މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އަބްދުއްރަހީމް މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅަށް ބަދަލުވެވަޑައިގަންނަވަން މިހާރު ވަނީ ނިންމަވައިފައި.-- ފޮޓޯ: މަޖިލިސް
24 ޖުލައި 2024 - 15:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނަށް ހާއްސަ ކޮށްފައިވާ ރަސްމީ ގެކޮޅު ކަމަށްވާ މުރައިދޫގެއަށް ބަދަލުވެވަޑައިގަންނަވަން ނިންމަވައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް އަބްދުއްރަހީމް ވަނީ އެމަނިކުފާނު މުރައިދޫގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން އެ ގެކޮޅުގެ ބައެއް މަގާމުތަކަށް ބަދަލުތަކެއް ގެންނަން ސިޓީއަކުން ހުށަހަޅުއްވައިފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅުގެ މަސައްކަތް ނިމި އެތަން ބޭނުންކުރަން ފަށަންވާއިރަށް އެތަނުގެ ބައެއް މަގާމުތަކަށް ބަދަލު ގެންނަން މަޖިލީހުގެ ރައީސް ބޭނުންވޭ،" ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވި އެވެ.
އަބްދުއްރަހީމް ހުށަހެޅުއްވީ މުރައިދޫގޭގެ އެއް މަގާމެއްގެ ނަން ބަދަލުކޮށް، ހަތަރު މަގާމެއް އުވާލުމަށް ފަހު، އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމުގެ ހުއްދައަށެވެ.
އެ ކޮމިޓީގައި އިސްދޫ ދާއިރާގެ މެމްބަރު އިސްމާއިލް ޝަފީއު ވިދާޅުވީ މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅު މަރާމާތުކުރުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިމާރާތްކުރާ ރަސްމީ ގެކޮޅު ކަމަށްވާ މުރައިދޫގެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެހެންވެ، އަބްދުއްރަހީމް ހުށަހެޅުއްވި ގޮތަށް ބަދަލުތައް ގެންނަން އޭނާ ކޮމިޓީއަށް ހުށަހެޅުއްވި އެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 8 މެމްބަރުންގެ ތާއީދާއެކު އެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.
މުރައިދޫ ގެއަކީ މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ކުރި ގެއެކެވެ.
ބޮމުގެ ހަމަލާއަށް ފަހު ނަޝީދު މުރައިދޫ ގޭގައި ދިރިއުޅުއްވި ނަމަވެސް ނަޝީދަށް ފަހު މަޖިލީހުގެ ރައީސްގެ މަގާމު އެންމެ ފަހުން އަދާ ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެ ގޭގައި ދިރި ނޫޅުއްވަ އެވެ.
އޭގެފަހުން މިދިޔަ މެއި މަހު މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތް، އަބްދުއްރަހީމް ވެސް މިހާތަނަށް ދިރިއުޅުއްވަނީ އޭނާގެ އަމިއްލަ ގެކޮޅުގަ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން މަޖިލީހުގެ އިދާރާއިން ކުރިން ބުނީ މުރައިދޫގެ މަރާމާތު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އަދި މަޖިލިސް ރައީސް އެތަނަށް ބަދަލުވެވަޑައިގަތުމާ މެދު ގޮތެއް ނިންމަވާނީ އެ މަސައްކަތް ނިންމައި މަޖިލީހާ ތަން ހަވާލުކުރުމުން ކަމަށް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައިޖްލިސް
24 July 2024
މި ވެރިންގެ ޚަރަދުތައް ބޮޑުވެގެން ގޮސް އެ ފޫބައްދަން މިޖެހެނީ އަހަރެމެން އާދައިގެ މީހުންގެ ޓެކުހުން ނަގާ ފައިސާއިން. އަދިވެސް ކުރީ ސަރުކާރޭ އަނެއް ސަރުކާރޭ ކިޔާލަ ކިޔާލަ ތިބޭ. މަޖްލިހުގެ ޚަރަދު ކުޑަކުރަން ކަމަކަށް ވާ ކަމެއް ކުރާތަނެއް ނުފެނޭ. ހުސް އަނގަ ތަޅަނީ.
ޙަރަދޭޓި
24 July 2024
ހަރަދު ކުޑަ ދިވެހިންގެ ރާއްޖެ
އިންސާފުކޮބާ
24 July 2024
ގޭގެ ކުއްޔަށް، ކެއުމަށް، ބޭސްފަރުވާއަށް، ދަތުރުފަތުރަށް ބައި ލާރި ވެސް ޚަރަދު ކުރަން ނުޖެހޭނެ ދޯ. ރައްޔިތުން ހަނާވާއިރު ބަޔަކު މީހުން ރައްޔިތުންގެ ޚަޒާނާގެ މަތީގައި އުދުހެނީ. ޤިޔާމަތް ދުވަހުން ކަލޭމެންނާއި ސުވާލުކުރެވޭނެ. މިއަދު ތިހެން އަރާމުގައި އުޅެލާ. ރައީސް ވެގެން، ވަޒީރު ވެގެން، މެމްބަރު ވެގެން ރައްޔިތުންގެ ޚަޒާނާ އިން މަންފާ ނަގާކަށް ނުޖެހޭ. ރައްޔިތުންނަަށް ނުލިބޭ ލައްޒަތެއްގައި އުޅޭކަށް ނުޖެހޭ ސަލާމަތޭ ޢިއްޒަތޭ ކިޔާފައި.
ޢަފޫރު
24 July 2024
ހިސާބު ސޯއަށް އެނގޭ ހަރަދު ކުޑަކުރަން
ޑިރާސށ
24 July 2024
ސާބަހޭ ،،، ރައްޔިތުން ގަރުދިޔަ ބަތް ކައިގެން އާދައިގެ ދިރިއުޅުމަކަށް ތިރި ކޮއްލާފައި 3 ބާރު ވެރިންނަށް އަމިއްލަ ގެއެއްގެ އިތުރުން ދައުލަތުން ގެއެއް .. ދެގޭގެ ހަރަދުވެސް ދައުލަތުން..
ހަކު
24 July 2024
މާލޭ ބޭފުޅުންނާ ނުބެހޭ.
ގަރުދިޔަ
24 July 2024
ލަދުން ބޯހަލާކު. މިފެންނަނީ ދިވެހިންގެ ސައިޒް.
ސަސި.
24 July 2024
މަ ހީކުރީ ހަރަދު ކުޑަކުރަން ވެގެން ބަދަލު ނުވާނެކަމަށް. އެކަމު މި ކުރިކަމަކީ އަމިއްލާ ގޭގެ ހަރަދު ކުޑަކުރީ
ބޮކަރު އަތަރު
25 July 2024
ހަރަދު ކުޑަކުރީ އެކަނި ނޫނޭ. ކުއްޔަށްދީ ބޮޑުތަނުން އާމްދަނީ ކުރިޔަށް ޖައްސާލަން ވިސްނުމުގެ މިސްރާބު ހުރިގޮތާ ބޮޑަށް ވައްތަރީ.
ޙިސާބު ސޯ
24 July 2024
ޢަހަރުމެން ހަރަދު ކުޑަކޮއްފަ މިމީހުން ބުނާ ވަރަކަށް ޓެކްސްވެސް ދައްކަންވީ. މިމީހުން ހަމަ މުއްޖަހާފަ ދައުލަތުގެ ފައިސާކާ އިސްރާފުވެސް ކުރަންވީ. މީވާ ގައުމެއް
ދިއްދޫމީހާ
24 July 2024
އެހެން ވީމާ އަޅުގަނޑުގެ ލޮބުވެތި އުސްތާޛްވެސް ވާނީ މުރައިދޫގޭ ރަސްގެފާނަށްތާ،މީގެ ކުރިން އުސްތާޛް އެއްމެ ގިނައިން ދެއްކީ މުރައިދޫ ގަނޑުވަރުގައި ދިރިއުޅޭ ރަސްގެފާންގެ ވާހަކަ
ފޮނިޓައްޕު ހަސަނު
24 July 2024
އަބްދުއްރަހީމްބެ ތީ ހަމަ ގަދަ ފޯވާޑެއް.