބަލައި، ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ." 100% މުސްލިމޭ ކިޔައިގެން އުޅޭ ގައުމެއްގައި ޝަރުއީ ހަމަތައް ނޫން ގޮތެއް އޮވެގެން ވޭތޯ؟
ބަލަމާބަހީ
28 May 2024
އިސްލާމިކްވީމާ އިންޓަރެސްޓެއްނާރާނެތާ
ޗޮޕް
28 May 2024
އެއީ އެކަން އޮންނަންވާނެ ގޮތަކީ. އެކަމަކު މަ ބީއެމްއެލް އިސްލާމިކް އިން ނެގި ފެސިލިޓީ ގަ އޮވޭ 12 ފަސެންޓް ޕ އެނަމް. މަށަކަށް ނުފެނޭ އެއީ އިސްލާމިކް ބޭންކިންއަށް ފެތޭ އެއްޗެއް ކަމަކަށް