31 ޖުލައި 2024 - 15:52
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 79.39 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު 97 ޕަސެންޓު އިތުރު އަދަދެކެވެ.
އެމްއައިބީ އިން އާއްމުކުރި ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި އެ ބޭންކަށް ފައިދާގެ ގޮތުގައި 56 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެމްއައިބީ އަށް ޖަމާކުރި ފައިސާގެ އަދަދު ވަނީ 8.21 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި އަދަދު ހުރީ 7.58 ބިލިއަން ރުފިޔާގަ އެވެ. މި އަދަދުތަކަށް ބަލާއިރު އެ ބޭންކުގައި ފައިސާ ރައްކާ ކުރާ ވަރު އަންނަނީ އިތުރު ވަމުންނެވެ.
އެމްއައިބީ އިން ބުނި ގޮތުގައި އިގުތިސާދީ ދަތި ދަނޑިވަޅެއްގައި ވެސް މިފަދަ ބޮޑު ކާމިޔާބީއެއް ލިބިފައި ވަނީ ރާއްޖޭގެ ބޭންކިން ނިޒާމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްދީ، ރައްޔިތުންގެ އިތުބާރު ހޯދައިގެން ކަމަށެވެ. އަދި މިއަދު އެމްއައިބީ އަކީ ވިޔަފާރި ފަށަން ބޭނުންވާ ގިނަ ޒުވާނުން ވެސް ހިޔާރު ކުރާ ބޭންކެއް ކަމަށް އެމްއައިބީ އިން ބުންޏެވެ.
އެމްއައިބީ އިން ބުނީ އެ ބެންކަށް ލިބުނު ކާމިޔާބީގެ ސިއްރަކީ ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި އަމިއްލަ އަށް އިންޓަނެޓް ބޭންކިން ސެޓަޕް ކުރުމާއި ވަގުތުން ކާޑު ލިބުމުގެ އިތުރަށް އެމްއައިބީގެ ހިދުމަތުގެ ސަލާމަތީ ކަންކަން ހަރުދަނާވުން ކަމަށެވެ.
އެމްއައިބީ އިން އަންނަނީ ޒަމާނީ ގިނަ ބަދަލުތަކެއް ގެނެސް، ހިދުމަތްތައް އޮންލައިންކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެ ބޭންކުގެ ހިދުމަތްތައް ފުޅާކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy