އިސްލާމިކް މިނިސްޓްރީން ޒަކާތް ދޫކުރަނީ: ޒަކާތު ފަންޑުން މިދިޔަ މަހު ބޭސްފަރުވާ އަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައި.-- ފޮޓޯ: މިހާރު
06 ޖޫން 2024 - 13:36
ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފައްދާފައިވާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން މިދިޔަ މަހު ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާ އަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
ޒަކާތު ހައުސް އިން ވަނީ އެ އިދާރާގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް މިއަދު އާންމުކޮށްފަ އެވެ. ޒަކާތު ފަންޑުން ކޮންމެ މަހަކު ކުރާ ހޭދައިގެ ތަފުސީލު އެ އިދާރާ އިން އާންމުކުރަން ފެށީ މިދިޔަ މާޗު މަހު އެވެ.
މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ވަނީ 1،632،265ރ. މުޅި ޖުމްލަ ހަރަދުކޮށްފައިވެ އެވެ. އެއީ 180 މީހުންގެ ބޭސްފަރުވާގެ ހަރަދެވެ.
• 35 ޕަސެންޓް ހަރަދުކުރީ ކެންސަރުގެ ބަލީގެ ފަރުވާއަށް
• 6 ޕަސެންޓް ހަރަދުކުރީ ސިކުނޑީގެ އޮޕަރޭޝަނަށް
• 7 ޕަސެންޓް ހަރަދުކުރީ ކިޑްނީގެ ފަރުވާ އަށް
• 5.2 ޕަސެންޓް ހަރަދުކުރީ ހިތުގެ އޮޕަރޭޝަނަށް
• ބާކީ 48 ޕަސެންޓް ހަރަދުކޮށްފައި ވަނީ އެހެނިހެން ބޭސްފަރުވާ އަށް
ޒަކާތު ހައުސް އިން ބުނީ މިދިޔަ މަހު ކޮށްފައިވާ ހަރަދުތަކުގެ ތެރޭގައި އެޕްރީލް މަހު އެހީ ހަމަޖެހިފައިވާ މީހުންގެ ހަރަދުތައް ވެސް ހިމެނޭނެ ކަމަށެވެ.
އެހެނިހެން ހަރަދުގެ ގޮތުގައި، އިދާރީ މުވައްޒަފުންގެ އުޖޫރަ އާއި ފިތުރު ޒަކާތް ދިނުމަށް ވެސް އެ ފަންޑުން ހޭދަކުރި އެވެ. މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި 262،266.50ރ. ވަނީ ހަރަދުކޮށްފަ އެވެ. އަދި ފިތުރު ޒަކާތް ދިނުމަށް 41،937.71ރ. ހަރަދުކޮށްފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ އެހީ ގޮތުގައި 100،000 ޑޮލަރު ފޮނުވަން ވެސް މިދިޔަ މަހު ކުރީކޮޅުގައި ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބޫޖީ
06 June 2024
ކޮންތާކު މެޖެހުނީ ... ސިއްހީ އެހީދޭންޖެހޭނީ އާސަންދަ މެދުވެރިވެގެން. އެންސްޕާވެސް އެއި ނުފޫޒް ފޯރުވަން ހަދައިގެން އުޅޭތަނެއް.
އާރުކާޓީ
06 June 2024
މިސަރުކާރު މިނިސްޓްރީއަކުން ވަކިސަރުކާރެއް ހަދައިގެން ބޭނުން ބަޔަކަށް ފައިސާގެ އެހީ ދިނުމުގެ ސިޔާސަތު މިހާރު މިގޮތަށް ހިންގައިގެން ނުވާނެ. ބޭސްފަރުވާއަށް އެހީވުމަށް މިހާރު އާސަންދަ ކިޔާ ކުންފުންޏެއް އޮވޭ. ޒަކާތުފަންޑުން ބޭސްފަރުވާއަށް ކޮންމެ އަހަރަކު ކަނޑައަޅާ ފައިސާގެ އަދަދު އާސަންދަ ކުންފުންޏަށް ދޭންޖެހޭނީ. އޭރުން އާސަންދައިން ކުރާ ހޭދައިގެ ތެރޭގައި ޒަކާތު ފައިސާވެސް ހިމެނޭނެ. މިނިސްޓަރ ދެއްވާ އެހީއެއްގެ ގޮތުގައި ދެއްކުމަކީ ގޯހެއް.
ބޫތީން
06 June 2024
ނޭނގޭ ވާހަކަ ނުދައްކާ ހުރިއްޔާ ފިތުނަފަސާދަވުން މަދުވާނެ. ޒަކާތަކީ ވަކި އޮފީހެއްގެ ދަށުން އަބަދު ވެސް ހިނގާ ކަމެއް.
raajje
06 June 2024
ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް އާސަންދަނުލިބެނީތޯ؟ ޒަކާތުފަންޑުން ބޭސްފަރުވާއަށް މިހަރަދުތައްކުރަންޖެހުނުގޮތް ބުނެލިނަމަ ރަނގަޅުވާނެ! އަޅުގަނޑަށް ވިސްނިފަ އޮންނަނީ ޒަކާތުގެ ގޮތުގައި ލިބޭ މުދަލާ ފައިސާއަކީ އޭގެހައްގުވެރިންނަށް ބަހާ ހުސްކުރަންޖެހޭ އެއްޗެއްކަމަށް އޭގެން ބާކީކޮށް ފަންޑުއުފެއްދޭނެކަމެއް ސިޔަރަތު ހަކަލައެއްޗަކުންވެސް އަޑެއްނާހަން! ދީނީގޮތުން މިކަންމިވާގޮތް ސާފުވާނެފަދަ އާޓިކަލްއެއް ނޫހުންގެނެސްދިނުންއެދެން
ޓެރޭދް
06 June 2024
ޒަކާތު ފަންޑަކީ ކޯއްޗެއް ކަން ނޭނގޭތީ ފާޑުފާޑުގެ ވާހަކަ ދައްކަނީ. ޢާއްމުންނާއި އެކި އެކި މުއައްސަސާ އަދި ކުންފުނިތަކުން ޚައިރާތުގެ ގޮތުގައި ދޭ ފައިސާއި ބޭރުގެ ގައުމުތަކުން ދޭ ސަދަގާތާއި އެނޫން ވެސް ފައިސާ ރައްކާކޮށްފައި މިނިސްޓްރީ އޮފް ފިނޭސްގައި އޮންނަ ފަންޑެއް. އެފަންޑުން ޚަރަދު ކުރެވޭނީ ދައުލަތުގެ 5 މުއައްސަސާ ތަމްސީލު ކުރާ މީހުން ހިމެނޭ ބޯޑަކުން ރުހުން ލިބިގެން.
raajje
08 June 2024
ޓެރޭދް: މިކަން ދީނީގޮތުންއޮންނަގޮތް ނޭންގޭވާހަކަނޫންތޯ އަޅުގަނޑުގެ ކޮމެންޓުގައެއޮތީ، އެކަން ސާފުކުރުމަށް ނޫހުގެފަރާތުން ދީނީޢިލްމުވެރިިން މެދުވެރިކޮށް އާޓިކަލްއެއްގެނެސްދޭންނޫންތޯ އެދިފައޮތީ! ޢާއްމުންނާއި މުއައްސަސާ، ކުންފުނިތަކުން ޚައިރާތުގެގޮތުގައި ދޭ ފައިސާ އާއި ބޭރުގެ ގައުމުތަކުން ދޭ ސަދަގާތާއި އެނޫން ވެސް ފައިސާ އިން އުފަށްދާ ފަންޑަކަށް ޒަކާތުފަންޑުކިޔަނީ ކީއްވެތޯ؟ އެހެންވީމަ ޓެރޭދުއަށް ޒަކާތުފަންޑަކީ ކޯއްޗެއްކަން އެނގޭކަމަށް ގަބޫލުކުރަންތޯ؟
ހާސަރު
06 June 2024
ޢާސަންދަ އާއި އެންސްޕާ އިން މިޚަރަދުތައް ކޮންމެސް ވަރަކަށް ކޮށްދޭއިރު އަނެއްކާ ޒަކާތުފަންޑުން ތިހެން ޚަރަދުކުރީމަ ތިޔަފައިސާ ލިބެނީ ސިޔާސީ ގޮތުން ގުޅުންހުރި ބަޔަކަށް ކަމަށް ޝައްކުކުރުމުގެ ފުރުސަތު ބޮޑުވޭ. ޒަކާތުފަންޑުން ފައިސާޖަމާކުރަންވީ އެންސްޕާއަށް. ޒަކާތައް ލިބޭފައިސާ ޚަރަދުވާގޮތް ސާފުވިވަރަކަށް ޒަކާތަށް ސަރުކާރަށް ފައިސާދައްކާ މީހުންގިނަވާނެ.
ޓެރޭދްސް
06 June 2024
ހިތުލަފަޔަށް ފާޑުފާޑުގެ ވާހަކަ ފައިސާއި ބެހޭ ގޮތުން ދެއްކުމަކީ ގޯސް ވިސްނުމެއް ރަށްޔިތުންނަށް ލިބޭނެ ކަމެއް..
އަފްރާސިޔާބު
08 June 2024
ޒަކާތުގެ ފައިސާ އެއް ނުބެހޭނެ މުއްސަނދިންނަކަށެއް. ތިޔަ އާސަންދައަކީ ނުފޫޒު ގަދަ މުއްސަނދިންނަށް ހިތަކަށް ދީފައި އޮންނަތަނެއް. ފަގީރު މީހާގެ ބޭސް ފަރުވާއަށްވުރެ ބޮޑަށް ހޭދަކުރާނީ މުއްސަދިންނަށް. ޒަކާތުގެ ފައިސާ ބެހެނީ އޭގެ ހައްގު ވެރިންނަށް. އެކަމަކު މިހާރު ފަސޭހައިން މުއްސަނދިން އެފައިސާ ބޭނުން ކުރަނީ. އެއީ ރާއްޖޭން ބޭރުގައި ދަތުރު ވެރިންގެ ގޮތުގައި ގޮސް. އެ ހާލަތުގައި ފައިސާވެރިއެއް ފަގީރެއް ބެލުން ނޯންނާތީ. ފައިސާއަށް އެކްސެސްނުވީއޭ ބުނުންއޮތީ
raajje
08 June 2024
ޓެރޭދްސް: ރައްޔިތުންނަށް ރަނގަޅުގޮތް ސާފުކޮށްދޭން އުޅޭ ފަރާތަކުން އެކިނަންނަމުގައި ކޮމެންޓުކުރާނެބާ؟ އެކިނަންނަމުގައި ތިހެން ކޮމެންޓުކުރާނީ ފިނޑިންކަމަށް އަޅުގަނޑު ދެކެނީ! ޓެރޭދް، ޓެރޭދްސް އަދި ޓެރދް، މިތިންނަމުގައި މިއާޓިކަލްގެ ކޮމެންޓުތަކަށް ޖަދަލުކޮށް ރިޕުލައިކޮށްފައި މިވަނީ އެއްފަރާތަކުންކަން ވަރަށްސާފު!
raajje
06 June 2024
ޒަކާތުފަންޑު ހިނެތްހުފެދޭ ފަންޑެއްތޯ؟ ރާއްޖޭގައި ފަގީރުންނެތީތޯ؟ މިހަދާގޮތަކީ ޒަކާތުގެ ގޮތުގައި ލިބޭފައިސާގެ އެތިކޮޅެއް ބެހުމަށްފަހު ބޮޑުބައި ނުބަހާ ބަހައްޓަނީ، ޒަކާތުގެގޮތުގައި ލިބޭ މުދަލަކީ އަދި ފައިސާއަކީ ފަގީރުންގެ ހައްގެއްނޫންތޯ؟ މީގެންބޮޑު ބައެއްނުދީ ބާކީކޮށް ޒަކާތުފަންޑުއުފެއްދުމަކީ ދީނީގޮތުން ކޮންކަހަލަކަމެއްތޯ؟ ދީނީޢިލްމުވެރިއަކު މިކޮމެންޓަށް ރިޕުލައިއެއްކޮށްލައްވަނިކޮށް ގިނަބޭފުޅުންނަށް ފައިދާހުރި މައުލޫމާތުކޮޅަކަށްވާނެ!
ޓެރދް
06 June 2024
ޒަކާތް ބަހަން ޖެހެނީ 8 ބަޔަކަށް ކަމަށް މާތްﷲ އަންގަވާފައިވަނީ. އެއިން އެއްބައި ފަޤީރުންނާއި މިސްކީނުންނަކީ. އިހަށް މައުލޫމާތި ހޯދަބަލަ ފާޑުފާޑުގެ ފިތުުނަވެރި ވާހަކަ ނުދައްކާ.
raajje
08 June 2024
ޓެރދް: ތިބޭފުޅާތީ ދީނީޢިލްމުވެރިއެއްތޯ، އެހެންކަމަށްވާނަމަ ދީނީޢިލްމުވެރިއެއްކަން އެނގޭގޮތަށް ނަންހާމަކޮށްގެން ކޮމެންޓުކުރައްވާ، އޭރުން ބުނާއެއްޗެއްގަބޫލުކުރެވެނީ! ޓެރޭދު، ބެރޭދު، ޑަބިޔާ މިފަދަނަންނަމުގައި ދީނީކަންކަމާ ގުޅުންހުރި ކޮމެންޓުކުރިޔަސް އެއީ ޖެނުއިންއެއްޗެއްކަމަށް ބަލައިގަނެވޭނެގޮތެއް ނޯންނާނެދެއްތޯ!