މޯލްޑިވިއަން އިން މިއަދު ރާއްޖެ ގެނައި ދެ އޭޓީއާރް ބޯޓު، މީގެ ބޯޓަކުން 72 މީހުންނަށް ދަތުރު ކުރެވޭނެ .--ފޮޓޯ:ނިޝާން އަލީ/މިހާރު
29 ޖުލައި 2024 - 14:02
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެމަޑެއަސް ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (އެމަޑިއަސް ޖީޑީއެސް)އާ އެކު އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.
މީގެއިތުރުން މޯލްޑިވިއަނުން ވަނީ އިންޓަނޭޝަނަލް އެއާޓްރާންސްޕޯޓް (އަޔާޓާ)ގެ ބިލިން އެންޑް ސެޓްލްމަންޓް ޕްލޭން (ބީއެސްޕީ)ގައި ވެސް ބައިވެރިވެފަ އެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި އަޔާޓާއިން އިންޑިއާގައި އެކްރެޑިޓްކޮށްފައިވާ ބީއެސްޕީގެ ޓްރެވަލް އެޖެންޓުންނަށް ކިއު2-986ގެ ޓިކެޓް ޕްލޭޓާ އެކު އެމީޑިއަސް ޖީޑީއެސް ޕްލެޓްފޯމް އިން މޯލްޑިވިއަންގެ ފްލައިޓްތަކަށް އީ-ޓިކެޓް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އިންޑިއާގެ ބީއެސްޕީން އެކްރެޑިޓްކޮށްފައިވާ ހުރިހާ ޓްރެވަލް އެޖެންޓުންނަށް ކޮމްޕްރެހެންސިވް އެކްސެސް އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިއީ އެ އެއާލައިނުން ދަތުރުކުރަން ބޭނުންވާ ފަސިންޖަރުންނާއި ޓްރެވަލް ޓްރޭޑް ޕާޓްނަރުންނަށް ލުއި އަދި ފަސޭހަކަމާ އެކު ދަތުރުތައް ކުރެވޭނެ ގޮތްތައް އިތުރުކޮށްދޭން ގާއިމްކުރި ޕާޓްނާޝިޕެކެވެ.
މި ޕާޓްނާޝިޕްގެ ސަބަބުން ޓިކެޓިން އާއި ޑިސްޓްރިބިއުޝަން ޕްރޮސެސްތައް ފަސޭހަވެ، އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރަން ފަސޭހަވެ, ރަނގަޅު އޮފާތަކެއް ލިބޭނެ އެވެ.
މޯލްޑިވިއަންގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު އިސްމާއިލް އަމްރާހު އުމަރު ވިދާޅުވީ އެމަޑިއަސް ޖީޑީއެސް އާއި އައިއޭޓީއޭގެ ބީއެސްޕީއާ އެކު އެ އެއާލައިންގެ ޑިސްޓްރިބިއުޝަން ކޭޕެބިލިޓީ އިތުރުކުރުމުން ޕާޓްނަރުންނާއި ކަސްޓަމަރުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. މިއީ އެއާލައިނުގެ މަސައްކަތްތައް ފުޅާކޮށް, ގިނަ ފުރުސަތުތަކެއް އެ އެއާލައިނަށާއި ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
މޯލްޑިވިއަނުން އިންޑިއާގެ ތިން ސަރަހައްދަކަށް ހަފުތާއަކު 13 ދަތުރު ކުރެ އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ކޮޗިންއަށް ހަތަރު ދަތުރާއި ޓްރިވެންޑްރަމަށް ފަސް ދަތުރާއި ބެންގަލޫރަށް ދެ ދަތުރެވެ. އޭގެ އިތުރުން ޓްރިވެންޑްރަމަށް ހަނިމާދޫން ދެ ދަތުރު ކުރެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ހުރިހާ ދަތުރުތަކަކަށް ވެސް ޖީޑީއެސްއިން ޓިކެޓު ނެގޭނެ އެވެ. އަދި ރާއްޖޭގެ 17 އެއާޕޯޓަކަށް ކުރާ ދަތުރުތަކަށް މި ނެޓްވޯކު މެދުވެރިކޮށް ޓްރެވަލް އެޖެންޓުންނަށް ޓިކެޓު ނެގޭނެ އެވެ.
މޯލްޑިވިއަން އިން ދެކޭ ގޮތުގައި މިއީ، ޓޫރިޒަމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެން ދާނެ މަގެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
30 July 2024
ކިޔާ ނިމުނުއިރުވެސް ތިޔަ ކަމެއްގެ ސަބަބުން ލިބޭނެ ލުޔަކާ ވާނެ މޮޅެއް ނޭނގުނު. ހަމައެކަނި އެނގުނީ ބައިވަރު ފަސޭހަތަކެއް ލިބޭނެކަން.
އޮނަރަބްލް އަފީފު ދީދީ
29 July 2024
ކ.އަތޮޅު މާލޭ މީހުނަށް "އަގުހެޔޮކޮށް ދަތުރު ކުރެވޭނެގޮތް ހަދަން" ކުންފުންޏަށް ގެއްލުންވާގޮތަށް އިންޑިޔާގެ އެތައް މަންޒިލަކަށް ޑެއިލީ ޝެޑިއުލް ދަތުރު އަޅަމުންދާއިރު އައްޑޫ ރައްޔިތުން އިންޑިޔާއަށް ބޭސް ކުރުމަށް ދިއުމަށްޓަކާ ގޭން-ޗެންނާއީ ގެ އިތުރުން ގޭން ބެންގްލޯރ އަށް ހަފުތާއަކު އެއް ދަތުރު ނަމަވެސް އަޅާދޭންވީ ނޫންތޯ. # މިހާރުވެސް މޯލްޑިވިއަނުން މާލެ އާއި އައްޑުއާއި ދެމެދު ޓިކެޓް ވިއްކަނީ މާލެ ކޮޗިން އަށް ޓިކެޓް ވިއްކާ އަގަށްވުރެން ބޮޑު އަގުގައި.
އޮނަރަބްލް އަފީފު ދީދީ
30 July 2024
އައްޑޫ ޗެންނާއީ ދަތުރުތައް ކުރެވޭވަރަށް ލޯޑު ނުލިބޭނެކަމަށް މޯލްޑިވިއަނުން ބުންޏަށް އެކަން ޤަބޫލު ނުކުރެވޭނެ ސަބަބަކީ ސްރީލަންކަން އަމިއްލައަށް އިސްނަގައިގެން ކޮލަމްބޯ ގޭން ޝެޑިއުލް ދަތުރު ފެއްޓީމާ އޭރު ކުންފުނި ހިންގާންހުރި ހާރިސް ބުނީ އެމީހުނަށް އެކަން ނުކުރެވޭނެ ކަމަށާއި "ދުވަސް ކޮޅަކުން ހުއްޓާލާނެ" ކަމަށް. އެކަމަކު މިހާރުވެސް ހަފުތާއަކު 2 ދަތުރު އެއަރބަސް A-321 ގައި އެމީހުން އަޅަމުންދޭ.
2024
29 July 2024
ޓްރެވެންޑްރަމްއަށް އަގުހެޔޮވާނެތޯ.....ބޮއިހަލަކި