ދުނިޔެ / ބަންގްލަދޭޝް

ބަންގްލާދޭޝްގައި ދަރިވަރުންގެ މުޒާހަރާތަކުގައި ހަ މީހަކު މަރުވުމުން ސްކޫލްތައް ބަންދުކޮށްފި

ބަންގްލާދޭޝްގައި ދަރިވަރުން ކުރަމުން ގެންދާ މުޒާހަރާގައި އިއްޔެ ހަމަނުޖެހުން ހިނގުމުގެ ސަބަބުން ޒަހަމްވި އަންހެނަކަށް ފަރުވާ ދިނުމަށް ގެންދަނީ. -- ފޮޓޯ: އޭއެފްޕީ

17 ޖުލައި 2024 - 06:37

1 comments

ބަންގްލާދޭޝްގައި ދަރިވަރުން ކުރަމުންގެންދާ މުޒާހަރާތައް ހޫނުވެ އިއްޔެ ހަމަނުޖެހުންތައް ހިނގައި ހަ މީހަކު މަރުވުމާ އެކު މުޅި ގައުމުގެ ސްކޫލްތައް މުއްދަތެއް ނެތް ގޮތަށް ބަންދުކުރަން ސަރުކާރުން އަންގައިފި އެވެ.

ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ހަފްތާތަކެއް ވަންދެން ކުރި މުޒާހަރާތައް އިތުރުވެ ހޫނުވުމުން ބަންގްލާދޭޝް ސަރުކާރުން ވަނީ ހުރިހާ ހައި ސްކޫލްތަކާއި އިސްލާމީ ތައުލީމު ދޭ މަރުކަޒުތަކާއި ވޮކޭޝަނަލް އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ވެސް ވަކި ގޮތަކަށް އަންގަންދެން ބަންދުކުރަން އަންގައިފަ އެވެ.

މުޒާހަރާތައް އިއްޔެ ހޫނުވީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި ދަރިވަރުންނާއި ސަރުކާރަށް ތާއީދުކުރާ ދަރިވަރުން އެއްބަޔަކު އަނެއް ބަޔަކަށް ގަލާއި ލަކުޑިބުރި އާއި ދަގަނޑުން ހަމަލާދޭން ފެށުމާ އެކު އެވެ. އެއާ އެކު ފުލުހުން ނުކުމެ ކަރުނަގޭހާއި ރަބަރު އުންޑަ ޖަހައި މުޒާހަރާތައް ރޫޅާލި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ތަރުޖަމާނު އެމް.އޭ. ޚައިރު ވިދާޅުވީ ސްކޫލްތައް ބަންދުކުރަން އެންގީ ދަރިވަރުންގެ ރައްކަލަކަށް ކަމަށެވެ.

ބަންގްލާދޭޝްގައި ދަރިވަރުން ކުރަމުން ގެންދާ މުޒާހަރާގައި އިއްޔެ ހަމަނުޖެހުން ހިނގަން ފެށުމާ އެކު ބައެއް މީހުން ސަލާމަތްވާން ދުވަނީ. -- ފޮޓޯ: އޭއެފްޕީ

އެކަމަކު ބަންދުކުރަން އެންގި ތަންތަނުގެ ތެރޭގައި، މުޒާހަރާތަކުގައި ގިނައިން ބައިވެރިވާ ދަރިވަރުން އުޅޭ ޔުނިވަސިޓީތަކެއް ނުހިމެނެ އެވެ. އެއީ ޔުނިވަސިޓީތަކަށް މިފަދަ އެންގުންތައް އެންގުމުގެ ބާރު އެޑިއުކޭޝަން މިިނިސްޓްރީއަށް ނޯންނާތީ އެވެ.

ދަރިވަރުން އިއްޔެ މުޒާހަރާއަށް ނުކުތީ މުޒާހަރާތައް ހުއްޓާލުމަށް ފަހު ދަރިވަރުން ކްލާސްތަކަށް ގޮސް އަލުން ކިޔަވަން ފެށުމަށް ބޮޑުވަޒީރު ޝައިހް ހަސީނާ އާއި ސުޕްރީމް ކޯޓުން ވެސް ގޮވާލާފައި ވަނިކޮށެވެ.

އިއްޔެ މުޒާހަރާތަކުގައި މަރުވި މީހުންގެ ތެރެއިން ތިން މީހަކު މަރުވީ ޗިޓަގޮން ސަރަހައްދުންނެވެ. އެ މީހުންގެ ހަށިގަނޑުގައި ބަޑީގެ އުންޑަ އެރިކަމުގެ ނިޝާންތައް ހުރި ކަމަށް ހޮސްޕިޓަލްތަކުން ވަނީ ބުނެފަ އެވެ. މި ސަރަހައްދުން އިތުރު 35 މީހަކު ޒަހަމްވެފައިވެ އެވެ.

ބަންގްލާދޭޝްގައި ދަރިވަރުން ކުރަމުން ގެންދާ މުޒާހަރާގައި އިއްޔެ ހަމަނުޖެހުން ހިނގުމުގެ ސަބަބުން ޒަހަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދަނީ. -- ފޮޓޯ: އޭއެފްޕީ

އަނެއް ދެ މީހުން މަރުވީ ވެރިރަށް ޑާކާގަ އެވެ. ޑާކާގައި ސަރުކާރާ ދެކޮޅު އަދި ތާއީދުކުރާ ދަރިވަރުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދިނުމުގެ ތެރޭގައި އެކަކު މަރުވީ ބޮލަށް ލިބުނު އަނިޔާއަކުން ކަމަށާއި އިތުރު 60 މީހަކު ޒަހަމްވި ކަމަށް ފުލުހުން އޭއެފްޕީއަށް ބުންޏެވެ.

މުޒާހަރާކުރާ ދަރިވަރުން ބުނަމުން އަންނަނީ އެ މީހުން މުޒާހަރާކުރަނީ ހަމަނުޖެހުން އުފައްދަން ނޫން ކަމަށާއި އެހެން ބަޔަކު ހަމަނުޖެހުން އުފައްދަނީ ކަމަށެވެ.

މުޒާހަރާތަކާ ގުޅިގެން ހިނގަމުންދާ ކަންކަމާ ހެދި އެމްނެސްޓީ އިންޓަނޭޝަނަލް އާއި އެމެރިކާ އާއި އެހެން ބައެއް އިދާރާތަކާއި ގައުމުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. --އޭއެފްޕީ

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިޞްރު

19 July 2024

ތިއީ މުޒާހަރާކުރުން ހުއްޓުވައި ކުށްވެރިކުރުމަށް އެމީހުންގެ ސަރުކާރުން "ތަޅާނެ ކުދިން" ނެރެގެން ގެންނަ ހަމަނުޖެހުމެއް. ތިއީ ސަރުކާރުން ނެރޭ ޗަތުރާލީގުގެ ގުންޑާއިން! ސަރުކާރު ކޮރަޕްޝަން ހުއްޓުވަން މުޒާހަރާކުރުމުން އެކަން އޮށްބާލާގޮތް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454