ބަންގްލާދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތައް: އެ ހަމަނުޖެހުންތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި ދިވެހި އިންޓާން ޑޮކްޓަރުން ދަނީ ހަރަކާތްތެރިވަމުން
19 ޖުލައި 2024 - 22:54
ބަންގްލަދޭޝްގައި ކުރަމުން ގެންދާ މުޒާހަރާތަކާ ގުޅިގެން މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި، އެ ގައުމުގައި އިންޓާންޝިޕް ހަދާ ދިވެހި ޑޮކްޓަރުން ވެސް ބައިވެރިވާން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، ދިވެހި އިންޓާން ޑޮކްޓަރުން މަސައްކަތްކުރާ އެއް ހޮސްޕިޓަލް ކަމަށްވާ ބަންގްލާދޭޝްގެ ޗިޓަގޮންގްގައި ހުންނަ ސީއެމްސީއެޗުގައި ވެސް ވަނީ، ހަމަނުޖެހުންތަކުގައި އަނިޔާވި ބައެއް މީހުންނަށް ފަރުވާ ދީފަ އެވެ. އަދި ފުލުހުން ވަނީ އެ ހޮސްޕިޓަލަށް ހިމާޔަތް ވެސް ދީފަ އެވެ.
ބަންގްލަދޭޝްގެ ސަރުކާރުން އިންޓަނެޓާއި މުވާސަލާތީ ހިދުމަތްތައް ކަނޑާލާފައިވާތީ، އެތަނުގައި ތިބި ދިވެހި ޑޮކްޓަރުންނަށް ގުޅުމަށް ވަނީ ދަތިވެފަ އެވެ. "މިހާރު" އިން ކުރި މަސައްކަތުން ގުޅުނު ބައެއް ޑޮކްޓަރުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
ނަމަވެސް، އަޑު މާ ލަހުން އައުމާއި ދައްކާ ވާހަކަ ސާފު ނުވާތީ އަދި އަވަސް އަވަހަށް ކޯލް ކެނޑޭތީ އިތުރު މައުލޫމާތެއް ސާފުވާ ގޮތެއް ނުވި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފައިވާ ގޮތުގައި، އެ ގައުމުގައި ތިބި ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅެވެ. އަދި މުޒާހަރާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުލިބެ އެވެ.
ބަންގްލާދޭޝްގައި މުޒާހަރާތައް ހޫނުވެ ހަމަނުޖެހުން ބޮޑުވެފައިވާތީ، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަންހެނުންނާއި ފުދުންތެރިކަން ކުޑަ މީހުންނާއި ގައުމުގެ މިނިވަންކަމަށް ހަނގުރާމަކުރި މީހުންގެ ދަރިންނަށް އިސްކަން ދޭ ގޮތަށް ސަރުކާރަށް މުވައްޒަފުން ނެގުމުގެ އުސޫލާ ދެކޮޅަށް ފެށި މުޒާހަރާތަކުގައި މިހާތަނަށް 39 މީހަކު މަރުވިކަން ވަނީ ކަށަވަރުވެފަ އެވެ. އިއްޔެ އެކަނި ވެސް 32 މީހަކު މަރުވި އެވެ.
ހޮސްޕިޓަލްތަކުން އޭއެފްޕީއަށް ދިން މައުލޫމާތަށް ބަލާއިރު މަރުވި މީހުންގެ ތެރެއިން ތިން ބައިކުޅަ ދެ ބަޔަކީ ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ފުލުހުން ބަޑި ޖެހުމުގެ ސަބަބުން މަރުވި މީހުންނެވެ.
ބަންގްލާދޭޝްގެ 64 ޑިސްޓްރިކްޓްގެ ތެރެއިން ގިނަ ތަންތަނުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާފައި ވާއިރު، މަރުވި މީހުންގެ އަދަދު އަދި މައްޗަށް ދާނެ ކަމަށް ބެލެވޭ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ހަމަނުޖެހުންތައް ބޮޑުވުމާ އެކު އިންޓަނެޓް ކަނޑާލުމަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިންގައި، ފުލުހުންނާއި ސަރުކާރުގެ އެތައް އިމާރާތްތަކެއްގައި ހުޅުޖަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބަންގްލާދޭޝް ދައުލަތުގެ މީޑިއާ ވެސް ހިމެނެ އެވެ. އެތަނުގެ އަދިވެސް ހިދުމަތް ނުފެށެ އެވެ.
ދަރިވަރުން ކުރަމުން ދިޔަ މުޒާހަރާތައް މި ހަފުތާ ތެރޭގައި ބޮޑަށް ހޫނުވީ ސަރުކާރަށް ތާއީދުކުރާ ދަރިވަރުންތަކެއް މުޒާހަރާތަކާ ދެކޮޅަށް ނުކުތުމާ އެކު ހަމަނުޖެހުންތައް ހިނގައި ބަޔަކު މަރުވުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަސެންޓް
20 July 2024
ސަރުކާރުގެ މަތީމަގާމުތައް މިތަނުގައިވެސް ބަހަނީ ބައިއަޅައިގެން.
ރޮދުދީރު
20 July 2024
މިދިޔަ ސަރުކާރު ގެ ކަމަކަށް ތިވާނީ
ގެދޮރުވެރިޔާ
20 July 2024
އެމީހެއްގެ"ފުށްގަނޑު" މޮޑޭނެ ގޮތެއް އެނގޭނީ އެބަޔަކަށް. އެކަމަކު ތި ހިނގާ ކަންތައްތަކަށް ބަލާއިރު ހީވަނީ ވަޒީފާ ދިނުމުގެ އުޞޫލު ރަނގަޅެއް ނޫންހެން. ކިޔަވައިގެން ތިބި ޤާބިލް މީހުން ލައިގެން ޤައުމު ހިންގޭނީ. ފަގީރުންނަށް, އަންހެނުންނަށް އަދި ގައުމުގެ ދިފާޢުގައި ހަނގުރާމަ ކުރި މީހުންގެ އާއިލާ ތަކަށް އެލަވަންސެއް ދެވިދާނެ. ސޭކު ހަސީނާ މިހާރުވީ ގައުމު ދޫކޮށް ސްޕޭނަށް ގޮސްކަމަށް ވަނީ. އެއީވެސް ބޮޑު ގޯހެއް. ގައުމު ހަލަބޮލިވީ ވަގުތު ރައްޔިތުން ދޫކޮށް ފިލީ.
އައިމިނާ
20 July 2024
އަމިއްލަ ގައުމުގައުޅޭގޮތް.ދެން މިތަނުގަ ކިހިނެއް ވާނީ.
ޏާއްކޮ
20 July 2024
ހާދަ މޮޅޭ. މި ހާލަތުގަ ވެސް ރޭސިސްޓ ވެވޭތޯ ބަލާ. ބަނގްލަދޭޝްގެ ތާރީހެއް އެތާ އުޅޭ ބައެއްގެ ސަގާފަތާ ހާލަތާ އެއްވެސް އެއްޗެއް މި ދިވެހިން ނުބަލާ، އަބަދުވެސް އެ މީހުން ދައްކޮށް ލެވޭ ތޯ ބަލާތި.
މިޑްސް
21 July 2024
ޏާއްކޮ ވާނުވާ ގަ ތަ؟ އެއީ ބަންގާޅީންގެ ހާލަތު ހަމަ. އަހަރެން މީ އެތަނުގައި ކޯހެއް ހަދަން 6 މަސް ދުވަހު ހުރި މީހެއް. 6 މަސް ތެރޭގައި ބޮޑު 15 ވަރަކަށް މުޒާހަރާ ދިޔަ. ހެސްކިޔާފަ ހަމަނުޖެހުން ބޮޑުކޮށް ދިޔައީ. މީހަކު އެއްޗެކޭ ބުނާއިރަށް ކޮން ރޭސިސްޓެކޭތަ މި ކިޔަނީ. ހަމަ ބަންގާޅީން އެއީ. އެމީހުން އަމިއްލައަށް އެ ދަރަޖަ ލިބިގަނެގެން އުޅެނީ.