ސްރީ ލަންކާގެ މައި އެއާޕޯޓުން މީހަކު ފުރަން ދަނީ: ލަންކާއަށް ދާ މީހުންގެ ވިސާ ޕްރޮސްކުރުން ބޭރު ބަޔަކާ ހަވާލުކުރުން ކޯޓުން ވަނީ ހުއްޓުވާފައި.
02 އޯގަސްޓް 2024 - 23:22
ސްރީ ލަންކާގެ ވިސާ ޕްރޮސެސިން މަސައްކަތް އައުޓްސޯސްކޮށް، އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން ސަރުކާރުން ނިންމި ނިންމުން އެ ގައުމުގެ އެންމެ މަތީ ކޯޓުން ހުކުރު ދުވަހު ހުއްޓުވައިފި އެވެ.
އިދިކޮޅު ޕާޓީތަކާއި ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ވެސް ވަނީ ލަންކާގެ ވިސާ ސިސްޓަމަށް "އިލެކްޓްރޯނިކް ޓްރެވަލް އޯތޮރައިޒޭޝަން ޕްރޮސެސް" ކުރުން ޕްރައިވެޓައިޒްކުރުމާ ދެކޮޅު ހަދައިފަ އެވެ. މިނިސްޓަރު ވެސް ވިދާޅުވެފައިވަނީ މިގޮތަށް ކަންތައް ކޮށްފި ނަމަ ޓޫރިސްޓުން ލަންކާއަށް ދާން ފަސްޖެހޭނެ ކަމަށެވެ.
ނަމަވެސް މިދިޔަ އޭޕްރީލް މަހު ސަރުކާރުން ވަނީ އިންޑިއާގެ ޖީބީއެސް ޓެކްނޮލޮޖީ ސާވިސަސް އާއި އައިވީއެސް ގްލޯބަލް އެފްޒެޑްކޯ އާއި ވީއެފްއެސް ގްލޯބަލް ޓެކްނޮލޮޖީ ޕާޓްނަރެއްގެ ގޮތުގައި ކޮންޓްރެކްޓްކޮށް އައުޓްސޯސްކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ.
އެކަމަކު ހުކުރު ދުވަހު ސުޕްރީމް ކޯޓުން ވަނީ މި އެއްބަސްވުމަށް އަމަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ފަހު، ކުރިން ވެސް މި މަސައްކަތްކުރި ލަންކާގެ ޓެލެކޮމް ކުންފުނިން މަސައްކަތް ކުރިއަށް ގެންދިއުމަށް އަމުރުކޮށްފަ އެވެ. މި އަމުރަށް ފަހު ދެން މިކަމުގައި އިތުރު އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ އޮކްޓޫބަރު މަހަށެވެ.
މައްސަލަ ކޯޓަށް ހުށަހެޅި ފަރާތްތަކުން ބުނެފައިވަނީ ބޭރު ބަޔަކަށް ކޮންޓްރެކްޓް ދިނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ނޫން ކަމަށާއި ކުރިއަށް އޮތް 16 އަހަރު ތެރޭ އެ ކުންފުންޏަށް 2.75 ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.
ވިސާ ޕްރޮސެސިން އައުޓްސޯސްކުރުމަށް ހެދި އެއްބަސްވުމުގެ ދަށުން ގައުމުން ބޭރުގެ އެއްވެސް މީހަކު ލަންކާއަށް އެތެރެވާ ނަމަ އެ މީހެއްގެ އެޕްލިކޭޝަން ޕްރޮސެސްކުރުމަށް 25 ޑޮލަރު ދައްކަންޖެހޭނެ އެވެ. އޮންއެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ މީހުން ވެސް މި ފީ އަކުން އިސްތިސްނާއެއް ނުވެ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންދީދީ
03 August 2024
މިހާރު ނޫހުން ބަލާދީބަލަ ރާއްޖޭގައި މިކަން ކުރަނީ ކިހިނެއްތޯ؟ ރާއްޖޭގައި ވެސް މިކަން ކަން ބޭރުމީހުންގެ އަތްމައްޗަށް ދިނުން ހުއްޓުވަން ޖެހޭ
އެދުރު1
03 August 2024
އިންޑިޔާ ބޭނުންވާނެ އައުޓްސޯސް ކޮއްގެން އިންޑިޔާ މީހުން ލަންކާގައި ދިރިއުދޭންވެސް