27 ޖުލައި 2024 - 21:17
ލަންކާގައި ކުރިއަށްދާ އެ ގައުމުގެ ޖޫނިއާ މުބާރާތުން ރާއްޖޭގެ އަމްނާ ތަޒްކިޔާ މިރްސޯދު ރިހި މެޑަލް ހޯދައިފި އެވެ.
ރާއްޖޭގެ ޖޫނިއާ ޓީމުގެ ފެތުންތެރިން ވާދަކުރާ މުބާރާތުގައި، ތަޒްކިޔާ ހޯދި ރިހި މެޑައްޔާ އެކު އެ މުބާރާތުގައި މިހާތަނަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދިވެހި އެތުލީޓަކީ ތަޒްކީޔާ އެވެ.
ފަންސާސް މީޓަރު ލޯންގްކޯޒް އިވެންޓްގައި މިއަދު ވާދަކޮށް، އެ ރޭހުގެ ދެވަނަ ތަޒްކިޔާ ހޯދީ 29.67 ސިކުންތުންނެވެ. އެއާ އެކު އޭނާ ވަނީ އެ މުބާރާތުގައި ތިން މެޑަލް ރާއްޖެ އަށް ހޯދައި ދިނުމުގައި ހިއްސާ ވެފަ އެވެ.
އެއީ އިންޑަވިޖުއަލް ލޯ މެޑައްޔަކާއި ރިލޭ އިވެންޓުން ދިވެހި ޓީމުގައި ހިއްސާވެގެން ހޯދި ލޯ މެޑަލް އެވެ. އިންޑަވިޖުއަލް ލޯ މެޑަލް ހޯދީ 100 މީޓަރު ފްރީސްޓައިލް އިވެންޓުން 1 މިނެޓާއި 5.03 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ރިލޭ އިވެންޓްގައި 4 ގުނަ 100 މީޓަރުގެ މެޑްލޭ އިވެންޓުން ދިވެހި ޓީމު ލޯމެޑަލް ހޯދި 5 މިނެޓާއި 38.03 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އެ މެޑަލް ހޯދައި ދިނުމުގައި ތަޒްކިޔާގެ އިތުރުން ދިވެހި ޓީމުން ދެން ހިއްސާވީ ޒޯހާ އަޒްލީ ނަސީމާއި މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ހަލީލެވެ.
މި މުބާރާތުގައި ތަޒްކީޔާ ވަނީ ތިން ފަހަރަށް ގައުމީ ރެކޯޑް އާ ކޮށްފަ އެވެ. ފްރީ ސްޓައިލްގެ 100 މީޓަރު ރެކޯޑް އިއްޔެ ދެ ފަހަރަށް އޭނާ އާ ކުރި އެވެ. އަދި 200 މީޓަރުގެ ބެކްސްޓްރޯކް އިވެންޓްގެ ރެކޯޑް ވެސް އޭނާ ވަނީ އާ ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޒަސް
28 July 2024
މަރުހަބާ ތަޒްކީ. ރާއްޖޭގެ ސްވިމިންގެ ގެ ފިއުޗަރ ތަރިއެއް.. ކީޕްއިޓް އަޕް