މާވެލް ސްޓޫޑިއޯސްގެ ރައީސް ކެވިން ފައިގީއަށް ހޮލީވުޑް ވޯކް އޮފް ފޭމްގެ ތަރި އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާއާ އެކު މާވެލްގެ އެކްޓަރުން.
27 ޖުލައި 2024 - 07:11
މަޝްހޫރު ފަންނާނުންގެ އަގުވަޒަންކުރުމަށްޓަކައި ހޮލީވުޑް ވޯކް އޮފް ފޭމްގައި ދެމުން އަންނަ ތަރި، މާވެލް ސްޓޫޑިއޯސްގެ ރައީސް ކެވިން ފައިގީއަށް ލިބިއްޖެ އެވެ.
ފަންނާނުންގެ އަގުވަޒަންކުރުމުގެ ގޮތުން ހޮލީވުޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދެމުން އަންނަ ތަރިއަކީ ވޯކް އޮފް ފޭމްގެ މަގުމަތީގައި ހާއްސަ ނަމެއް ޖަހައި ދެވޭ ތަރިއެކެވެ.
އޭނާއަށް މި ޝަރަފު އެރުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވެސް މާވެލްގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ މަޝްހޫރު ގިނަ ތަރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި އިއްޔެ ސިނަމާތަކުގައި ދައްކަން ފެށި މާވެލްގެ އާ ފިލްމު "ޑެޑްޕޫލް އެންޑް ވޮލްވެރިން"ގެ ތަރިން ކަމަށްވާ ހިއު ޖެކްމަން އަދި ރަޔަން ރެނޮލްޑްސް ހިމެނެ އެވެ.
މާވެލްގެ އެކްޓަރުން ކަމަށްވާ ކްރިސް އިވާންސް، ކްރިސް ޕްރެޓް، ސެބަސްޓިއަން ސްޓެން، ސިމޫ ލިއު، ބްރީ ލާސަން، ޑޭވިޑް ހާބާ، ކޭ ހޫ ކުއަން އަދި ކެތުރިން ހާން ވެސް ދިޔަ އެވެ.
ކެވިން ފައިގީ އޭނާ ކެރިއަރު ފެށީ 2000 ވަނަ އަހަރު ގެނެސްދިން މާވެލްގެ "އެކްސް-މެން"ގެ ޕްރޮޑިއުސަރެއްގެ ގޮތުގަ އެވެ. މާވެލް ސްޓޫޑިއޯސްގެ ރައީސަކަށް އޭނާ ހަމަޖެއްސީ 2006 ވަނަ އަހަރު އެވެ. އަދި އޭނާގެ 2008 ވަނަ އަހަރު އުފެއްދި ސުޕަހީރޯ ފިލްމު "އަޔަން މޭން" އަކީ މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ)ގެ ފެށުމެވެ. އޭގެ ފަހުން ވަނީ ވަރަށް ވަރުގަދަ ފިލްމުތައް ގެނެސްދީ، އެންމެ ކާމިޔާބު ސުޕަހީރޯ ފިލްމު ފްރެންޗައިޒަކަށް މާވެލް ހަދައި ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy