ޔޫތު މިނިސްޓްރީ: މިއަހަރުގެ ޒުވާނުންގެ އެވޯޑް ވެސް ވަނީ ފަސްކޮށްފައި --- ފޮޓޯ/މިހާރު
04 ޖުލައި 2024 - 16:13
ޔޫތު މިނިސްޓްރީން ބާއްވާ ޒުވާނުންގެ އެވޯޑް ހަފްލާ ވެސް ފަސްކޮށްފި އެވެ.
ކޮންމެ އަހަރަކު ދެމުން އަންނަ ޒުވާނުންގެ އެވޯޑް ހަފްލާ ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ އަންނަ މަހު 12 ވަނަ ދުވަހު އެވެ. ނަމަވެސް މިއަދު އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ހަފްލާ ބޭއްވުން ފަސްކޮށްފައިވާ ކަމަށާއި އަދި އެ ހަފްލާ ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
ހަފުލާ ފަސް ކުރަން ނިންމި ސަބަބެއް ޔޫތު މިނިސްޓްރީއަކުން ނުބުނެ އެވެ. ބެލެވޭ ގޮތުގައި އެ ހަފްލާ ފަސް ކުރީ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުންނެވެ.
މިއީ ސަރުކާރުން ބާއްވާ އެވޯޑް ހަފުލާތަކުގެ ތެރެއިން ފަސް ކުރި ދެވަނަ އެވޯޑެވެ. ސްޕޯޓްސް މިނިސްޓްރީން ބާއްވާ ސްޕޯޓްސް އެވޯޑް ވެސް ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ވަނީ ފަސްކޮށްފަ އެވެ. ސްޕޯޓްސް މިނިސްޓްރީން ކުރިން ރާވާފައި އޮތީ، އެވޯޑް ހަފުލާ މިރޭ ބޭއްވުމަށެވެ.
މި ހަފުތާގައި އެ މިނިސްޓްރީން ބުނީ އެވޯޑް ފަސް ކުރަން ނިންމީ ހަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވުމުން ކަމަށެވެ. އަދި މިއަހަރު ފަހުކޮޅު އެވޯޑް ހަފުލާ ބާއްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެކަމަކު ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން ގެންދަނީ އަޅަމުންނެވެ. އެގޮތުން ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް ނޫނީ ނުބޭއްވުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރަން ވެސް އޮތީ އަންގައިފަ އެވެ.
ސިޔާސީ މަގާމުތައް މަދުކުރަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިރު
04 July 2024
ތިއީ ވަރަށް ބޮޑު ހަރަދު ހިނގާނެ ކަމެއްބާ؟ މީގެ ކުރިން ކުރަން ބޭނުންނުވާ ކޮންމެ ކަމަކަށް ކޮޑިވް މިހާރު އިގްތިސާދު އޭކިޔާގެން ފޫޅު ކަޑާލީމަ ހުންނާނީ ރަގަޅަށް
ކެކެކެކެކެކެކެ
04 July 2024
މުޅި އަހަރު ވަޒީފާއަށް ދަމުން ކުޅިވަރުން ކުރިއަށް ދެވޭތޯ ކުރި އުންމީދު ފެނައް! ނަމަވެސް މިއަދުވެސް ސިޔާސީ މަގާމެއް " އެގޮތުން މި ފަހަރު ބޭފުޅަކު އައްޔަންކޮށްފައިވަނީ އެންވަޔަރަންމަންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އެމަގާމަށް އައްޔަންކޮށްފައިވަނީ ނެޓްބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވީ ފަޒުނާ ޖަލީލެވެ. " ހިތި ބޭސް އަދި ބޯންޖެހިފަ މިއޮތީ ކުޅިވަރު އާއިލާ އަށާއި މަސްވެރިންނަށް ދެއްތޯ! ސިޔާސީ ބޭފުޅުން މެކުހައް!
ާގުނބޯ
06 July 2024
އެންމެފަހުވަގުތުގައި ނުބޭއްވުމުން ކޮންޚަރަދެއްބާ ކުޑަވީ. ތަންހުރީ އަގުދީގެން ނިންމާފަ. އެވޯޑް ހަދާ ނިމިފަ. މިޔަކަށް ޚަރަދުކުޑަވިޔެކޭ ނުކިޔޭނެ. އިސްރާފޭ ކިއިދާނެ.