ދުނިޔެ / އެމެރިކާ

ރިޔާސީ ރޭހުން ބައިޑެން ވަކިވުމުގެ ޗާންސަކީ ސުމެއް: ވައިޓް ހައުސް

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ އިތުރު ދައުރަކަށް މަގާމަށް އެކަށީގެން ނުވާ ކަމުގެ ވިސްނުން އާންމުން ތެރޭ ގަދަވެ ކެމްޕެއިން ވަނީ އުނދަގޫވެފައި. -- ފޮޓޯ: އޭއެފްޕީ

04 ޖުލައި 2024 - 06:04

ރިޔާސީ ބަހުސްގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ރައީސް ޖޯ ބައިޑެން ފެނުނު ނިކަމެތި އަދި ލަދުވެތި ގޮތުގެ ސަބަބުން ފާޑުކިޔުން އިތުރުވެފައި ވިޔަސް ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަވާނެ އެއްވެސް ހާލަތެއް ނެތް ކަމަށް އޭނާގެ ތަރުޖަމާނު އިއްޔެ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގައި ސީއެންއެން އިން ބޭއްވި ބަހުސަށް ފަހު ޑިމޮކްރެޓުންގެ މެދުގައި ބައިޑެންއާ މެދު ނުތަނަވަސްކަން އުފެދި އޭނާ ރިޔާސީ ރޭހުން ވަކިވެ އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ދަނީ ގޮވާލަމުންނެވެ. އަނެއްކޮޅުން ރިޕަބްލިކަންގެ ކެންޑިޑޭޓް ޓްރަމްޕުގެ ތާއީދު ކުރިއަށްވުރެ އިތުރުވާން ފަށާފައިވާ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ.

ނިއު ޔޯކް ޓައިމްސް އާއި ސީއެެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 81 އަހަރުގެ ބައިޑެން ވަނީ އޭނާ އަދިވެސް ރައީސް ކަމުގެ މަގާމަށް އެކަށީގެންވާ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ނުދެވިއްޖެ ނަމަ ރިޔާސީ ރޭހުގައި ހުންނެވުމާ މެދު ވިސްނަންޖެހޭނެ ކަމަށް އަރިސް ބޭފުޅުން ގާތު ދަންނަވައިފަ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކަރީން ޖީން ޕިއެރޭ ވަނީ މި ރިޕޯޓްތަކުގައި އެއްޗެސް ހަގީގަތެއް ނުހިމެނޭ ކަމަށާއި ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމުގެ އެއްވެސް ވިސްނުމެއް ރައީސް ބައިޑެން ނުގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.

"ރައީސަށް މަންޒަރު ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ. ރިޔާސީ ރޭހުގައި ދެމިހުންނަވާނެ،" އޭނާ ވިދާޅުވި އެވެ.

ބައިޑަން ވަނީ ކެމްޕެއިން ޓީމާއި ޕާޓީގެ މުވައްޒަފުންނާ ވާހަކަ ދައްކަވަމުން އޭނާ ރިޔާސީ ރޭހުގައި ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"ރިޔާސީ ރޭހުގައި އެންމެ ފަހު ވަގުތާ ހަމަޔަށް ދެމި ހުންނާނަން އަދި ކާމިޔާބު ވެސް ކުރާނަން. ސަބަބަކީ ޑިމޮކްރެޓުން އެއްބައިވުމުން އަބަދުވެސް ކާމިޔާބުވާނެ. އަހަރެމެން 2020 ގައި ޑޮނަލްޑް ޓްރަމްޕް ބަލިކުރި ގޮތަށް 2024 ގައި ވެސް ކުރާނަން،" ބައިޑެން ވިދާޅުވި ކަމަށް، ކެމްޕެއިންގައި އޭނާއާ އެކު އަރިހުގައި މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

ރިޔާސީ ބަހުސަށް ފަހު ބައިޑެން ދެއްވި އެކި އިންޓަވިއުތަކުގައި ވަނީ އެ ބަހުސް ދިޔައީ ރަނގަޅަށް ނޫން ކަމަށާއި އޭނާގެ ފަރާތުން ފެނުނީ ދަށް ނަތީޖާއެއް ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ.

"އަޅުގަނޑަށް ހެދުނީ ގޯހެއް. އެއީ ސްޓޭޖުގައި 90 މިނެޓް. ބައްލަވާ ތިން އަހަރާ ބައިގެ ތެރޭ އަޅުގަނޑު ކޮށްފައި ހުރި ކަންތައްތައް،" ރޭޑިއޯ އިންޓަވިއެއްގައި ބައިޑެން ވިދާޅުވި އެވެ.

ބައިޑެންގެ ކެމްޕެއިނުން މިހާރު ކެނޑިނޭޅި ކުރަމުންދަނީ ބައިޑެން އަދި އެއް ދައުރު އެމެރިކާގެ ރައީސްކަމުގައި ހުންނެވުމަށް އެކަށީގެންވާ ކަމަށާއި ސިއްހީ ހާލަތާއި އުމުރުގައި މައްސަލައެއް ނެތްކަން އާންމުންނަށް ވިސްނައިދިނުމުގަ އެވެ. -- އޭއެފްޕީ

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454