މި އަހަރު ހައްޖަށް ދިޔަ ބަޔަކު އަރަފާތު ބިމުގައި ކުޑަ ނަގައިގެން ހިޔާވަނީ: މި އަހަރު ވަނީ ހައްޖުގެ އަޅުކަމުގެ ތެރޭ ހާހަަކަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު މައިގަނޑު ސަބަބަކީ ހޫނު ގަދަވުން. -- ފޮޓޯ: އޭއެފްޕީ
20 ޖޫން 2024 - 22:17
މި އަހަރު ހައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި މީގެ ތެރޭގައި ގިނައީ ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ސައޫދީން ހުއްދަ ނެގުމަކާނުލައި ގޮސްގެން އުޅުނު މީހުން ކަމަށް އޭއެފްޕީން އެއްކުރި މައުލޫމާތުން ހާމަވެއްޖެ އެވެ.
މަރުވި މީހުންގެ އަދަދު މަތިވީ މިސްރުގެ ހައްޖާޖީންގެ ތެރެއިން އިތުރު 58 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިޕްލޮމެޓަކު ހާމަކުރުމާ އެކުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހައްޖަށް ދިޔަ މިސްރު މީހުންގެ ތެރެއިން 658 މީހަކު މަރުވައި ވާއިރު މީގެ ތެރެއިން 630 މީހުންނަކީ ހުއްދަ ނުނަގައި ނުވަތަ ރަޖިސްޓްރީ ނުވެ ދިޔަ މީހުންނެވެ.
އޭއެފްޕީން 10 ގައުމަކުން ހާމަކޮށްފައިވާ ހިސާބުތައް އެއްކޮށްލައިގެން ބެލި އިރު ބުރާސްފަތި ދުވަހުގެ ނިޔަލަށް މަރުވި ހައްޖާޖީންގެ އަދަދު 1،081 އަށް އަރަ އެވެ.
ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރަންޖެހޭ ހައްޖުގެ އަޅުކަމަށް މި އަހަރު 1.8 މިލިއަން މީހުން މައްކާއަށް ޖަމާވި އެވެ. މިފަހަރު މަރުވި މީހުންގެ އަދަދު މިހާ ގިނަވެފައި މި ވަނީ މިއީ މައްކާއަށް އާންމުކޮށް އެންމެ ހޫނު ގަދަވާ ވަރަށް ވުރެ ވެސް ހޫނު ގަދަ ދުވަސްވަރަކަށް ވުމުންނެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި 51.8 ޑިގްރީ ސެލްސިއެސް އަށް ހޫނުމިން އެރި އެވެ.
ރަޖިސްޓްރީ ނުވެ ހައްޖަށްދާ މީހުންނަށް، ގަދަ ހޫނުން ރައްކާތެރިކަން ހޯދައިދޭން ސައޫދީ ސަރުކާރުން ހަރަމްފުޅު ސަރަހައްދުގައި ގާއިމުކޮށްދީފައިވާ ވަސީލަތްތައް ބޭނުމެއް ނުކުރެ އެވެ.
ސައޫދީން މިދިޔަ މަހު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި މައްކާ ސަރަހައްދުގެ ހޫނުމިން ކޮންމެ 10 އަހަރަކުން 0.4 ޑިގްރީ ސެލްސިއެސް އަށް މަތިވެ އެވެ.
މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. މީގެ ތެރޭގައި ގިނައީ އިންޑޮނީޝިއާ މީހުންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy