ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ އުސޫލާ ދެކޮޅަށް ބަންގްލާދޭޝްގައި ކުރާ މުޒާހަރާގައި ހަމަނުޖެހުން ހިނގަނީ. -- ފޮޓޯ: އޭއެފްޕީ
22 ޖުލައި 2024 - 06:00
ބަންގްލާދޭޝްގައި ސިވިލް ސާވިސްގެ ވަޒީފާއަށް މީހުން ނެގުމުގައި އަމަލުކުރަން ފެށި އުސޫލާ ދެކޮޅަށް ފެށި މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށްވެ 150 އަށްވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށް އެ އުސޫލަށް ސުޕްރީމް ކޯޓުން ބަދަލުތަކެއް ގެނެސްފި އެވެ.
ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމަށް ސިޔާސީ ގޮތުން ކޯޓާ ކަނޑައެޅުމާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަމުގައި ހިނގި އެންމެ ބޮޑު އެއް ހަމަނުޖެހުމަށް ބަދަލުވެ އިއްޔެ ނިޔަލަށް ވަނީ 151 މީހުން މަރުވެފަ އެވެ.
ސިފައިން ނުކުމެ ސިޓީތަކުގައި ފޯރިމަރައި އަދި ކަންކަން ހަމަޔަކަށް އަޅުވަން ފުލުހުން މަސައްކަތް ފަށާފައި ވަނިކޮށް ސުޕްރީމް ކޯޓުން ސިވިލް ސާވިސްގެ ވަޒީފާގެ ކޯޓާގެ މައްސަލައިގައި ގޮތެއް މި ނިންމީ އަންނަ މަހު ހުކުމް ކުރަން ތާވަލްކޮށްފައި އޮތުމަށް ފަހު އެވެ.
ސިވިލް ސާވިސް އަށް މީހުން ނެގުމުގެ އުސޫލު ޣައިރު ގާނޫނީ ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނިންމީ އާ އުސޫލު އެ އޮތް ގޮތަށް އަލުން ތަންފީޒުކުރަން ފެށުމަށް ދަށު ކޯޓުން ކުރި ހުކުމް ގޯސް ކަމަށެވެ.
ބަންޑާރަ ނައިބު ޖެނެރަލް އޭ.އެމް. އަމީނުއްދީން ވިދާޅުވީ ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރި އިރު، ކުރިން ވަޒީފާތަކުގެ 56 ޕަސެންޓް ވަކި ބަޔަކަށް ހާއްސަކުރާ ގޮތަށް އޮތް އޮތުން ހަތް ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށެވެ.
މައްސަލަ ކޯޓަށް ހުށަހެޅުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަކީލެއް ކަމަށްވާ ޝާހް މުންޖުރުލް ހައްގު އޭއެފްޕީ އަށް ވިދާޅުވީ ސިވިލް ސާވިސް ވަޒީފާގެ އުސޫލަށް ބަދަލު ގެނައި އިރު، ދަރިވަރުން މުޒާހަރާ ހުއްޓާލާފައި އަލުން ކްލާސްތަކަށް ދާން ވެސް ކޯޓުން އަންގާފައިވާ ކަމަށެވެ.
މިހާރު ހަމަޖައްސާފައި ވަނީ ސިވިލް ސާވިސް ވަޒީފާތަކުގެ ފަސް ޕަސެންޓް ހާއްސަކުރަންވާނީ 1971 ވަނަ އަހަރު ޕާކިސްތާނާ ހަނގުރާމަކޮށް ބަންގްލާދޭޝް އަށް މިނިވަންކަން ހޯދައިދިން "ބަތަލުން" ގެ ދަރިންނަށް ކަމަށެވެ. ކުރިން އޮތީ މި އަދަދު 30 ޕަސެންޓް ކަމަށެވެ.
ގަބީލާތަކުގެ މީހުންނަށް އެއް ޕަސެންޓް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ ބަންގްލާދޭޝްގެ ގާނޫނުގެ ދަށުން "ތިން ވަނަ ޖިންސު" ގެ މީހުންނަށް ވެސް ލިބޭނީ އެއް ޕަސެންޓް ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.
މިހާރު ނިންމާފައިވަނީ ބާކީ ދެން އޮންނަ 93 ޕަސެންޓަކީ ގާބިލްކަމަށް ބަލައިގެން ވަޒީފާއަށް ހޮވަންޖެހޭ ނިސްބަތް ކަމަށެވެ.
މުޒާހަރާކުރާ މީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ ގައުމަށް މިނިވަންކަން ހޯދައިދިން މީހުންގެ ދަރިންނަށް ހާއްސަކޮށް ވަޒީފާ ދިނުމެވެ. ދަރިވަރުން ބުނަނީ އެއީ ބޮޑުވަޒީރު ހަސީނާގެ އަވާމީ ލީގް ޕާޓީއަށް ވަފާތެރި މީހުން ރުއްސުމަށް ހަދާފައިވާ އުސޫލެއް ކަމަށެވެ.
ދަރިވަރުން ވަނީ އަންހެނުން އަދި ގައުމުގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ މީހުންނަށް ވެސް ވަޒީފާގެ ކޯޓާ ކަނޑައަޅާފައި ވާތީ މި ހުރިހާ ކަމެއް އުވާލުމަށް ގޮވާލައިފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމަށް މަރުހާ ކިޔަމުން ދަރިވަރުން ވަނީ އަދި މިވަރުން މުޒާހަރާ ނުހުއްޓާނެ ކަމަށާއި އެ މީހުންގެ ޑިމާންޑަކީ މުޅި އުސޫލު އުވާލުން ކަމަށެވެ. އެހެންވެ މުޒާހަރާތައް ވެސް މި ހުކުމާ ގުޅިގެން ހުއްޓާލެވެން ނެތް ކަމަށް ވެސް ބުންޏެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy